ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އަތުން ބަލިވި މެޗަށްފަހު، މެޗުގެ ރެފުރީއާ ގުޅުވައިގެން ބޮރޫޝިއާ ޑޯޓްމުންޑުގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ދެއްކި ވާހަކައިގެ މައްސަލައިގައި އޭނާ 40،000 ޔޫރޯއިން ޖޫރިމަނާކުރަން ޖަރުމަނުގެ އެފްއޭއިން ނިންމައިފިއެވެ.
ޑޯޓްމުންޑުގެ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުން ބަޔާން މޮޅުކޮށްދިން ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ޕެންލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ އޭރިއާ ތެރެއިން ޑޯޓްމުންޑުގެ މެޓްސް ހަމެލްސްގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީއާ ގުޅިގެން ޑޯޓްމުންޑުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއިރު، ރެފުރީ ވަނީ ޑޯޓްމަންޑުގެ ކޯޗު މާކޯ ރޯސްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއްވެސް ދައްކާފައެވެ.
އެ މެޗުގެ ރެފުރީއަކީ މެޗު ފިކްސިން މައްސަލައެއްގައި 2005 ވަނަ އަހަރު ހަ މަހަށް ސަސްޕެންޑުވެސް ކޮށްފައިވާ ފީލިކްސް ޒްވޯޔާއެވެ.
މެޗަށްފަހު ދިން އިންޓަވިއުއެއްގައި ބެލިންހަމް ބުނީ އެ މެޗުގައި ފެނިގެންދިޔައީ މެޗި ފިކްސިން މައްސަލައެއްގައި މީގެ ކުރިން ބައިވެރިވެފައި ހުރި ރެފުރީއަކާ ޖަރުމަން ފުޓްބޯޅައިގެ އެންމެ ބޮޑު މެޗު އިންސާފުކުރަން ހަވާލުކުރުމުން ފެންނާނެ މަންޒަރު ކަމަށެވެ. އެގޮތުން އެ މެޗުގައި ބަޔާނަށް ދިން ޕެނަލްޓީއަކީ އެއްވެސް ގޮތަކަށް ދެވޭނެ ޕެނަލްޓީއެއް ނޫން ކަމަށާއި، ހަމެލްސް އަތުގައި ބޯޅަ ޖެހުނު ގޮތަށް ބަލާލުމުންވެސް އެކަން ފެނިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެއާއެކު މެޗުގެ ރެފުރީއާ ގުޅުވައިގެން ބެލިންހަމް ދެއްކި ވާހަކައިގެ މައްސަލަ ޖަރުމަނުގެ އެފްއޭއިން ބެލިއިރު، އެ އިދާރާއިން މިހާރު ވަނީ އޭނާ 40،000 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. އެކަމަކު އޭނާއަށް އެއްވެސް މެޗެއްގެ ސަސްޕެންޝަނެއް ދީފައެއް ނުވެއެވެ.
ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް ބަލިކޮށް ބަޔާނުން މިހާރު ވަނީ ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެ ޓީމަށް ކުޅުނު 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ދެވަނައިގައި އޮތް ޑޯޓްމަންޑަށް 14 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.