ކ. މާލެ
|
7 ޑިސެންބަރ 2021 | އަންގާރަ 19:03
ގައުމީ ފިރިހެން ވޮލީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން
ގައުމީ ފިރިހެން ވޮލީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން
އަތޫފް އާތިފް
އިންޑިއާގައި ވޮލީ ޓީމުތައް ކޭމްޕުކުރުން
ސެންޓްރަލް ޒޯނުގެ ކުރިން އިންޑިއާގައި ގައުމީ ވޮލީ ޓީމުތައް ކޭމްޕުކުރަނީ
 
އިންޑިއާގައި ކޭމްޕް ކުރިއަށްދާނީ ފަސް ދުވަހުގެ މުއްދަތަކަށް
 
ކޭމްޕުގެ ކުރިން ލަންކާއާ ދެކޮޅަށް މާލޭގައި ތިން މެޗެއް ކުޅޭނެ

މި މަހު ބަންގްލަދޭޝްގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުތައް އިންޑިއާގައި ތަމްރީނު ކޭމްޕެއް ބާއްވަން ނިންމާފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.

"ރާއްޖެ.އެމްވީ" އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވީއޭއެމުގެ ޖެނެރަލް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް ވިދާޅުވީ ސެންޓްރަލް ޒޯން މުބާރާތަށް ނުކުތުމުގެ ކުރިން އިންޑިއާގައި ގައުމީ ޓީމުން ތަމްރީނު ކޭމްޕެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އިންޑިއާގައި ގައުމީ ޓީމުން ކޭމްޕުކުރާއިރު، މީގެ ކުރިން މި ކޭމްޕް ބަހުރޭން ނުވަތަ ގަތަރުގައި ބާއްވަން ވަނީ މަސައްކަތް ކޮށްފައެވެ.

ސޫޒަން ވިދާޅުވީ އިންޑިއާގައި ގައުމީ ޓީމުން ކޭމްޕުކުރާއިރު، އެ ކޭމްޕް ކުރިއަށްދާނީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

ބަންގްލަދޭޝް މުބާރާތުގެ ކުރިން އިންޑިއާގައި ކޭމްޕުކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި. މިއީ މީގެ ކުރިން ބަހްރޭނުގައި ބާއްވަން ނިންމިން ކޭމްޕް. އެހެންނަމަވެސް އެންމެ އެދެވޭ ޖަވާބެއް ނުލިބުމުން އިންޑިއާގައި ކޭމްޕުކުރަން ނިންމީ.
ވީއޭއެމުގެ ޖެނެރަލް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުތައް އިންޑިއާގައި ކޭމްޕުކުރާއިރު، އެ ކޭމްޕުގެ ކުރިން މި މަހުގެ ތެރޭގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން މާލޭގައި ސްރީ ލަންކާގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް ތިން މެޗެއް ކުޅޭނެއެވެ.

މި އަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ލަންކާއާ ދެކޮޅަށް ރާއްޖޭން އެކުވެރިކަމުގެ ތިން މެޗެއް ކުޅޭއިރު، މީގެ ކުރިން 2019 ވަނަ އަހަރުވެސް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފުގެ ދައުވަތަކަށް ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ލަންކާއަށް ދައުވަތުދީގެން މާލޭގައި ވަނީ ތިން މެޗެއް ކުޅެފައެވެ.

މި ފަހަރުގެ މެޗުތައް ކުޅުމަށް އަންނަ ބުދަ ދުވަހު ލަންކާ ޓީމު ރާއްޖެ އަންނައިރު، މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 9 އާއި، 10 އަދި 12 ވަނަ ދުވަހުއެވެ. އަދި އެ ތިން މެޗުގެ ތެރެއިން ރަސްމީ ބޮޑު މެޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކުޅޭ މެޗެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބާއްވާ މުބާރާތުގައި ގައުމީ ފިރިހެން ވޮލީ ޓީމުގެ އިތުރުން އަންހެން ޓީމުވެސް ވާދަކުރާނެއެވެ. ފިރިހެން ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން 15 ކުޅުންތެރިންގެ ސްކޮޑެއް މިހާރު ފައިނަލް ކޮށްފައިވާއިރު، ސެންޓްރަލް ޒޯން މުބާރާތަށް ދާނީ 12 ކުޅުންތެރިންގެ ސްކޮޑެކެވެ. އެހެންކަމުން މިހާރު އެކުލަވާލި ސްކޮޑުން އަދި ތިން ކުޅުންތެރިއަކު ބާކީވާނެއެވެ.

މި މަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އަދި އަންހެން މުބާރާތުގައި ރާއްޖެ އާއެކު ވާދަކުރާނީ ކިރްގިސްތާނާއި، ނޭޕާލާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް