ކ. މާލެ
|
7 ޑިސެންބަރ 2021 | އަންގާރަ 16:34
ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް
ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް
އެޑިއުކޭޝަން މިނިސްޓްރީ
ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް
90 އިންސައްތަ ދަރިވަރުން ވެކްސިން ފުރިހަމަކޮށްފި
36،029 ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވޭ
32،358 ދަރިވަރުން ވަނީ ވެކްސިން ފުރިހަމަކޮށްފައި
40،000 ދަރިވަރުން ވެކްސިން ޖަހާނެ ކަމަށް މިނިސްޓްރީން ލަފާކުރޭ

90 އިންސައްތަ ދަރިވަރުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސްކޫލް ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގެ ތެރެއިން ވެކްސިން ޖަހައިދެމުންދަނީ އުމުރުން 12 އަހަރާ 17 އަހަރާ ދެމެދުގެ އުމުރުފުރާގެ ދަރިވަރުންނަށެވެ.

މި ޕްރޮގްރާމް ފަށައިގެން ކުރިއަށްދާތާ މިހާރު 4 މަސް ވާން ގާތްވެފައިވާއިރު، 218 ސްކޫލެއްގެ 36،029 ދަރިވަރުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އެއީ މާލެ ސަރަހައްދުގެ 22 ސްކޫލްގެ 12،923 ދަރިވަރުންނާއި، އަތޮޅުތެރޭގެ 196 ސްކޫލުގެ 23،106 ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލް ދަރިވަރުންގެ ތެރެއިން 97.3 އިންސައްތަ ދަރިވަރުން މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ކަމަށެވެ.

މީގެ އިތުރުން 217 ސްކޫލެއްގެ 32،358 ދަރިވަރުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެއީ މާލެ ސަރަހައްދުގެ 22 ސްކޫލެއްގެ 11،225 ދަރިވަރުންނާއި، އަތޮޅުތެރޭގެ 195 ސްކޫލެއްގެ 21،133 ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއާއެކު ސްކޫލް ދަރިވަރުންގެ ތެރެއިން 90.1 އިންސައްތަ ދަރިވަރުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށެވެ.

ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބުނު 128,700 ޑޯޒް ފައިޒަރ ވެކްސިނާއެކުއެވެ. މި ޕްރޮގްރާމުގެ ދަށުން 40،000 ދަރިވަރުން ވެކްސިން ޖަހާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ކުރިން ބެލެނިވެރިން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން ބެލެނިވެރިންގެ އެއްވެސް އިއުތިރާޒެއް އޮތްތޯ ބަލާފައިވާއިރު، ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނަށް ގްރީން ކާޑް ދޫކުރުމުގެ މަސައްކަތްވެސް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދެއެވެ. އަދި ވެކްސިން ފުރިހަމަނުކުރާ ބެލެނިވެރިންނަށް ސްކޫލްތަކަށް ނުވަދެވޭނެ ގޮތް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

- ކޮމެންޓް