ބިދޭސީންގެ މައްސަލައަކީ 2014-2018އަށް ހާވާފައި އޮތް ހަޑިއެއް ކަމަށާއި އެކަން މި ސަރުކާރުން ހައްލު ކޮށްދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މަގުމަތީގައި ބިދޭސީން ސަލާން ޖެހުމުގައި އުޅޭ ކަމަށް ބުނެ އާއްމުން ފައުޅުކުރި ކަންބޮޑުވުމަކަށް އިޝާރާތް ކުރައްވައެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ބިދެސީންގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ.
ކުރާނެ މަސައްކަތެއް ނެތި މަގުމަތީގައި ސަލާން ޖަހާ ބިދޭސީން އިތުރުވެފައިވާއިރު، މި މައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ޚާއްސަ ޕްރޮގްރާމެއްގެ ދަށުން. އަނބުރާ ގައުމަށްދާން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު އަންނަނީ ދެމުންނެވެ. އަދި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށްވެސް މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
މި ސަރުކާރުން ވަނީ ބިދޭސީންގެ އަދަދު ކޮންޓްރޯލް ކުރުމުގެ ގޮތުން ބައެއް ދާއިރާތަކުން ކޯޓާ ދިނުންވެސް މަދު ކޮށްފައެވެ. ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރާ ކޯޓާގެ އަދަދު 2018 ވަނަ އަހަރަށްވުރެ މިސަރުކާރުގެ ފާއިތުވި 3 އަހަރު 55 އިންސައްތަވަނީ ދަށްކޮށްފައެވެ. ރެގިއުލަރައިޒް ކުރަން ފެށި މަސައްކަތުގައި 43،000 މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. ރަޖިސްޓަރީ ކުރި މީހުންގެ ތެރެއިން 8،938 މީހުން އެދިގެން ފުރުވާލާފައިވާއިރު، 2020 ވަނަ އަހަރު 15،000 މީހުން އަމިއްލައަށް ފުރައިގެން ދިޔައެވެ. ހަމައެއާއެކު، 2021 ގައި 3،000 މީހުން ފުރައިގެން ދިޔުމާއެކު ޖުމްލަ 27،000 މީހުން މިހާރު ވަނީ ފުރައިގެން ގޮސްފައެވެ.
މިހާ ހިސާބަސް ހޯދުނު ހޯދުންތަކުން ރާއްޖޭގައި 281،000 ބިދޭސީން އެބަތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.