ކ. މާލެ
|
5 ޑިސެންބަރ 2021 | އާދީއްތަ 23:19
ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ
ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ
ރާއްޖެއެމްވީ
ރައީސް ޔާމީނުގެ ހުކުމް
ޒިޔަތުގެ ފައިލް ކޯޓުން ހޯދުނުއިރު، ޑިޕޮސިޓް ސްލިޕްގެ ތަފްސީލު ބޭންކުން ހޯދާނުލެވުނު؟
ކުށް ސާބިތުވުމުގައި އުފެދޭ ޝައްކުގެ މަންފާ ތުހުމަތު ކުރެވޭ ފަރާތަށް ލިބިދޭ އުސޫލު އޮވޭ
ކިތާބީ ހެކިތަކުގެ ތެރޭގައި އެއްބަސްވުންތަކާއި ޑިޕޮސިޓް ސްލިޕް ހިމެނޭ
އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބަޔާންކޮށްފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމްކޯޓުން ދާދި ފަހުން ބާތިލުކޮށްފައިވާއިރު، އެ މައްސަލައިގައި ޝައްކުގެ މަންފާ ޔާމީނަށް ލިއްބައިދިނުމުގެ ކުރިން ބޭންކުން ސާފު ކުރަންޖެހޭ ކަންކަން ސުޕްރީމްކޯޓުގައި މި މައްސަލަ ނިންމެވި ފަނޑިޔާރުން ސާފު ނުކުރެއްވީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ފަށައިފިއެވެ.

ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްފައިވާއިރު، އެމަނިކުފާނުގެ ފަރާތުން ހުށައެޅި 22 އިސްތިއުނާފީ ނުކުތާގެ ތެރެއިން 13 ވަނަ ނުކުތާއަށް ފަނޑިޔާރުން ރިއާޔަތް ކުރައްވާފައިވެއެވެ. އެގޮތުން އެ ނުކުތާއަކީ މިއީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ބުނެ ހުށައަޅާފައިވާ ނުކުތާއެވެ.

އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ސާބިތު ކުރުމަށް ދައުލަތުން ހުށައެޅި ކިތާބީ ހެކިތަކުގެ ތެރޭގައި ޔުނައިޓެޑް އިންޓަރނޭޝަނަލް އިން ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ފައިސާ ދެއްކުމަށް އެމްއެމްޕީއާރްސީއަށް ދޫކުރި ޗެކް ބޭންކް އޮފް މޯލްޑިވްސްގައިވާ އެކައުންޓަށް ޖަމާކުރުމުގެ ގޮތުން ލިޔެފައިވާ ޑިޕޮޒިޓް ސްލިޕާއި، ބޭންކް އޮފް މޯލްޑިވްސްގައި އެސްއޯއެފްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުގެ ސްޓޭޓްމަންޓް ހިމެނެއެވެ.

އެހެންނަމަވެސް، މި މައްސަލައިގައި ހިމެނޭ ޑިޕޮސިޓް ސްލިޕާއި، އެކައުންޓުގައިވާ ނަންބަރުގައި ހިމެނޭ ފުށުއެރުމެއްގެ ސަބަބުން، ތުހުމަތު ކުރެވޭ މީހާއަށް ލިބިދޭ ޝައްކުގެ މަންފާ ރައީސް ޔާމީނަށް ލިބި، ރައީސް ޔާމީނު ވަނީ މިނިވަންވެފައެވެ. އެގޮތުން މި ފައިސާ ޖަމާކުރި ޑިޕޮސިޓް ސްލިޕްގައި، މޮރިޝަސް ކޮމާޝަލް ބޭންކްގެ އެކައުންޓުން ދޫކޮށްފައިވާ ކަމަށް ބުނާ ޗެކް ނަންބަރާއި، މި މައްސަލައިގައި ހުށަހަޅާފައިވާ އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި 11 އޮކްޓޯބަރ 2015 ގައި އެ ކައުންޓަށް ޖަމާވި އެއްމިލިޔަން ޑޮލަރުގެ މުއާމަލާތުގެ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާ ނުވާކަމަށް ރައީސް ޔާމީނުގެ ފަރާތުން ފާހަގަ ކުރުމާއެކު، ފަނޑިޔާރުން ވަނީ އެކަން ކަށަވަރު ކުރުމަށް މި މައްސަލައިިގެ އަޑިއަށް އިތުރަށް ފީނުއްވާފައެވެ.

އޭގެ އަލީގައި އެނގިގެން ދިޔައީ ދައުލަތުން ޔާމީނުގެ މައްސަލާގައި ހުށައަޅާފައިވަނީ ވޮޑަމުލާގެ މުއާމަލާތާ ގުޅިގެން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ އެއް މިލިޔަން އެމެރިކާ ޑޮލަރުގެ ޗެކާ އަބްދުﷲ ޒިޔާތު ޙަވާލުވެ، އެ ޗެކް އެމްއެމްޕީއާރްސީއަށް ލިބިފައިނުވާތީ އުފުލި ޚިޔާނާތުގެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ ތެރޭގައި ހިމެނޭ އެއްބަސްވުންތަކާއި، ޑިޕޮސިޓް ސްލިޕް ކަމެވެ.

އެގޮތުން ޔާމީނުގެ މައްސަލައިގައި 11 އޮކްޓޯބަރ 2015 ގައި އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން ޑޮލަރާއި ގުޅޭ ތަފްސީލުގައި ދައުލަތުން ހުށައަޅާފައިވާ ޗެކާއި ޑިޕޮސިޓް ސްލިޕްގައި އޮތް ނަންބަރަކީ، 0494502 އެވެ. ނަމަވެސް އެކައުންޓް ސްޓޭޓްމަންޓްގައި އޮތީ 0495402 އެވެ. 45އާއި 54 ގެ ފުށު އެރުމެއްގެ ނަތީޖާއަކަށްވީ ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ޔުނައިޓެޑް އިންޓަރނޭޝަލްއިން އެމްއެމްޕީއާރްސީ އަށް ދޫކުރި ޗެކުން ޖަމާވެފައިވާ އެއްމިލިޔަން ޑޮލަރުކަމާމެދު ޝައްކު އުފެދުމެވެ.

އެކަން ސާފުވެގެން ދިޔައީ ފަނޑިޔާރުން އެކަން ކަށަވަރު ކުރުމަށް ޒިޔަތުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން ހޯދައި އިތުރަށް ދިރާސާ ކުރުމުގެ ސަބަބުންނެވެ. އެހެންނަމަވެސް، އެ ބީދައިން ބޭންކް ސްޓޭޓްމަންޓާއި، ޑިޕޮސިޓް ސްލިޕްގައިވާ އޮޅުން ސާފު ކުރުމަށް ބޭންކު މެދުވެރިކޮށް މަސައްކަތް ކުރައްވާފައި ނުވަނީ ކީއްވެތޯ އެކި ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ޑިޕޮސިޓް ސްލިޕަކީ އަތު ލިޔުމުން ލިޔެފައިވާ ސްލިޕެއް ކަމުގައިވާތީއާއި، ޗެކް ނަންބަރު ކަށަވަރު ކުރެވޭ ގޮތަކީ އެ ޗެކް ނަންބަރު ފެނުމުން ކަމުގައިވާތީ، ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ހޯދުނެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު

ވަކިން ޚާއްސަކޮށް، އެ ދުވަހު ރައީސް ޔާމީނުގެ އެކައުންޓަށް އިތުރު ޗެކެއް ޖަމާވެފައި ނުވުމާއި، އެމަނިކުފާނުގެ އެކައުންޓުން އިތުރު މުއާމަަލާތެއް ކޮށްފައި ނުވާއިރު، އެ ޗެކްގެ ޑިޕޮސިޓް ސްލިޕްގައިވާ އޮޅުމަކީ ހަގީގަތުގައިވެސް ދައުލަތުން އެ ފާހަގަކުރާ ގޮތަށް، ބޭންކުން އެންޓަރ ކުރުމުގައި އޮތް ލިއުމުގެ ކުށަކަށް ވުން އެކަށީގެން ވާކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ. ވީއިރު އެކަން ފަނޑިޔާރުން އިތުރަށް ކަށަވަރު ނުކުރެއްވުމުން އެކަމާ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

މި މައްސަލައިގައި ޚުލާސާ ބަޔާން އިއްވި އަޑުއެހުމުގައިވެސް ފަނޑިޔާރުން ވަނީ ހުރިހާ ހެކިތަކަށް ރިއާޔަތް ކުރައްވައި، މައްސަލަ ދިރާސާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް