ކ. މާލެ
|
5 ޑިސެންބަރ 2021 | އާދީއްތަ 19:40
ފެރިދޫ ކައުންސިލާ ރައީސް ބައްދަލުކުރައްވަނީ
ފެރިދޫ ކައުންސިލާ ރައީސް ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
އއ. ފެރިދޫގެ ބަނދަރުގެ މަސައްކަތާއެކު، ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވިދާނެތޯ ބަލަނީ
ފެރިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި

އއ. ފެރިދޫގެ ބަނދަރުގެ މަސައްކަތާއެކު ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވިދާނެތޯ ބައްލަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ފެރިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ، އެރަށުގެ ބަނދަރު ހެދުމާއި، ގިރާ ސަރަހައްދު ޙިމާޔަތްކުރުމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ބޭނުންވާކަމަށާއި، އައު މިސްކިތެއްގެ އިތުރުން، ޒުވާނުންނަށް ޚާއްޞަކޮށް އެކި ކުޅިވަރުތައް ކުޅެވޭނެފަދަ މަރުކަޒެއް ބިނާކުރުމާއި، އަދި އެރަށުގައި ހުންނަ އއ. އަތޮޅު ސްކޫލަށް މަލްޓިޕާޕަސް ހޯލެއް އިތުރުކުރުމާއި، އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ރަށުގެ އިޖުތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަމާއި ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފެރިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބަނދަރު ހެދުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ވެސް ކަމާގުޅޭ މިނިސްޓްރީތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ ކަންކަން ހިންގުމުގައި ވަކި ރަށެއް ތަފާތުކުރުމެއްނެތި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދަވާނެކަން ފާހަގަކުރެއްވިއެވެ.


Advertisement
- ކޮމެންޓް