އައްޑޫސިޓީ ގަމުގެ ވައިގެ ބަނދަރަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެއަރލައިންތައް ޖައްސާ ބަނދަރަކަށް ވެގެންދާނެކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީ (އޭއައިއޭ)ގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވެއްޖެއެވެ. ގައިސް މިހެން ވިދާޅުވީ ދޮޅު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ސްރީލަންކަން އެއަރލައިންސް އައްޑޫއަށް ދަތުރު ކުރަން ފެށުން ފާހަގަ ކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ގައިސް ވިދާޅުވީ 2016ން 2020 ގެ ނިޔަލަށް ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އައްޑޫއަށް ކުރިއިރު އެއްވެސް ވަރަކަށް ކަނެކްޓިވިޓީގެ މަސައްކަތް ނުކޮށްއޮތުމާއެކު އެކަން ޙައްލުކުރުމަށްޓަކައި ކުންފުނިން މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ ދ. އަތޮޅުން ފެށިގެން އައްޑޫއާއި ދެމެދު ގުޅުވާލުމަށްޓަކައި ކުރެވެންހުރި މަސައްކަތް ކުރުމަށް ކަމަށެވެ.
އައްޑޫއާއި ސްރީލަންކާއާއި ދެމެދު ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ފެށުނީ ހޮނިހިރު ދުވަހު ގަމަށް ޖެއްސި ފްލައިޓާއެކުއެވެ. ސްރީލަންކަން އެއަރލައިންސްގެ ދަތުރު ފެށުމަށްޓަކައި ގަން އެއަރޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެފްލައިޓަށް "ވޯޓަރ ސެލިއުޓް" ދިނުމަށްފަހު ޕެސެންޖަރުންނަށް ވަނީ އޭޕްރަންއިން މަރުހަބާ ކިޔާފައެވެ. ފްލައިޓުން އައި ފަތުރުވެރިންނާއި އެހެންފަރާތްތަކަށް މަރުހަބާ ކިއުމުގައި ސްރީލަންކަން އެއަރލައިންސްއާއި އެއަރޕޯޓްސް ކޮމްޕެނީގެ އިސްވެރިންގެ އިތުރުން އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގާއި އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ބައިވެރިވެ ވަޑައިގެންނެވިއެވެ. ބޮޑުބެރު ޑާންސާއި ސަގާފީ ހަރަކާތްތަކާއެކު ކުރިއަށްދިޔަ މިރަސްމިއްޔާތުގެ ތެރެއިން ފަސިންޖަރުންނަށް ވަނީ މަރުހަބާގެ "ގިފްޓެއް" ހަދިޔާކޮށްފައެވެ.
މިރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްރީލަންކަން އެއަރލައިންސްގެ ކަންޓްރީ މެނޭޖަރ ފައުޒާން ފަރީދު ވިދާޅުވީ އެ އެއަރލައިނުން ދަތުރުކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށާއި ފަސިންޖަރުން ކުރާ ކޮންމެ ދަތުރަކީވެސް އަމާން ހިތްފަސޭހަ އަދި ހިތްހަމަޖެހޭފަދަ ދަތުރަކަށް ހެދުމަކީ އެއަރލައިނުން އެންމެ އިސްކަން ދޭނެ އެއްކަން ކަމަށެވެ. އަދި ހަމައެއާއެކު ސްރީލަންކަންއިން ފަށާ މިދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށްގެން ރިސޯޓުތަކާއި ގެސްޓްހައުސް އަދި ޓުއަރ އޮޕަރޭޓަރުންނާއެކު ވަރުގަދަ ގުޅުމެއް ގާއިމް ކުރައްވާނެ ކަމަށާއި ސްރީލަންކަން އެއަރލައިންސުން ގިނަ ޙަރަކާތްތަކެއް ފުޅާދާއިރާއެއްގައި އައްޑޫގައިވެސް ހިންގާނެކަމަށް ފައުޒާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މި އެއަރލައިންގެ ރާއްޖޭގެ އޮޕަރޭޓަރ އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވީ އައްޑޫ ކަހަލަ ލިމިޓެޑް ރިޒޯސް އޮތް ތަނެއްގައި އިންޓަނޭޝަނަލް އެއަރލައިނެއް އޮޕަރޭޓް ކުރާއިރު ގަން ވާންޖެހޭނީ މުޅި ސަރަޙައްދަށް ކަނެކްޓިވިޓީ ލިބޭ އެއަރޕޯޓެއްގެ ގޮތުގައި ކަމަށާއި އެގޮތުން ލ. އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ ރަށްތަކެއް ގަމާއި ގުޅާލުމަށް މަސައްކަތް ކުރެވެމުންދާކަމަށެވެ. މިކަމުގައި މިހާތަނަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަން ގަބޫލު ކުރައްވާކަމަށާއި އެހެންނަމަވެސް ހައްލުނުވެ ހުރި ގިނަ ކަންތައްތަކެއް އަދިވެސް ހުރި އިރު މިކަންކަން ވެސް މަޑުމަޑުން ޙައްލުވެގެންދާނެ ކަމަށް ފިރާގު ވިދާޅުވިއެވެ.
ޙަގީގަތުގަ ބޭނުންވާ ހުރިހާ ކަމެއް އެއްފަހަރާ ނުވެސް ކުރެވޭނެ. މިހާރުވެސް އެއަރޕޯޓަށް ވަރަށް ބޮޑު ކުރިއެރުންތަކެއް އެވަނީ ގެންނަވާފަ. ބޭރުން ބޮޑު ބަދަލެއް ނުފެނުނު ކަމުގައި ވިއަސް އެއަރޕޯޓުގެ ޓާމިނަލްތެރެއިން ވަރަށް ބޮޑުބައެއް އެވަނީ ބަދަލުކޮށް ތަނުން ލިބެންހުރި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެފައި. ފަސިންޖަރުންނަށްވެސް މިތަފާތު ފެންނާނެ. އެހެންކަމުން މިއީވެސް ވަރަށް ބޮޑު ކުރިއެރުމެއްއޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު
ފިރާގު ވިދާޅުވީ ސްރީލަންކަން އިން ރިސޯޓްތަކާއި ޓުއަރ އޮޕަރޭޓަރުންނާއެކު ނެޓްވޯކު ފުޅާކުރުމަށް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށާއި ހަމައެއާއެކު މޯލްޑިވިއަން ފަދައިން މަންތާ އެއަރ އަދި ސީޕްލޭން އޮޕަރޭޓަރުންނާއެކުވެސް މަޝްވަރާތައް ބާއްވަމުން އަންނަކަމަށެވެ.
ސްރީލަންކަން އިން އައްޑޫއަށް ފަށާފައި މިވަނީ ހަފުތާއަކު އެންމެ ފްލައިޓެކެވެ. މި ފްލައިޓް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.
ގަމާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމުގެ ގޮތުން، ސްރީލަންކަންގެ އޮފީހެއް އައްޑޫގައި ހުޅުވީ ނޮވެމްބަރު 1، 2016 ގައެވެ. ދަތުރުތައް ގަމަށް ފަށާފައިވަނީ ޑިސެމްބަރު 19، 2016 ގައެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އޭޖެންޓަކީ އޭސް އޭވިއޭޝަން ސާރވިސަސްއެވެ. އައްޑޫގެ ޓިކެޓިން އެޑްރެހަކީ މިފްރާ، ސ. ފޭދު (ބީޗް ރޯޑް) އެވެ.
ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނަށް ފަށާފައި މިވަނީ ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ބަންދުކޮށްފައި އޮތް ދެ ރިސޯޓްގެ ތެރެއިން ކެނަރީފް ރިސޯޓް (ހެރަތެރެ) ވެސް މިމަހުގެތެރޭ ހުޅުވަން ނިންމާފައި ވަނިކޮށެވެ. މީގެ އިތުރުން ގަމުގެ އީކުއޭޓަރ ވިލެޖާއި ސައުތުޕާމް ރިޒޯޓް ވެސް ހިންގަންފަށާފައިވާއިރު އައްޑޫގެ ގިނަ ގެސްޓްހައުސް ތަކަކުންވެސް ވަނީ އިންޓަނޭޝަނަލް ފްލައިޓް އުދުހޭނެ ދުވަހެއްގެ އިންތިޒާރުގައި ގިނަ ތައްޔާރީތަކެއް ވެފައިކަމުން މި ފްލައިޓާއެކު އައްޑޫގެ އިގްތިސާދަށް އެދެވޭ ހެޔޮ ބަދަލެއް ފެންނާނެކަމަށް އުއްމީދުކުރެވެއެވެ.