ކ. މާލެ
|
4 ޑިސެންބަރ 2021 | ހޮނިހިރު 12:56
ރައީސް ޔާމީނުގެ ސަރުކާރުގައި މުޒާހަރާތައް ކަވަރު ކުރުމަށް ޙަރަކާތްތެރިވި ނޫސްވެރިންނަށް އެކި ކަހަލަ ފުރައްސާރަ ކުރިމަތިވެފައިވޭ
ރައީސް ޔާމީނުގެ ސަރުކާރުގައި މުޒާހަރާތައް ކަވަރު ކުރުމަށް ޙަރަކާތްތެރިވި ނޫސްވެރިންނަށް އެކި ކަހަލަ ފުރައްސާރަ ކުރިމަތިވެފައިވޭ
ޓްވިޓަރ
ނޫސްވެރިކަމުގެ މިނިވަންކަން
ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ޔާމީނު ދެއްކެވި ވާހަކައަށް ބޮޑެތި ފާޑުކިއުން!
މިއަދު ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމެއް އަދި ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތްކަމަށް ވިދާޅުވި
ރައީސް ޔާމީން ވަނީ ބައެއް ނޫސްތަކަށް އިންޑިއާ އެމްބަސީން ފައިސާ ހަމަޖައްސައިދޭކަމަށް ވިދާޅުވެފައި
ޕްރެެސް ފްރީޑަމް އިންޑެކްސްއަށް ބަލާއިރު، 2018 ވަނަ އަހަރު ނެރުނު ލިސްޓްގައި ރާއްޖެ އޮތީ 120 ވަނައިގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސަރުކާރުގައި ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު ދެއްވައި، މިނިވަން ނޫސްވެރިކަން ކުރުމުގެ ފުރުސަތު ދެއްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު ދެއްވައި، މިނިވަން ނޫސްވެރިކަން ކުރުމުގެ ފުރުސަތު ދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި އޮންލައިން ނޫސްތައް ފިޔަވައި އެހެން ނޫސްތައް އޮންނަންޖެހެނީ "ސަރުކާރުގެ ޖީބުގައި" ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

މިއަދު ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމެއް އަދި ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެ އިތުރުން، ރައީސް ޔާމީން ވަނީ ބައެއް ނޫސްތަކަށް އިންޑިއާ އެމްބަސީން ފައިސާ ހަމަޖައްސައިދޭކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

‏ސްޕްރީމް ކޯޓުގެ ހުކުމަކުން ސަލާމަތްވީމާ މިހާރު ނޫސްތަކުގެ ހުކުމް އަޅުގަނޑާ ދޭތެރޭ ކުރަނީ. މައްސަލައެއް ނެތެއް ނޫންތޯ. ރާއްޖެއަކީ އަޅުގަނޑުމެންގެ ސަރުކާރުގައި މިނވަންކަމާއެކު ކޮންމެ ކަމެއްވެސް ލިޔަން ޖާގަދިން ނޫސްވެރިކަމެއް. މިސަރުކާރުގައި ކިހިނެއްތޯ އެކަން އޮންނަނީ. މިސަރުކާރުގައި އޮންލައިން ނޫސްތައް އެކަނި މިނިވަންކަމާއެކު ލިޔަނީ. ހުރިހާ އެހެން ނޫސްތައް އެހުރީ ސަރުކާރުގެ ޖީބުގައި. މިތާކު ނެތް މިނިވަންކަމެއް. މިތާކު ނެތް ފްރީޑަމް އޮފް އެކްސްޕެރެޝަނެއް. މިތާކު ނެތް މިނިވަން ޖާރނަލިޒަމެއް. ދެން އެހިރިހާ ނޫސްވެރިން ތިބީ އިންޑިޔާގެ މިތާގައި ހުންނަ އެމްބަސީން ފޮނުވާ ލާރިކޮޅު ނަގައިގެން އެ މީހުން ތިބެނީ. ނޫސްވެރިކަމުގެ މިނިވަންކަމެއް މިތަނަކު ނެތް.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އެމަނިކުފާނުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ހޯއްދަވައިދެއްވާފައިވާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވެފައިވާއިރު، އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 2016 ވަނަ އަހަރު ފާސްކުރި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ދަށުން ގިނަ ނޫސް މީޑިއާތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

އޭގެ އިތުރުން، ކޮންމެ އަހަރަކު އެއްފަހަރު 180 ގައުމު ހިމެނޭގޮތަށް އާންމު ކުރަމުންދާ ޕްރެެސް ފްރީޑަމް އިންޑެކްސްއަށް ބަލާއިރު، 2018 ވަނަ އަހަރު ނެރުނު ލިސްޓްގައި ރާއްޖެ އޮތީ 120 ވަނައިގައެވެ. އަދި 2019 ވަނަ އަހަރު އާންމު ކުރި ލިސްޓްގައި ރާއްޖެ 98 ވަނައިގައި އޮތްއިރު، 2020 ވަނަ އަހަރު ނެރުނު ލިސްޓުގައި ރާއްޖެ އޮތީ 79 ވަނައިގައެވެ. އިތުރު 7 ދަރަޖައިގެ ކުރިއެރުމާއެކު މިއަހަރު ރާއްޖެ އޮތީ 72 ވަނައިގައެވެ.

އާރުއެސްއެފް ގައިވާގޮތުން ރާއްޖެ ލިސްޓުގެ ފަހަތަށް މީގެކުރިން ވެއްޓުނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. 2013 ވަނަ އަހަރު ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ ލިސްޓުގެ 103 ވަނައިގައެވެ. 2018 އާއި ހަމަޔަށް ރާއްޖެ 17 ދަރަޖަ ދަށަށް ވެއްޓުނެވެ. އޭރު ސަރުކާރުން މަޖިލީހުގައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން ބޭނުންގޮތަކަށް ގާނޫނުތައްހަދައި އެކި މުއައްސަސާތަކުން އަމަލުކުރަމުން ދިޔަ ގޮތުގެ ސަބަބުން ޔާމީންގެ ވެރިކަމުގެ ފަސް އަހަރުވެސް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދިޔައީ ފަހަތަށެވެ.

ޔާމީންގެ ވެރިކަމުގައި އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 2016 ވަނަ އަހަރު ފާސްކުރި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުމަށް ދިމާވި މައިގަނޑު އެއް ސަބަބުގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކޮށްފައި ވެއެވެ. އަދި ފުލުހުންގެ ފަރާތުން ނޫސްވެރިންނާއި މީޑީއާތަކަށް ކުރިމަތިވި ގޮންޖެހުންތަކާއި، ގާނޫނުތަކާއި، އިޖުރާއަތުތަކާ ޚިލާފަށް ނޫސްވެރިން ހައްޔަރުކޮށް ދައުވާ ކުރުމަކީ ރާއްޖޭގައި ނޫސްވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންތަކުގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.

މި ގާނޫނު ބޭނުންކޮށްގެން ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންގެ މައްޗަށް އެތައް ދައުވާއެއް ކުރެވިގެން ދިޔައެވެ. ރާއްޖޭގެ މިނިވަން މީޑިއާތަކަށް ރައީސް ޔާމީނުގެ ވެރިކަމުގައި އެތައް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނުކަމަށް އާރުއެސްއެފްއިން ފާހަގަކޮށްފައިވާއިރު، އެޖައްމިއްޔާއިން މިސާލެއްގެ ގޮތުގައި ނަގާފައިވަނީ 'ރާއްޖެޓީވީ'އެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާކޮށް، ރާއްޖެޓީވީގެ މައްޗަށް އަބުރުގެ ދައުވާކޮށް ހަތަރު ފަހަރެއްގެ މަތިން 3.7 މިލިއަން ރުފިޔާއިން ޖޫރިމައިނާކޮށްފައިވެއެވެ.

އަދި އެންމެ ގިނަ ދުވަސްވީ ނޫސް "ހަވީރު" ހުއްޓާލަންޖެހުމާއި، ނޫސްވެރިޔާ މުހައްމަދު ރިލުވާން އަބްދުﷲ ގެއްލުވާލުމުގެ އިތުރުން ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ ހާދިސާއަކީވެސް ޔާމީންގެ ވެރިކަމުގައި ހިނގައިފައިވާ ކަންތައްތަކެވެ.

އޭގެ އިތުރުން، ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކާއި ކުރާ ހުކުމްތަކާ ގުޅޭ ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް ގާނޫނުލްއުގޫބާތު ބަދަލު ކުރަން އޭރުގެ ސަރުކާރުން ހުށަހެޅި އިސްލާހާމެދުވެސް ނޫސްވެރިން ހިތްހަމަނުޖެހުން ފާޅު ކޮށްފައިވެއެވެ. ވުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދެއްވާފައިވާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވުމުން ގިނަ ބަޔަކު މިއަދު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ނަމަވެސް ރައީސް އިބްރާހިމް ސޯލިހު ވެރިކަމަށް ވަޑައިގެން ވަނީ އަބުރުގެ ގާނޫނު އުވާލައްވާފައެވެ. އެއާއިއެކު ރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިއެރުންތަކެއް ލިބުނުކަން އާރުއެސްއެފް އިންވެސް ފާހަގަކޮށްފައި ވެއެވެ.

- ކޮމެންޓް