ކ. މާލެ
|
3 ޑިސެންބަރ 2021 | ހުކުރު 18:32
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ޝާހިދު ދެއްވި މެސެޖު
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ޝާހިދު ދެއްވި މެސެޖު
ރާއްޖެއެމްވީ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޮންމެ ތަނަކުންވެސް ޖާގަ ލިބެންޖެހޭ: ޝާހިދު
ނުކުޅެދުންތެރިކަން ހުންނަ ބިލިއަނަކަށްވުރެ ގިނަ މީހުން ދުނިޔޭގައި އެބަތިވި
ކަންކަން ނިންމުމުގެ މަރުހަލާގައި އެމީހުން ބައިވެރިކުރަންޖެހޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަންކަން ހިންގުމުގެ ކޮންމެ ހިސާބަކުން، ކޮންމެ ތަނަކުންވެސް ޖާގަ ލިބެންޖެހޭކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖުގައެވެ. ޝާހިދު ވިދާޅުވީ މި ދުވަސް ފާހަގަކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު މުޖުތަމައުގެ ތެރޭގައި ކަންކަން ވަމުންދާ ގޮތާއި، އެމީހުންގެ ހައްގުތަކާމެދު މުޖުތަމައު އަހުލުވެރިކުރުވުމަށް ކަމަށެވެ.

އެގޮތުން މިއަހަރު މިދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ލީޑަރޝިޕް އެންޑް ޕާސިޓިސިޕޭޝަން އޮފް ޕަރސަން ވިތް ޑިސްއެބިލިޓީސް ޓުވަރޑް އެން އިންކްލޫސިވް، އެކްސެސިބަލް އެންޑް ސަސްޓެއިނަބަލް ޕޯސްޓް ކޮވިޑް-19 ވޯލްޑް" މިއެވެ. މި ޝިއާރުން ހަނދާންކޮށްދެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް ކަންކަން ނިންމުމުގެ މަރުހަލާގައި ބައިވެރިކުރުވަން ޖެހޭ ބައެއް ކަން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެއީ ކޮވިޑް-19 އާއި ގުޅޭގޮތުން ނިންމާ ނިންމުމެއް ނަމަވެސް މެއެވެ. އެމީހުންނަށް ކަންކަން ހިންގުމުގެ ކޮންމެ ހިސާބަކުން، ކޮންމެ ތަނަކުންވެސް ޖާގަ ލިބެންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދުނިޔޭގެ ބިލިއަނަކަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ކޮންމެވެސް ކަހަލަ ނުކުޅެދުންތެރިކަމަކާއެކު ކަމަށާއި، މީގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ދިރިއުޅެމުންދާ މީހުން ކަމަށެވެ. އެމީހުންނަކީ މުޖުތަމައުގެ ކަންކަމުގައި ބައިވެރިވެ، ބާރުވެރި ބައެއް ކަން ކަށަވަރުކުރުމަށް އިތުރަށް މަސައްކަތްކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ ހެޔޮ އަސަރު ވަރަށް ގިނަ ކަންކަމުން ފެނިގެންދާނެ ކަމަށާއި، ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތުންވެސް މީހެ ހެޔޮ އަސަރު ފެނިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް