ކ. މާލެ
|
3 ޑިސެންބަރ 2021 | ހުކުރު 16:36
ރ.މަޑުއްވަރި
ރ.މަޑުއްވަރި
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19 ހާލަތު
މިވަގުތު 14 ރަށެއް އޮތީ މޮނިޓަރިންގައި!
މޮނިޓަރިންގައި އޮންނަތާ 3 މަސްވެފައިވާ 4 ރަށެއް ލިސްޓުގައި ހިމެނޭ
މާލެ ސަރަހައްދުން ފެންނަ ކޭސްތައް މަދު، އަތޮޅުތެރެއިން ފެންނަ ކޭސްތައް ގިނަ
ވެކްސިންގެ ބޫސްޓަރ ޑޯޒް 12،847 މީހަކު ޖަހާފައިވޭ

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އަތޮޅުތެރޭގެ 14 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަކީ ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ، ސ. ހުޅުމީދޫ، މ. މުލައް، ނ. މިލަދޫ، މ. މުލި، ރ. މަޑުއްވަރީ، ރ. އިންނަމާދޫ، ނ. ވެލިދޫ، ށ. ކޮމަންޑޫ، ބ. ދަރަވަންދޫ، އދ. މަހިބަދޫއެވެ.

މިރަށްތަކުގެ ތެރެެއިން މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަދުވަސް ވެފައިވަނީ ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ އަދި ސ. ފޭދޫ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މި ހަތަރު ރަށް މޮނިޓަރިންއަށް ލާފައިވަނީ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުއެވެ. ސ. ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުއެވެ. މ. މުލައް މޮނިޓަރިންއަށް ލާފައިވަނީ އޮކްޓޯބަރު މަހުގެ 20 ދުވަހުއެވެ. އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ނ. މިލަދޫ މޮނިޓަރިންއަށް ލާފައިވާއިރު، މ. މުލި މޮނިޓަރިންއަށް ލާފައިވަނީ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހުއެވެ. ރ. މަޑުއްވަރީ އަދި ރ. އިންނަމާދޫ މޮނިޓަރިންއަށް ލާފައިވަނީ ނޮވެމްބަރު 09 ވަނަ ދުވަހުން ފެށިގެންނެވެ. ނޮވެމްބަރު 14 ވަނަ ދުވަހު ނ. ވެލިދޫ މޮނިޓަރިންއަށް ލާފައިވާއިރު، ށ. ކޮމަންޑޫ މޮނިޓަރިންއަށް ލާފައިވަނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ބ. ދަރަވަންދޫ އަދި އދ. މަހިބަދޫ މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުއެވެ.

މޮނިޓަރިންގެ ހާލަތަށް ރަށެއް ގެންނަނީ ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށެވެ. މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ ކަންކަން އެޗްޕީއޭއިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހާލަތު ރަނގަޅު ރަށްރަށް މޮނިޓަރިންއިން ނަގަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 143 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވެއެވެ. މީގެތެރެއިން 117 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 22 މީހުންނެވެ. 4 މީހަކު ޕޮޒިޓިވްވެފައިވަނީ ހިންގަމުންދާ ރިސޯޓުތަކުންނެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 91،893ށް އަރާފައެވެ. މީގެތެރެއިން 89،913 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ފަރުވާދެމުން އަންނަނީ 1716 މީހަކަށެވެ. މީގެތެރެއިން 13 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. ރާއްޖޭގައި 251 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

މި ބަލިން ރައްކާތެރިވުމަށް ފަށާފައިވާ ވެކްސިނޭޝަން ޕްރޮގްރާމް އަދިވެސް ކުރިއަށްދެއެވެ. އަދި ވެކްސިންގެ ބޫސްޓަރ ޑޯޒްވެސް ޖަހައިދެމުންދެއެވެ. މިގޮތުން މިހާތަނަށް އައިއިރު 12،847 މީހަކު ވަނީ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާފައެވެ. 395،807 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 364،229 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

މިވަގުތު ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 50 އަހަރުން މަތީގެ މީހުންނަށެވެ. އެހެންކަމުން ބޫސްޓަރ ޑޯޒް ޖެހޭ އެންމެން ވީހާވެސް އަވަަހަކަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ސަރުކާރުން ގެންދަނީ ބާރުއަޅަމުންނެވެ.


Advertisement
- ކޮމެންޓް
3 ޑިސެންބަރ 2021 | ހުކުރު 18:34
ކަނައްކަފޫޅު
ރަށްރަށް މޮނީޓަރިންގްއަށް ލައިގެން އެރަށް ރަށުގެ ރައްޔިތުންނަށް ތަކުލީފް ޖެއްސުން ދެން ހުއްޓާލަން ވެއްޖެއެޢް ނޫންތޯ؟؟؟؟ ކޮންކަމެއް ހާސިލް ނުވެގެންތޯ ތިޔައުޅުއްވަނީ؟؟