ކ. މާލެ
|
2 ޑިސެންބަރ 2021 | ބުރާސްފަތި 19:05
ފުލުހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފުލުހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
މަހުމޫދުގެ މަރުގެ މައްސަލަ
މަހުމޫދުގެ ހަށިގަނޑު ވަޅަށް އެއްލާލީ ''ނެދުންގޭގައި'' ފަސްގަޑިއިރު ބޭއްވުމަށްފަހު: ފުލުހުން
 
ޝާ އަލޮމް މިއާއަކީ ގަވާއިދާ ޚިލާފަށް އުޅެމުން އައި މީހެއް
 
މަހުމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށްވާއިރު، 500ގެ ގާތްގަނޑަކަށް 20 ނޫޓް ފެނިފައިވޭ
 
ފަސް ގަޑިއިރުގެ ތެރޭގައި ތިން ފަހަރަށް ހަމަލާ ދީފައިވޭ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު ފަޅުގޭގެ ވަޅަށް އެއްލާފައިވަނީ، އޭނާ މަރާލި ނެދުންގޭގައި ފަސްގަޑިއިރު ބޭއްވުމަށްފަހު ކަމަށް ފުލުހުން ބުނެފިއެވެ. އަދި އޭނައަކީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށެވެ.

ނެދުންގެއަކީ މަހްމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ބަންގްލަދޭޝްގެ 29 އަހަރުގެ ޝާ އަލޮމް މިއާ ދިރިއުޅޭ ގެއެވެ. ފުލުހުން ބުނީ މަހުމޫދަށް މިދިޔަ އޮކްޓޯބަރު 13 ވަނަ ދުވަހުގެ ރޭ 9:05 ހާއިރު ޝާ އަލޮމް މިއާ ގުޅާފައިވާ ކަމަށާއި، ބައްދަލުކުރަން ދިޔަކަން ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. އަދި އެދެމީހުންގެ ދެމެދުގައި އިތުރު ގާތްގުޅުމެއް ނުވަތަ ރަހުމަތްތެރިކަމުގެ ގުޅުމެއް ވެސް އޮންނަކަން ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، މަހުމޫދަށް ފުރަތަމަ ހަމަލާ ދީފައިވަނީ ނެދުން ގޭގައި ކަމަށާއި، ފަސް ގަޑިއިރުގެ ތެރޭގައި ތިން ފަހަރަށް ހަމަލާ ދީފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ހޯދިފައިވާ ފޫޓޭޖްތަކުން އެކަން ސާފުވާ ކަމަށާއި، ފަސްގަޑިއިރު ފަހުން ކޮނޑުމައްޗަށް މީހެއްގެ ހަށިގަނޑުލައިގެން ދާތަން ފެންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މަހުމޫދުގެ ހަށިގަނޑަށް ބޮޑެތި ޒަޚަމްތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން ބޮލުގެ 3 ތަނަކަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާއިރު ހަށިގަނޑުން 30ށްވުރެ ގިނަ ޒަޚަމް ފެންނަން ހުރި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެގޭގައި ވަޅުލާފައިވާ މަހުމޫދުގެ ހުރިހާ ސާމާނެއް ހޯދިފައިވާ ކަމަށާއި، މައްސަލަ ސާބިތު ކުރެވޭވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ނެދުން ގެއިން ދެތިން ހަތިޔާރު ފެނިފައިވާ ކަމަށާއި، ހެކީގެ ގޮތުގައި އެހަތިޔާރު ބޭނުން ކުރާނެ ކަމަށެވެ.

މަހުމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށްވާއިރު، 500ގެ ގާތްގަނޑަކަށް 20 ނޫޓް ފެނިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މަހުމޫދަށް ހަމަލާދީފައިވަނީ ކުރިއާލައި ރާވައިގެންކަން ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ބަލާފާސްކުރުމުގެ ތެރޭގައި މަހުމޫދުގެ ބައެއް ތަކެތި، އަދި ތުހުމަތު ކުރެވޭ ފަރާތުގެ ބައެއް އަންނައުނު އަދި ފެނިފައިވޭ. މި މައްސަލާގައި ޝާ އަލޮމް މިއާގެ މައްޗަށް ތުހުމަތު ކުރެވޭ، ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ ހ ހިމެނޭ ގޮތަށް އިތުރު ޖުމްލަ ހަ ތުހުމަތަކާއި، އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާއިން ފެށިގެން ނުވަވަނަ މާއްދާއަށް ހުރި ތުހުމަތުތައް އިއްވާފައިވާނެ.
ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު
މަހުމޫދުގެ ހަށިގަނޑަށް ދީފައިވާ އަނިޔާތައް،

ސައީދު ވިދާޅުވީ މަހުމޫދު މަރުގެ އިތުރުން ވައްކަމުގެ މައްސަލައެއްގައި ޝާ އަލޮމް މިއާ ބައިވެރިވެފައިވާ ކަމަށާއި، އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޝާ އަލޮމް މިއާ ވަނީ މަހުމޫދު މަރާލި ކަމަށް އެއްބަސްވެފައެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.

އޮކްޓޫބަރު މަހުގެ 14ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި, 57 އަހަރުގެ މަހުމޫދު ގެއްލިގެން ހޯދަނިކޮށް ފެނުނީ ބޮލަށާއި ފަޔަށް ގޯންޏެއް ލައްވައި، ވަޅަކަށް އެއްލާލާފައި އޮއްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
67%
11%
22%
0%
0%
0%
ކޮމެންޓް