ކ. މާލެ
|
1 ޑިސެންބަރ 2021 | ބުދަ 18:05
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތުން ރައީސް އޮފީހަށް ޕެޓިޝަން ހުށަހެޅުމަށް އެ އޮފީހަށް ވަންނަނީ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތުން ރައީސް އޮފީހަށް ޕެޓިޝަން ހުށަހެޅުމަށް އެ އޮފީހަށް ވަންނަނީ
ރާއްޖެއެމްވީ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތައް ބޮޑުކުރުމަށް ގޮވާލައި، ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފި
ޕެޓިޝަނުގައި ވަނީ 2000 ރުފިޔާއިން 5000 ރުފިޔާއަށް ބޮޑުކުރަން
2000 ރުފިޔާ އަކީ، މިހާރު ރާއްޖޭގެ ހިދުމަތްތަކާއި ތަކެތީގެ އަގު ހުރި ގޮތަށް ބަލާއިރު އެކަށީގެންވާ ވަރެއްނޫން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭ އިނާޔަތްތައް ބޮޑުކުރުމަށް ގޮވާލައި، ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުން ގެންދާ 2،000 ރުފިޔާގެ އިނާޔަތް 5،000 ރުފިޔާއަށް ބޮޑު ކުރުމަށް އެދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައި އެކަމުގެ މަސައްކަތް ކޮށްފައިވަނީ ހއ. އިހަވަންދޫގެ ޚާއްސަ އެހީއަށް ބޭނުންވާ ތިން ޒުވާނަކު އިސްނަގައިގެންނެވެ. ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ގެންދިޔައީ ގޫގަލް ފޯމެއް މެދުވެރިކޮށެވެ.

މި ޕެޓިޝަނުގައި ބުނެފައި ވަނީ، މިހާރު ދޭ 2،000 ރުފިޔާގެ އިނާޔަތަކީ މިހާރު ރާއްޖޭގެ ޚިދުމަތްތަކާއި ތަކެތީގެ އަގު ހުރި ގޮތަށް ބަލާއިރު އެކަށީގެންވާ ވަރެއްނޫން ކަމަށެވެ. އާންމު ދިރިއުޅުމުގެ މިންގަނޑުން ބަލާއިރު ވެސް، ކެއުންބުއިމާއި އެ ނޫން ވެސް ޒަރޫރީ ބޭނުންތައް މިހާރު ކަނޑައަޅާފައިވާ މާލީ އިނާޔަތުން ނުފުދޭ ކަމަށް ޕެޓިޝަނުގައިވެއެވެ. މި ޕެޓިޝަނުގައި 7300ށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަކީ ޒަވާޖީ ހަޔާތެއް ފަށައި، ދިރިއުޅުމުގެ އެތަކެއް ޚަރަދުތަކާއި އާއިލީ އެތައް ޒިންމާއެއް އުފުލަން ޖެހިފައިވާ ފަރާތްތަކަށްވާއިރު، އަނެއްބައި ފަރާތްތަކަކީ ދިރިއުޅުމެއް ފަށަން ބޭނުންވާ، ނަމަވެސް ވަޒީފާގެ ފުރުސަތު ހަނިކަމުން އާމްދަނީއެއް ލިބޭނެ އިތުރު މަގެއް ފަހިވެފައި ނެތުމުގެ ސަބަބުން، ދިރިއުޅުމެއް ފެށިފައި ނުވާ މީހުން ކަމަށް ޕެޓިޝަންގައިވެއެވެ. މިި ފަރާތްތަކަށް ގާނޫނުން ލިބިދޭން ޖެހޭ އެތައް ހައްގުތަކާއި ހަމަހަމަ ފުރުސަތުތަކުން މަރުހޫމުވެފައި ވާކަމަށް އޭގައި ބަޔާންކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެމުން ދާ ފައިސާގެ އިނާޔަތް އިތުރުކުރާނެ ކަމަށް ވެފައިވާ ވައުދު ފުއްދުމަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ ފައިސާގެ އިނާޔަތް މަދުވެގެން 5000 ރުފިޔާއަށް އިތުރުކޮށްދިނުމަށް އެދި ޕެޓިޝަންގައި ހުށަހަޅާފައިވެއެވެ.

މި ޕެޓިޝަނަކީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕެޓިޝަނެކެވެ.


Advertisement
- ކޮމެންޓް