ކ. މާލެ
|
1 ޑިސެންބަރ 2021 | ބުދަ 15:33
2019 ވަނަ އަހަރު މާލޭގައި ލަންކާ އާއި ރާއްޖޭން ކުޅުނު ވޮލީބޯޅަ މެޗެއްގެ ތެެރެއިން
2019 ވަނަ އަހަރު މާލޭގައި ލަންކާ އާއި ރާއްޖޭން ކުޅުނު ވޮލީބޯޅަ މެޗެއްގެ ތެެރެއިން
މިހާރު
ލަންކާ އާއި ރާއްޖޭގެ ވޮލީ މެޗުތައް
ލަންކާއާ ދެކޮޅަށް ރާއްޖޭގެ ވޮލީ ޓީމުން ތިން މެޗެއް ކުޅެނީ
 
މެޗުތައް ކުޅޭނީ މި މަހު 9 އާއި، 10 އަދި 12 ވަނަ ދުވަހު
 
2019 ގައިވެސް ވަނީ ލަންކާއާ ދެކޮޅަށް ތިން މެޗެއް ކުޅެފައި

މަހު ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ސްރީ ލަންކާގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް ތިން މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ތިން މެޗުވެސް ކުޅޭނީ ރާއްޖޭގައެވެ. މިއީ މިދިޔަ ނޮވެމްބަރު މަހު ކުޅިވަރުގެ ދާއިރާއިން ރާއްޖެ އާއި ސްރީ ލަންކާ ގުޅިގެން މަސައްކަތްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ލިބުނު ފުރުސަތެކެވެ. އެގޮތުން ކުޅިވަރާ ބެހޭ ވަޒީރު ނަމަލް ރާޖަޕަކްސަ އާއި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ބޭއްވި ބައްދަލުވުމުގައި ވަނީ ވޮލީގެ އިތުރުން ރާއްޖޭގެ އެހެން ކުޅިވަރުތަކަށްވެސް ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް އެއްބަސްވެފައެވެ.

މި އަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ލަންކާއާ ދެކޮޅަށް ރާއްޖޭން އެކުވެރިކަމުގެ ތިން މެޗެއް ކުޅޭއިރު، މީގެ ކުރިން 2019 ވަނަ އަހަރުވެސް މަޚްލޫފުގެ ދައުވަތަކަށް ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ލަންކާއަށް ދައުވަތުދީގެން މާލޭގައި ވަނީ ތިން މެޗެއް ކުޅެފައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން މި މަހުގެ އަށްވަަނަ ދުވަހު ލަންކާ ޓީމު ރާއްޖެ އަންނައިރު، މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 9 އާއި، 10 އަދި 12 ވަނަ ދުވަހުއެވެ. އަދި އެ ތިން މެޗުގެ ތެރެއިން ރަސްމީ ބޮޑު މެޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކުޅޭ މެޗު ކަމަށާއި، އެ މެޗުތައް ފޯރިގަދަ ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ރަނޭ ވިދާޅުވީ އެ މެޗުތަކަށްފަހު ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ރާއްޖޭން ބޭރުގައި ވޮލީބޯޅަ ޓީމުތައް ކޭމްޕުކުރެވޭ ގޮތް ހަމަޖެއްސުމަށް މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސެންޓްރަލް ޒޯނުގެ ކުރިން މި މަހުގެ 14 ވަނަ ދުވަހު ކޭމްޕަށް ފުރޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބާއްވާ މުބާރާތާ ގައުމީ ފިރިހެން ވޮލީ ޓީމު ކުރިމަތިލާނީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުންނެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހެޑް ކޯޗުގެ މަގާމު ކާއްޓޭ އަދާކޮށްފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން މީގެ ކުރިންވެސް ވަނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކޮށްފައެވެ.

ކާއްޓޭގެ އިރުޝާދުގެ ދަށުން 15 ކުޅުންތެރިންގެ ސްކޮޑެއް މިހާރު ފައިނަލް ކޮށްފައިވާއިރު، ސެންޓްރަލް ޒޯން މުބާރާތަށް ދާނީ 12 ކުޅުންތެރިންގެ ސްކޮޑެކެވެ. އެހެންކަމުން މިހާރު އެކުލަވާލި ސްކޮޑުން އަދި ތިން ކުޅުންތެރިއަކު ބާކީވާނެއެވެ.

މި މަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. މީގެ ކުރިން މި އަހަރުގެ ސެންޓްރަލް ޒޯން ފިރިހެން ވޮލީބޯޅަ މުބާރާތްތައް ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައި އޮތްއިރު، ރާއްޖެ ވާދަކުރަން އޮތީ ދެކުނު އޭޝިއާގެ މުބާރާތުގައެވެ. އެކަމަކު އެ ތިން މުބާރާތުގެ ބަދަލުގައި އެއް މުބާރާތް ބާއްވަން ނިންމުމާއެކު، މި ފަހަރުގެ މުބާރާތުގައި ލަންކާ އާއި އުޒްބެކިސްތާން ފަދަ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
50%
0%
0%
ކޮމެންޓް