އެހާ ބޮޑު ސެކިއުރިޓީއެއް އޮންނަން ބޭނުންފުޅުނުވާކަމަށާއި ނަމަވެސް ކަންކަން ވެފައިވާ ގޮތުން ސަލާމަތާއި ރައްކާތެރިކަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާސްކް ސްޕީކާރގެ ހަތަރު ވަނަ ޕްރޮގްރާމްގައި އާންމުން ވަނީ އެމަނިކުފާނަށް ބޮޑު ސެކިއުރިޓީއެއް އަރުވަމުންދާއިރު އެކަމަށް ދައުލަތުގެ މާލިއްޔަތުން ބޮޑު ޚަރަދެއްކުރާކަން ފާހަގަކޮށްފައެވެ. އަދި ބާރު ބޮޑު ގަޑިތަކެއްގައި ކެނެރީގެ ހުންނަ ސަރަހައްދު އެތައް ގަޑިއިރަކަށް ބަންދުކުރާތީ އެއީ ކުރާ ޖެއްސުމެއްތޯ ސުވާލުކޮށްފައެވެ. އެސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް އިރެއްގައި ވަކިވެ އެކަހެރިކޮށް މީހުންނަށް ނުފެންނަ ގޮތަށް އުޅުމަކީ ބޭނުންފުޅުވާ ގޮތް ނޫންކަމަށެވެ. އެކަމާއި ދެރަފުޅުވާކަމަށާއި އެހެންނަމަވެސް ކަންތައްތައް ވީގޮތުން އެމަނިކުފާނުވެސް ދިރިހުރުމަށް އެދެވޭތީ ސަލާމަތާއި ރައްކާތެރިކަން ބޭނުންފުޅުވާކަމަށެވެ. ކެނެރީގެ ކުރިމަތިން އެމަގުން ނިކުންނަނިކޮށް އެމަނިކުފާނު އަވަހާރަކޮށްލުމަށް ބޮމެއް ގޮއްވާލިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެހަމަލާއިން ކިރިޔާ ސަލާމަތްވެ ވަޑައިގެންނެވީކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ބޭނުންފުޅުވާކަމަށާއި ނަމަވެސް އެހެން ބަޔަކަށް އުނދަގޫތަކެއް ވާކަށްވެސް ބޭނުންފުޅުނުވާކަމަށެވެ. އެހެންނަމަވެސް އެމަނިފާނު ނޫނަސް ދައުލަތުގެ އިސްބޭފުޅެއް ޓެރަރިޒަމްގެ ޝިކާރައަކަށް ވާން ދޫކޮށްލުން އެއީ މަސްލަހަތު ހުރިގޮތްތޯ އެއީ އުފައްދަންޖެހޭ ސުވާލެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެނގިވަޑައިގަންނަވާނެ މާތްރަސްކަލާންގެ އިރާދަފުޅުން މިތަނުގައި އިނަސްވެސް އަޅުގަނޑަށް ކިރިޔާ ސަލާމަތްވެވުނީ. ދެން މިއީ އަހަން ޖެހޭ ސުވާލެއް. އަޅުގަނޑުވެސް އެދެން އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަން. އަދި ބޭނުމެއް ނުވޭ އެހެން ބަޔަކަށް އުނދަގޫތަކެއް ވާކަށެއްވެސް. ދެން އަހަންޖެހޭ ސުވާލަކީ އަޅުގަނޑު ދޫކޮށްލާ. ރައްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނުވަތަ އުއްތަމަ ފަނޑިޔާރު ނުވަތަ އެހެންވެސް ބޭފުޅެއް އެއީ ޓެރަރިޒަމްގެ ޝިކާރަކަށް ވާން ދޫކޮށްލާން އެއީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ހުރި ގޮތްތޯ ނުވަތަ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްތޯ. ދެން އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހި ދައުލަތް ހައިބަތާއި އެކީގައި ހިންގުން އެއީ ރައްޔިތުން އެދޭކަމެއް. މަޢާފަށް އެދެން އެހެންނަމަވެސް އަދި އަޅުގަނޑުވެސް ދިރިހުރުމަށް އެދޭތީވެ އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބޭނުން.ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް
މީގެއިތުރުން ކުރީގެ ރައީސް މައުމޫނަށް އަރުވަމުންދިޔަ ސެކިޔުރިޓީއަށް ރައީސް ނަޝީދު ޑިމޮކްރަސީގެ ނަމުގައި ފާޑުވިދާޅުވަމުން އޭރު ދިޔައިރު މައުމޫނަށް ސެކިޔުރިޓީ އެރުވަމުން އޭރު އެގޮތަށް ދިޔައީ ނޮވެމްބަރ 3 ގެ ހަމަލާ އާއި 2008 ވަނަ އަހަރު ހޯރަފުށީގައި ހިނގާދިޔަ ހަމަލާގެ ސަބަބުންކަމަށްވާއިރު މެއި 6 ގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް އެވަރުގެ ސެކިއުރިޓީއެއް އަރުވަންޖެހޭ ކަމަށް ގަބޫލުކުރައްވަންތޯ ވަނީ އާންމުންގެ މީހަކު ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫނަށް ފާޑުވިދާޅުވަމުންދިޔައީ ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ރާއްޖޭގެ ޖަލުތަކުގައި ނަގާލަމުން ދިޔަ މިންވަރާއި ގުޅިގެންނާ އަދި ހިނގަމުންދިޔަ ބައެއް ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުންކަމަށެވެ. ވަކިން ޚާއްސަކޮށް ޖަލުތަކުގެ މައްސަލާގައިކަމަށެވެ.
ތިވިދާޅުވި ވާހަކައިގެ އަސާސްއަކީ މިހާރު އެނގިއްޖެހެއްޔޭ އޭރު ވީގޮތް ދެން އެކަމާއި މިހާރު ކީކޭހޭ ބުނަނީ. ދެން ތިމޭރުމުން ބުނުއްވާ ވާހަކައިގައި އަޅުގަނޑުވެސް ތައުފީގާ ދެބަސް އެހާ ބާރަކަށް ނުވާނަން. ކަނޑައެޅިގެން މަރާލަން މަރުގެ ތުންފައްމައްޗަށް ގެނައީމާ އަދި ކިރިޔަ ސަލާމަތްކަން ލިބުނީމާ އެއީ އަޅުގަނޑުގެ ހިތަށްވެސް އެތައް ކަމެއް ވަންނަ ކަމެއް. މަރު ގާތްގަނޑަކަށް އަޅުގަނޑު ވި. ދެން މާތްރަސްކަލާނގެ އިރާދަފުޅުން މިތަނުގައި އަޅުގަނޑަށް އިނދެވެނީ.ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް
މެއި މަހުގެ 6 ވަނަ ދުވަހު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުށް ވަދެ މުހިންމު ގުނަވަންތައް ފޫއަޅުވާލިއެވެ. ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލުމަށްފަހު ދިން މިހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކުން އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްކުރުމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކޮށްފައެވެ. އެއަށްފަހު އިތުރު ފަރުވާ ހޯއްދެވުމަށް މެއި މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ ޖަރުމަނުވިލާތަށް ވަޑައިގެންފައެވެ. ޖަރުމަނުވިލާތުގައި ވެސް އިތުރު އޮޕަރޭޝަންތަކެއް ކޮށްފައިވެއެވެ. އެގޮތުން ފައިގެ އޮޕަރޭޝަނެއް ކުރެވިފައިވާކަމަށް ރައީސް ނަޝީދުގެ އާއިލާއިން ވަނީ ބުނެފައެވެ. ޖަރުމަނުވިލާތުން ފަރުވާ ހޯއްދެވުމަށްފަހު ދެން ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ.
އޭގެފަހުން އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ހުންނަވަނީ ހޮޓެލް ޖެންގައެވެ. ހޮޓެލް ޖެންގައި މަޑުކުރައްވަނީ ސަރުކާރުން މަޖިލީހުގެ ރައީސަށް ހަމަޖައްސާ ރަސްމީގޭގެ މަސައްކަތް ނިމެންދެންނެވެ. ޖެންގައި ހުރުމުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސައިފައިވަނީ ސަރުކާރުންނެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ރާއްޖެއިން ބޭރުގައި ހުންނެވުމާއި އިތުރު ފަރުވާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް ދައުލަތުން ކޮށްފައިވާ ޖުމްލަ ހޭދައަކީ 2.3 މިލިއަން ރުފިޔާއެވެ. އެއީ ޖެންގައި ހުންނެވުމުގެ ޚަރަދުވެސް ހިމަނައިގެންނެވެ.
ނަޝީދު ވަގުތީ ގޮތުން ހުންނެވުމަށް ތައްޔާރު ކުރެއްވި މ.މުރައިދޫގޭގެ މަސައްކަތް ނިމި، އެމަނިކުފާނު ހުންނެވުމަށް އެންމެ ފަހުގެ ތައްޔާރީތައް ނިންމުމަށް ރައްޔިތުންގެ މަޖިލީހާ ވަނީ ހަވާލުކޮށްފައެވެ.
ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރަށް ރަސްމީ ގޭގެ ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.