ކ. މާލެ
|
1 ޑިސެންބަރ 2021 | ބުދަ 09:11
 ވޯލްޑް އެއިޑްސް ޑޭ
ވޯލްޑް އެއިޑްސް ޑޭ
ރާއްޖެއެމްވީ
ދުނިޔޭގެ އެއިޑްސް ދުވަސް
އެއިޑްސް ޖެހެނީ ވަކި ބަޔަކަށް ނޫން، އެމީހުން ބާކީ ނުކުރޭ!
 
މިކަމަށް ބޭނުންވާ ފަރުވާ ރާއްޖެއިން މިހާރު ލިބެން އެބަހުރި
 
ބަލީގައި 15 މީހަކު ދުނިޔެ ދޫކޮށްފައިވޭ
 
1991ން 2020 ވަނަ އަހަރަށް ރާއްޖެއިން 37 މީހަކަށް އެއިޑްސް ޖެހުނު

އިންސާނުންގެ ތެރޭގައި ވަރަށްވެސް ނުރައްކާތެރި ވައިރަސްތައް ފެތުރެމުންދެއެވެ. މީގެ ތެރެއިން ބައެއް ވައިރަސްތަކަކީ އެއަށް އެއްވެސް ފަރުވާއެއް ނުކުރެވޭ ވައިރަސްތަކެވެ. އަނެއްބައި ވައިރަސްތައް ކުރީ ބައިގައި ދެނެގަނެވިއްޖެނަމަ އެއަށް ފަރުވާ ކުރެވިގެންދެއެވެ. މިގޮތުން ދުނިޔޭގެ އެންމެ ނުރައްކާތެރި ވައިރަސްތަކުގެ ތެރެއިން ގުނާލެވޭ އެއް ވައިރަސްއަކީ އެއިޑްސް ޖައްސާ އެޗްއައިވީ ވައިރަސްއެވެ.

އެއިޑްސް ޖައްސާ އެޗްއައިވީ ވައިރަސްއަކީ އޭގެ ސަބަބުން މީހާގެ ދިފާއީ ނިޒާމު އެއްކޮށް ބަލިކަށި ކޮށްލާ އެއްޗެކެވެ. އޭގެ ސަބަބުން އެހެނިހެން ބަލިތަކާ ދެކޮޅަށް ހަނގުރާމަ ކުރާނެ ވަރެއް އެމީހާގެ ދިފާއީ ނިޒާމުގައި ނުހުރެއެވެ. އަދި އެމީހާއަށް ތަފާތު އެކި ބަލިތައް ޖެހެން ފަށައެވެ. މީހަކަށް އެއިޑްސް ޖެހުނީއޭ ކިޔައި އުޅެނީ މިހާ ހިސާބުންނެވެ. އެއިޑްސް ޖައްސާ އެޗްއައިވީއަކީ ހުރިހާ މުޖުތަމައުތަކެއްގައިވެސް މިހާރު އޮތް ވައިރަހެކެވެ. މިވަގުތުވެސް ދުނިޔޭގައި 37.9 މިލިއަން މީހުންނަކީ އެޗްއައިވީ ނުވަތަ އެއިޑްސް ޖެހިފައިވާ މީހުންނެވެ. ރާއްޖޭގައި މިއޮތް ކުޑަ ކުޑަ މުޖުތަމައުގައިވެސް މި ވައިރަސް އެބަ އޮތެވެ. މިގޮތުން 1991 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ޑިސެމްބަރު 31 އާ ދެމެދު 37 ދިވެއްސަކަށް އެޗްއައިވީ ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 31 ފިރިހެނުންނެވެ. ބާކީ 6 މީހުންނަކީ އަންހެނުންނެވެ. މި ބަލީގައި މިހާތަނަށް 15 މީހަކު ވަނީ ނިޔާވެފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެތުރެން ފެށިއިރު މިކަމަށް ކުރާނެ އެއްްވެސް ފަރުވާއެއް ނެތެވެ. މިހެންގޮސް އެތައް ބަޔަކު ދުނިޔެ ދޫކޮށް ދިޔައެވެ. އެހެންކަމުން މި ވައިރަހަށް މީހުންގެ ހޭލުންތެރިކަން އިތުރުކޮށް މި ބަލީގައި ދުނިޔެ ދޫކޮށް ގޮސްފައިވާ މީހުންގެ ހަނދާންތައް އައު ކުރުމަށް، 1988 ވަނަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ކޮންމެ އަހަރެއްގެވެސް މި ދުވަހު ވޯލްޑް އެއިޑްސް ޑޭ އަންނަނީ ފާހަގަކުރަމުންނެވެ. މިދުވަސް ފާހަގަކުރުމަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "އެންޑް އިންއީކުއަލިޓީސް. އެންޑް އެއިޑްސް އެންޑް، އެންޑް ޕެންޑަމިކްސް" މިއެވެ.

މިއަހަރުގެ ޝިއާރު އެންމެ ބޮޑަށް އަލިއަޅުވާލަނީ އެއިޑްސް ޖެހި މުޖުތަމައުން އެކަހެރިކޮށްފައި ތިބޭ މީހުންނަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުން އެއިޑްސް ޖެހިފައިވާ މީހުންނާމެދު ތަފާތުކުރުންތައް ގެންގުޅޭ މިންވަރު އިތުރުވަމުންދާކަން އެނގެއެވެ. އެމީހުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް މި ޝިއާރުން ބާރުއަޅާއިރު، އެއިޑްސް ބަލި ހުއްޓުވުމަށާއި، ކޮވިޑް-19 ފަދަ ޕެންޑަމިކެއްގެ ތެރެއިން މި ބަލި ތަހައްމަލްކުރަމުންދާ މީހުންނަށް ދިމާވާ ގޮންޖެހުންތަކަށްވެސް މި ޝިއާރުން އަލިއަޅުވާލައެވެ.

ކޮންމެ މުޖުތަމައެއްގައިވެސް މީހުން ގަބޫލުކުރާ ގަބޫލުކުރުންތަކެއް އޮވެއެވެ. އެގޮތުން އެއިޑްސްއާ ގުޅޭގޮތުން ހަމަ ގައިމުވެސް މި ދިވެހި މުޖުތަމައުން ދެކޭނީ މިއީ ވަކި ގޮތަކަށް އުޅޭ ވަކި ބަޔަކަށް ޖެހޭ ވައިރަސްއެއް ކަމަށެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އަޑުއިވިފައި އޮތީ މިހެންނެވެ. އެހެންނަމަވެސް ކަން ވަނީ މިހެންނެއް ނޫނެވެ. މި ބަލި އެންމެ ފަސޭހައިން ފެތުރެނީ އެޗްއައިވީ ޖެހިފައިހުރި މީހަކާއެކު ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، އެޗްއައިވީ ވައިރަސް ހުރި ލޭ ހަށިގަނޑަށް އެޅުމާއި، އެކަކު ބޭނުންކޮށްފައިވާ ސިރިންޖު ނުވަތަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުމާއި، އެޗްއައިވީ ޖެހިފައިވާ މަންމައެއްގެ ފަރާތުން ކުޑަ ދަރިފުޅަށް މި ވައިރަސް ޖެހުމެވެ. މީގެ ތެރޭގައި ބަނޑުގައި އޮންނައިރާއި، ވިހެއުމުގެ ތެރޭގައި އަދި ގާތުން ދިނުމުގެ ތެރޭގައި ކުޑަ ދަރިފުޅަށް މި ބަލި ވާސިލްވެއެވެ.

މީގެ ކުރިން މިކަމަށް ބޭނުންވާ ފަރުވާ ނުލިބުނު ނަމަވެސް މިހާރު މިކަމަށް ބޭނުންވާ ފަރުވާ ލިބެންހުރެއެވެ. ރާއްޖެއިންވެސް ހިލޭ މި ފަރުވާ ލިބެއެވެ. އެގޮތުން ރާއްޖޭގައި މިވަގުތު އެންޓިރިޓްރޯ ވައިރަލް ފަރުވާ ހޯދަމުންދާ 22 މީހަކު އެބަތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ފަރުވާގެ ތެރެއިން ވައިރަސް ހުރި މީހާގެ ގައިން އެހެން މީހެއްގެ ގައަށް ވައިރަސް ނާރާނެ ވަރަށް ވައިރަސް ސަޕްރެސް ކޮށްލައެވެ. އަދި ގަވައިދުން ފަރުވާ ކުރާނަމަ މައިމީހާގެ ފުށުން ދަރިފުޅަށް ވައިރަސް ވާސިލްވުމުން ރައްކާތެރިކޮށްދެއެވެ. އެހެންކަމުން މި ބަލީގެ އަލާމާތްތައް ފެންނަނަމަ އެޗްއައިވީ ޓެސްޓެއް ހަދާލުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

ކޮންމެ މީހަކަށްވެސް މި ވައިރަސް ޖެހުމުގެ ފުރުސަތު އެހާ ބޮޑުއިރު، މިއީ ވަކި ބަޔަކަށް ޖެހޭ ވައިރަސްއެއްކަމަށް ގަބޫލުކުރާ ގަބޫލުކުރުންތައް ބަދަލުކުރަންޖެހެއެވެ. އެމީހުން މުޖުތަމައުން އެކަހެރިކުރާ ކުރުން ހުއްޓާލަންޖެހެއެވެ. އެމީހުންނާ ވާހަކަ ދައްކާ އެމީހުންނާ އެއްކޮށް އުޅުމަކުން އަނެއް މީހާގެ ގައަށް މި ވައިރަހެއް ނާރާނެއެވެ. އެމީހުން މުޖުތަމައުން އެކަހެރިނުކޮށް މިކަމަށް ފަރުވާ ހޯދުމަށް ބާރުއެޅުމަކީ މިއަދު ކުރެވޭނެ ކަމެކެވެ. މިއީ 2030 ވަނަ އަހަރުގެ ކުރިން މުޅި ދުނިޔެއިން އެއިޑްސް ފިލުވައިލުމަށް ކުރަމުންދާ މަސައްކަތަށްވެސް ލިބިގެންދާނެ ބާރަކަށް ވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
33%
33%
0%
0%
33%
0%
ކޮމެންޓް