ކ. މާލެ
|
1 ޑިސެންބަރ 2021 | ބުދަ 00:06
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް ވެކްސިން، ބޫސްޓަރ ޑޯޒް
ބުދަ ދުވަހުން ފެށިގެން ބޫސްޓަރ ޑޯޒް ޖަހައިދޭނީ ހަމައެކަނި އެޕޮއިންޓްމެންޓް އުސޫލުން
ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އެކަނި
ޑިސެމްބަރު މެދުތެރޭގައި، އާންމުކޮށް ބޫސްޓަރ ޑޯޒް ޖަހަން ފަށާނެކަން ރައީސް ވަނީ އިއުލާނުކުރައްވާފައި
މާލެ ސަރަހައްދުގައި ބޫސްޓަރ ޑޯޒް ޖަހައިދެނީ ދެ ސެންޓަރަކުން

ބުދަ ދުވަހުން ފެށިގެން ބޫސްޑަރ ޑޯޒް ޖަހައިދެމުންދާނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރާއްޖޭގައި މިވަގުތު ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ފައިޒަރ ވެކްސިނުން އެކަންޏެވެ. ފައިޒަރ ވެކްސިނުން ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ދަމަނަވެށިންނެވެ. އެޗްޕީއޭއިން ބުނީ މި ސެންޓަރުތަކަށް ބޫސްޓަރ ޑޯޒް ޖަހަން ދިއުމުގެ ކުރިން އެޕޮއިންޓްމެންޓް ހައްދަން ޖެހޭނެ ކަމަށެވެ.https://book.hpa.gov.mv/އިން އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިވަގުތު ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. ހުޅުމާލެ ހޮސްޕިޓަލުން ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ މެންދުރު 13:00އިން 15:00އަށެވެ. އައިޖީއެމްއެޗުން މި ޑޯޒް ޖަހައިދެނީ ހެނދުނު 10:00އިން މެންދުރު 14:00އަށެވެ. އަދި ދަމަނަވެށިން މި ޑޯޒް ޖަހައިދެމުންދަނީ މެންދުރު 13:00އިން 15:00އަށެވެ.

ބޫސްޓަރ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓް ހައްދަން ޖެހުނު ނަމަވެސް، އެޕޮއިންޓްމެންޓާ ނުލައި އެހެނިހެން ވެކްސިންތައް ބައެއް ސެންޓަރުތަކުން ޖަހައިދެމުންދާކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުން އެއްވެސް އެޕޮއިންޓްމެންޓަކާ ނުލައި އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖަހައިދެމުންދަނީ ހެނދުނު 9:30އިން 10:30އަށެވެ.

ބާކީ ހުރި ސެންޓަރުތަކުން އެސްޓްރަޒެނެކާ ވެކްސިން ޖަހައިދެމުންދާނީ އެޕޮއިންޓްމެންޓު އުސޫލުންނެވެ. އެ ސެންޓަރުތަކަކީ އައިޖީއެމްއެޗް، ދަމަނަވެށި، ސެނަހިޔަ އަދި ވިލިމާލެ ހޮސްޕިޓަލެވެ. އައިޖީއެމްއެޗުން އެސްޓްރަޒެނެކާ ވެކްސިން ޖަހައިދެމުންދާނީ ހެނދުނު 10:00އިން މެންދުރު 14:00އަށެވެ. ދަމަނަވެށިން މެންދުރު 13:00 އިން 15:00 އަށެވެ. ސެނަހިޔާއިން ހެނދުނު 10:00އިން 12:30އަށް ވެކްސިން ޖަހައިދެމުންދާއިރު، ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ޖަހައިދެމުންދާނީ ހެނދުނު 9:00އިން 13:00އަށެވެ. އެއީ ކޮންމެ އަންގާރަ ދުވަަހަކު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން ސިނޮފާރމް ވެކްސިން ޖަހައިދެމުންދާނީ ހަމައެކަނި ސެނަހިޔައިން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެއީ ކޮންމެ ދުވަހެއްގެ 8:30އިން 9:30އަށެވެ. ސެނަހިޔާއިން ސިނޮފާރމް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓެއް ހައްދަން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ޑިސެމްބަރު މަހުގެ މެދުތެރޭގައި އާންމުންނަށް ބޫސްޓަރ ޑޯޒް ޖަހަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. ސިއްހީ ޚިދުމަތްތެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އެއަރޕޯޓުގެ ފްރަންޓް ލައިން މުވައްޒަފުންނަށް މި ހަފތާގައި ބޫސްޓަރ ޑޯޒް ޖަހަން ފަށާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ބޫސްޓަރ ޑޯޒް ޖެހޭ މީހުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

- ކޮމެންޓް