ކ. މާލެ
|
29 ނޮވެންބަރ 2021 | ހޯމަ 16:28
ވޯލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވަނީ ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް
ވޯލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވަނީ ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް
ހެލްތު މިނިސްޓްރީ
ވޯލްޑް ހެލްތު އެސެމްބްލީ
ވޯލްޑް ހެލްތު އެސެމްބްލީގެ 2 ވަނަ ސްޕެޝަލް ސެޝަން ފަށައިފި
މިބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ޞިއްޙީގޮތުން ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކަށް ޤައުމުތައް ތައްޔާރުވުމަށް މުޢާހަދާއެއް ކަނޑައެޅުން

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބާއްވާ "ވޯރލްޑް ހެލްތު އެސެމްބްލީ"ގެ ސްޕެޝަލް ސެޝަން ފަށައިފިއެވެ.

މިއީ މިގޮތަށް ބާއްވާ ސްޕެޝަލް ސެޝަންގެ ދެވަނަ ބައްދަލުވުމެވެ. އަދި ކޮވިޑް-19ގެ ޙާލަތާގުޅިގެން ވަރޗުއަލްކޮށް ބާއްވަމުން އަންނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހައިބްރިޑްކޮށް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ. ހޯމަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީގޮތުން ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކަށް ޤައުމުތައް ތައްޔާރުވުމަށާއި މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތަކުގެ މައްޗަށް ބައިނަލްއަޤުވާމީ އެއްބަސްވުމެއް އެކުލަވާލުމެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވާނީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެމްބަރު ޤައުމުތަކުގެ އިސްވެރިންނާއި، ޞިއްޙީ މާހިރުންނާއި އެހީދޭ ޖަމްޢިއްޔާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މިބައްދަލުވުމުގައި މިނިސްޓަރ ނަސީމް ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކްރެޓަރީ ޢާއިޝަތު ސާމިޔާއާއި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުއާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 74 ވަނަ ވޯރލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކޮށް އެކުލަވާލި "ވޯރކިންގ ގްރޫޕް އޮން ސްޓްރެންތުނިންގ ޑަބްލިއުއެޗްއޯ ޕްރިޕެއާރޑްނެސް އެންޑް ރެސްޕޯންސް ޓު ހެލްތު އިމަރޖެންސީ" ގްރޫޕް ބައްދަލުވުންތަކުން ތައްޔާރުކުރި ރިޕޯޓަށް ބިނާކޮށް، ޤައުމުތަކުގެ މެދުގައި، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކަށް ތައްޔާރުވެ ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމަށްޓަކައި، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ މުޢާހަދާއެއް، ނުވަތަ އެގްރީމެންޓެއް ނުވަތަ ބައިނަލްއަޤުވާމީ އެއްބަސްވުމެއް ޤާއިމު ކުރުމާމެދު ޤައުމުތަކުން މަޝްވަރާކުރެވި، ކުރިއަށްދާނެ ގޮތްތަކެއް ނިންމާނެއެވެ. އަދި މި ނިންމުންތަކަށް ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް، 2022 ވަނަ އަހަރު ބާއްވާ އެކްޒެކެޓިވް ބޯޑް އަދި ވޯރލްޑް ހެލްތު އެސެމްބްލީއަށް ހުށަހަޅާނެއެވެ.

- ކޮމެންޓް