ކޮވިޑަށް ޕްޒިޓިވްވެ ފަރުވާ ހޯއްދަވަމުން ގެންދަވާ ޗެކްރިޕަބްލިކްގެ ރައީސް މައިލޯސް ޒިމާން، އެގައުމުގެ ބޮޑުވަޒީރުކަމަށް ޕީޓަރ ފިއަލާ ބިއްލޫރިކޮށްޓެއްގައި އިންނަވައިގެން އައްޔަން ކުރައްވައިފިއެވެ.
ޕިޓަރ ފިއަލާއަކީ އެގައުމުގެ ކަނާތުފިޔައިގެ ލީޑަރެވެ. އައު ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ކޮވިޑްގެ އައު ރާޅާ ހަނގުރާމަކޮށް ކުރި ހޯދުމެވެ. އެގައުމުގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތައް ފުރެން ކައިރިވެފައިވާ އިރު، ހަކަތަ ފޯރުކޮށްދޭ ބޮޑު އެއް ކުންފުނި ފުނޑުމާއެކު އެކަމަށް ވެސް ހައްލު ހޯދަން އައު ސަރުކާރަށް ޖެހޭނެއެވެ.
އައު ސަރުކާރުން ބުނެފައިވަނީ މަސައްކަތް ކުރާނީ އަންނަ އަހަރުގެ ބަޖެޓުން ބޮޑު ޑެފިސިޓެއް އުނިކުރަން ކަމަށެވެ. ގިނަ ގޮންޖެހުންތަކާއެކު ސަރުކާރަށް އޮތީ ދަތި ދުވަސްވަރެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މަގާމާއި ހަވާލުވެވަޑައިގެން ޕީޓަރ ވިދާޅުވީ އައު ސަރުކާރުގެ މަސައްކަތަކަށް ވާނީ ކުރިމަގަށް ރަނގަޅު ބަދަލެއް ގެނައުމުގެ މަސައްކަތް ކުރުން ކަމަށެވެ.
އައު ބޮޑުވަޒީރު ވަނީ ކޮވިޑްގެ ވެކްސިން ޖެހުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ސިއްހީ ޚިދުމަތްތެރިންނަށް ވެސް ވަނީ ތައުރީފް ކުރައްވާފައެވެ.