ފާއިތުވި 24 ގަޑިއިރު 114 މީހަކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުގައި ވާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00އިން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00އާ ދެމެދު 3،806 ސާމްޕަލްއެއް ވަނީ ޓެސްޓުކޮށްފައެވެ. މީގެ ތެރެއިން 114 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 25 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 73 މީހުންނާއި އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 16 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 91،464އަށް އަރާފައިވާއިރު، މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ގުނަމުންދަނީ 1،769 ކޭހެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މީގެ ތެރެއިން ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންގެންދަނީ 12 މީހަކަށެވެ.
މިހާތަނަށް 89،434 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި ބަލީގައި ނިޔާވެފައިވަނީ 248 މީހުންނެވެ.
ރާއްޖެއިން ފެންނަ ކޮވިޑްގެ ކޭސްތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމުން ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ، އެހެންނަމަވެސް، ދެކުނު އެފްރިކާ ސަރަހައްދުގެ ގައުމުތަކުން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓާއެކު، އެ ވޭރިއަންޓް ރާއްޖެއަށް ފެތުރިދާނެކަމުގެ ބިރު އޮތުމުން ސަރުކާރުން ވަނީ އެ ސަރަހައްދުގެ 7 ގައުމަކަށް ކުރާ ވައިގެ ދަތުރުތައް ހުއްޓާލާފައެވެ. އަދި މީގެ އިތުރުންވެސް ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް ދަނީ އިރުޝާދުދެމުންނެވެ.