ކ. މާލެ
|
28 ނޮވެންބަރ 2021 | އާދީއްތަ 19:01
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގެ ތެރެއިން
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު
ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ފަށަނީ
ބިން ހިއްކުމުގެ މަޝްރޫޢަކީ ރިޔާސީ ވަޢުދެއް

ތ. ހިރިލަންދޫގެ ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލާއެކު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢަކީ ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވައި، އެމަސައްކަތް ކުރިޔަށްދާނެ ކަމުގައި ވިދާޅުވިއެވެ.

ކައުންސިލުގެ ފަރާތުން ކައުންސިލުގެ ރައީސް މުޙައްމަދު ޖަލާލު ވަނީ އެރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

ހިރިލަންދޫ ކައުންސިލުގެ ރައީސް ވަނީ، ރަށުގެ ބިންހިއްކުމުގެ މަޝްރޫޢާއި ފެނާއި ނަރުދަމާގެ މަޝްރޫޢުގެ އިތުރުން، ސްކޫލްގެ ކްލާސްރޫމް އިމާރާތާއި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަމާއި، ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ފަހިކޮށްދެއްވުމަށާއި، އަދި މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަމާ ގުޅޭގޮތުން ރަށުގެ ކައުންސިލުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ ރައީސް ވަނީ އެރަށުގައި ގިނަ ޒަމާންތަކެއްވަންދެން ނުކުރެވި ހުރި ތަރައްޤީގެ ބައެއްކަންކަން މި ސަރުކާރުން ކުރެވޭނެގޮތަށް ފަހިކޮށްދެއްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރެއްވިއެވެ. އެގޮތުން ސްކޫލްގެ ކްލާސްރޫމް އިމާރާތާއި މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ވަރަށް އަވަހަށް ޓެންޑަރ ކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ތަރައްޤީއަށް ކައުންސިލުން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވައި އެކަންކަމާގުޅޭ ފަހުގެ މަޢޫލޫމާތުތައް ޙިއްޞާކުރައްވާފައެވެ.


Advertisement
- ކޮމެންޓް