ކ. މާލެ
|
28 ނޮވެންބަރ 2021 | އާދީއްތަ 18:43
ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ނައިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން
ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ނައިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު
ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ، ނައިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެން، މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ، މި އަހަރުގެ ތެރޭގައި ދެ ގައުމުގެ އެންމެ އިސް އޮފިޝަލުން އެކި ފަހަރު މަތިން ބައްދަލުވެ ކުރެވުނު މުއާމަލާތްތަކުގެ ސަބަބުން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި، ދެ ގައުމުގެ މެދުގައި އޮންނަ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ މި އަހަރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގެ ކުރިން، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ، ކޯވިޑަށްފަހު ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލާފައި ވުމާއި، ކޯވިޑް-19 ޕެންޑެމިކް މެނޭޖްކުރުމުގައި ރާއްޖެއިން އަމަލުކުރި ގޮތްތަކަށް ތައުރީފުކުރައްވާފައެވެ. އަދި ވަކި ގައުމެއްގެ ބަޔަކު ތަފާތުކުރުމެއް ނެތި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމަށް ރާއްޖެއިން ނިންމި ނިންމުމަށް ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ތައުރީފުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދާދިފަހުން އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގެ އެންމެބޮޑު ބޭނުންފުޅަކީވެސް، ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތުގެ ދަތިކަމަށް ހައްލުތަކެއް ހޯދުމަށް މަގުފަހިކުރުންކަން ފާހަގަކުރައްވައި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއެކު، ސިއްހީ ޚިދުމަތްތެރިންގެ ބޭނުންތެރިކަން އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެ ލާމަރުކަޒުކޮށް ހިންގުމަށް ކުރާ މަސައްކަތުގެ އެންމެބޮޑު އަމާޒު ހިފާފައި ވަނީ، ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ގާތަށް ގެނެސްދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަރަހައްދީ ވިޔަފާރިއާއި ގުޅުންތައް އިތުރުކުރުމާއި، އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ އެ ގައުމުގެ ފޮރިން ސަރވިސްގައި އަލަށް އުފެއްދި އިންސްޓިޓިއުޓްގައި ތަމްރީނު ހެދުމަށް، ރާއްޖޭގެ ފޮރިން ސަރވިސްގެ މުވައްޒަފުން ފޮނުވުމަށް ރާއްޖެއަށް ދައުވަތު ދެއްވާފައެވެ. މި ދައުވަތު ގަބޫލުފުޅުކުރައްވައި، ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދާދިފަހުން ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ޤާނޫނު ތަޞްދީޤު ކުރައްވާފައިވާކަން ފާހަގަކުރައްވައި، އެ ޤާނޫނުގެ ދަށުން ފޮރިން ސަރވިސް އިންސްޓިޓިއުޓެއް އެ މިނިސްޓްރީގެ ދަށުން ހިންގުމަށް މަގުފަހިވެގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދާދިފަހުން އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހި ވަފުދަށް ލިބުނު މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ، ދެގައުމުގެ މެދުގައި އޮންނަ ގާތް ގުޅުން އަބަދުވެސް ބަދަހިކަންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް