ހދ. ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ "އާދަމް ސަލީމް ކަޕް" ފުޓްބޯޅަ މުބާރާތް 2021 ގެ ކުޅުން ފަށައިފިއެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި މި މުބާރާތް ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ ރިއަލް ސްޓާސް އާއި އަހުލީއެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އަހުލީންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗު ނިމެން 12 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދީފައި ވަނީ އަހުލީ ޓީމުގެ ޖޯޒީ ނަންބަރު 15، އަޙްމަދު ޝިޒާނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ޝިޒާނެވެ.
ލީގު އުސޫލުން މި މުބާރާތް ކުރިއަށްދާއިރު، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާނީ ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ޕޮއިންޓް ތާވަލުގެ ދެވަނައިގައި އޮންނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ދެވަނަ މެޗުގައި އާދީއްތަ ދުވަހު ބައްދަލުކުރާނީ ޔުނީފޯމް އާއި ޓީމް ވިކިލާނެއެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާއިން މައުލޫމާތުދޭ ގޮތުން އެ ޖަމުއިއްޔާއިން މުޅި ރަށަށް ހުޅުވާލައިގެން ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބޭއްވީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ މުބާރާތް ބޭއްވީ "ސާސްކަފް ކަޕް" ގެ ނަމުގައެވެ.
ސާސްކަފް ކަޕުގެ ނަމުގައި ފެށި ފުޓްބޯޅަ މުބާރާތް އާދަމް ސަލީމް ކަޕުގެ ނަމަށް ބަދަލުކޮށްފައިވަނީ 2002 ވަނަ އަހަރުއެވެ. މިނަން ނިސްބަތްވަނީ ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާގެ މެންބަރު، ހަނިމާދޫ ނީރަންމާގޭ އަލްމަރްހޫމް އާދަމް ސަލީމަށެވެ. އޭނާއަކީ ހަނިމާދޫގައި އުފެދުނުނު ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށް ޒުވާނުންގެ ޖަމުއިޔާއިން ބުނެއެވެ.