ކ. މާލެ
|
27 ނޮވެންބަރ 2021 | ހޮނިހިރު 19:23
ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓް ކަމަށްވާ "އޮމިކްރޯން" ވޭރިއަންޓާ ގުޅިގެން ކަންބޮޑުވުންތަކެއް އެބަހުރި
ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓް ކަމަށްވާ "އޮމިކްރޯން" ވޭރިއަންޓާ ގުޅިގެން ކަންބޮޑުވުންތަކެއް އެބަހުރި
ވެލާނާ އެއާޕޯޓް
އޮމިކްރޯން ވޭރިއަންޓް
އައު ވޭރިއަންޓާގުޅިގެން، ދެކުނު އެފްރިކާގެ 7 ގައުމެއްގެ މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށްފި
މި ފިޔަވަޅުތައް ތަންފީޒު ކުރާނީ ނޮވެންބަރު 27 ވަނަ ދުވަހުގެރޭ މެންދަމު 12:00ން ފެށިގެން
މީހުން އައުން މަނާކޮށްފައިވަނީ ސައުތު އެފްރިކާ، ނެމީބިއާ، މޮޒަމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިމްބާބްވޭ އަދި އެސްވަޓީނީން
ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ ހަލުވިކަމާއެކު މި ވޭރިއަންޓް ފެތުރިދާނެކަމުގެ ބިރު އެބައޮތް

ސައުތު އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު އިއުލާނެއްގައި ވަނީ، ސައުތު އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ސަރސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރިކަމަށްޓަކައި، ނޮވެންބަރު 27 ވަނަ ދުވަހުގެރޭ މެންދަމު 12:00ން ފެށިގެން ވަކިގޮތެއް އަންގަންދެން ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސައުތު އެފްރިކާ، ނެމީބިއާ، މޮޒަމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން ދިވެހިރާއްޖެއަށް މީހުން (ދިވެހިންނާއި ވޯރކްޕަރމިޓް ހޯލްޑަރުން ނުހިމެނޭ ގޮތަށް) އެތެރެވުން ހުއްޓައިލުމާއި، ދިވެހިރާއްޖެއަށް އައުމުގެ 14 (ސާދަ) ދުވަސް ކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި، 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުން ވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ދިވެހިރާއްޖެއަށް އައުމުގެ 14 (ސާދަ) ދުވަސްކުރިން ސައުތު އެފްރިކާ، ނެމީބިއާ، މޮޒަމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިމްބާބުވޭ، އެސްވަޓީނީގައި އުޅެފައިވާ (12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުން ހިމެނޭގޮތަށް) ރާއްޖެ އަންނަ ދިވެހިންނާއި ވަރކް ވިސާގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެއެވެ. އަދި މިފަދަ ފަރާތްތައް ކަރަންޓީނުން ރިލީޒްކުރެވޭނީ 14 (ސާދަ) ދުވަސް ހަމަވުމުން، ކޮވިޑު-19އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށާއި، މި އިއުލާނަށް ޢަމަލުކުރަން ފަށާއިރު ސައުތު އެފްރިކާ، ނެމީބިއާ، މޮޒަމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިމްބާވޭ، އަދި އެސްވަޓީނީން ދިވެހިރާއްޖެއަށް ދަތުރު ފަށާފައިވާ ފަރާތްތަކުންނާއި، ވޭތުވެ ދިޔަ 14 (ސާދަ) ދުވަސް ތެރޭގައި މި ގައުމުތަކުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ މީހުން މިވަގުތު ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ 14 (ސާދަ) ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި ހޭދަކުރާ މީހުން، 14 (ސާދަ) ދުވަސް ފުރިހަމަ ވުމުން އިތުރު ޕީ.ސީ.އާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގައި 14 (ސާދަ) ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަ ކުރާ ފަރާތްތަކުން ރާއްޖޭން ފުރުމުގެ ކުރިން އިތުރު ޕީސީއާރު ޓެސްޓެއް ވެސް ހަދަން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭއިން މި ފިޔަވަޅުތައް އަޅާފައިވާއިރު، ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ.

ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓް ބީ.1.1529 "ވޭރިއަންޓް އޮފް ކޮންސަރން" ގެ ގޮތުގައި ހިމަނާ ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ ހަލުވިކަމާއެކު އެވޭރިއަންޓް ފެތުރިދާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ވަނީ ބުނެފައެވެ.

ޑަބްލިޔުއެޗްއޯގެ މާހިރުން ހިމެނޭ ޓީމަކުން ވަނީ މިވޭރިއަންޓްގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ދިރާސާތަކެއްކޮށްފައެވެ. އެއަށްފަހު ޑަބްލިޔުއެޗްއޯއިން ބުނީ މިހާރު ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު މިއީ ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު، އަދި ކޮވިޑް-19 ފެތުރެމުން އަންނަ ގޮތަށް ވަރަށް ބޮޑަށް އަސަރުކުރުވާނެ ވޭރިއަންޓެއްކަމަށެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ މިވޭރިއަންޓްގައި ގިނަ އަދަދެއްގެ މިޔުޓޭޝަންތައް ހިމެނޭކަމަށެވެ. އަދި އެއީ ކަންބޮޑުވާކަމެއް ކަމަށެވެ. ޕްރިލިމިނަރީ ހެކިތަކަށް ބަލާއިރު އެހެން "ވޭރިއަންޓް އޮފް ކޮންސަރން"ގައި ހިމެނޭ ވޭރިއަންޓްތަކާއި އަޅާބަލައިރު އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު މިވޭރިއަންޓްގައި ބޮޑުކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. މިވޭރިއަންޓަކީ ވޭރިއަންޓް އޮފް ކޮންސަރންގެ ގޮތުގައި ކަނޑައެޅުނު ކޮވިޑްގެ ފަސް ވަނަ ވޭރިއަންޓެވެ. "ވޭރިއަންޓް އޮފް ކޮންސަރން"އަކީ އާބާދީގެ ބޮޑުބަޔަކަށް ޖެހި ކޮވިޑްގެ ހާލަތު ގޯސްވެދާނެކަމަށް ބެލެވޭ ހިސާބަށް ވޭރިއަންޓެއް ދިޔުމުން ލާ ކެޓަގަރީއެކެވެ.

ޑަބްލިޔުއެޗްއޯއިން އިތުރަށް ބުނެފައިވަނީ މިވޭރިއަންޓް އެހެން ވޭރިއަންޓްތަކަށްވުރެ އަވަހަށް ދެނެގަނެވިފައިވާކަމަށެވެ.

މިހާރު ހަދަމުންދާ ޕީސީއާރު ޓެސްޓްތަކުން މިވޭރިއަންޓް ދެނެގަނެވޭކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. މިވޭރިއަންޓް ފެނުމާއެކު ޑަބްލިޔުއެޗްއޯއިން ވަނީ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ފިޔަވަޅު އަޅަންވާނީ ސައިންސްގެ މައްޗަށް ފެންނަ ހެކިތަކަށް ކަމަށް ބުނެފައެވެ.


Advertisement
- ކޮމެންޓް