ކ. މާލެ
|
15 ނޮވެންބަރ 2021 | ހޯމަ 14:01
އެންއައިސީގެ ނައިބު ރައީސް އާޝިޔަތު ޝިއުނާ، ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ވާހަކަ ދައްކަވަނީ
އެންއައިސީގެ ނައިބު ރައީސް އާޝިޔަތު ޝިއުނާ، ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ވާހަކަ ދައްކަވަނީ
މަޖިލިސް
އެންއައިސީ ބަޖެޓް 2022
އެންއައިސީގައި ޤާނޫނީ ދާއިިރާގެ އެއްވެސް މުވައްޒަފެއް ނެތް: ނައިބު ރައީސް
ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާނެ އެއްވެސް މުވައްޒަފެއްވެސް ކޮމިޝަނުގައި ނެތް
އެންއައިސީގައި ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލެވިފައެއް ނެތް
އެސްޖީއެއް ޢައްޔަނު ކުރުމަށް ޤާނޫނަށް އިޞްލާޙު ގެނައުމަށްޓަކައި ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުން

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގައި ޤާނޫނީ ދާއިރާގެ އެއްވެސް މީހަކު ނެތުމުގެ ސަބަބުން، ގޮންޖެހުންތަކެއް ހުރިކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ހާޒިރުވެ، އެންއައިސީންވެސް ވަނީ ބަޖެޓާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ. އެގޮތުން އެންއައިސީގެ ނައިބު ރައީސް އާޝިޔަތު ޝިއުނާ ވިދާޅުވީ، ކޮމިޝަނުގައި ލީގަލް ޑިޕާޓްމަންޓެއްވެސް ނޯންނަ ކަމަށެވެ. އެކަމުގެ ސަބަބުން ޤާނޫނީ އެއްވެސް ލަފައެއް ދެއްވާނެ ފަރާތެއްވެސް ނުހުންނަ ކަމުގެ ކަންބޮޑުވުން ޝިއުނާ ފާހަގަ ކުރެއްވިއެވެ. ޝިއުނާ ވަނީ ލީގަލް ކައުންސިލެއް ކޮމިޝަނަށް ނެގުމަށް ވިސްނަވާކަން ހާމަ ކުރައްވާފައެވެ.

އޭގެ އިތުރުން، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ އެއްވެސް މުވައްޒަފެއްވެސް ކޮމިޝަނުގައި ނެތްކަމަށާއި، އެކަމަށްވެސް މުވައްޒަފަކު ނަގަން ބޭނުންވާކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި އެހެން މުއައްސަސާތަކާ ޚިލާފަށް އެންއައިސީގައި މިވީހާތަނަށް ސެކްރެޓަރީ ޖެނެރަލެއްވެސް ނުހުންނަކަން ޝިއުނާ ފާހަގަ ކުރެއްވިއެވެ. އެކަމުގެ ސަބަބުން އިދާރީ ގޮތުން، މުޅި މުއައްސަސާ ހިންގުމަށް ޒިންމާވާނެ ފަރާތެއް ނުހުންނަކަމަށް ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ، އެންއައިސީއަށް އެސްޖީއެއް ޢައްޔަނު ކުރުމަށް ޤާނޫނަށް އިޞްލާޙު ގެނައުމަށްޓަކައި، ކޮމިޝަނުން ކުރަންޖެހޭ ކަންކަން ކޮށްފައިވާނެ ކަމަށެވެ. އަދި އެ އިޞްލާޙު ފާސްވެއްޖެނަމަ، އެސްޖީގެ މަޤާމުގެ ބަޖެޓުވެސް އިތުރަށް ކޮމިޝަނަށް ބޭނުންވާނެކަން ޝިއުނާ ފާހަގަ ކުރެއްވިއެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ، ޚަރަދު ކުޑަ ކުރުމުގެ ގޮތުން، ވަރޗުއަލްކޮށް ބަޔާންތައް ނަގަން ފަށާފައިވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް، އިންސްޕެކްޝަންތަކާ ގުޅިގެން ކުރަންޖެހޭ ދަތުރުތަކަށް ބަޖެޓު ބޭނުންވާނެކަމަށް ޝިއުނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އެންއައިސީގައި ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލެވިފައި ނެތްކަން ފާހަގަ ކުރައްވައި ޝިއުނާ ވިދާޅުވީ، އެކަމަށްވެސް ބަޖެޓު ބޭނުންވާ ކަމަށެވެ.

އެންއައިސީއަށް ހުށައެޅޭ މައްސަލަތަކުގެ 85 އިންސައްތައަކީ ފުލުހުންނާ ގުޅޭ މައްސަލަތައްކަމަށް ޝިއުނާ ވިދާޅުވިއެވެ. ވުމާއެކު މުއައްސަސާތަކާ ބެހޭގޮތުން ރައްޔިތުން ދެކޭގޮތާއި، ތަންފީޒީ އިދާރާތަކުގެ އެތެރޭގެ ކަންކަން ހިނގާ ގޮތް ބެލުމާއި، އެތަންތަން އިޞްލާޙުކޮށް، ރައްޔިތުން ބަލައިގަންނަ ތަނަކަށް ހެދުމަށްޓަކައި ދިރާސާތަކެއް ހެދުމަށް ބޭނުންވާކަމަށް ޝިއުނާ ވިދާޅުވިއެވެ. އެ ދިރާސާތައް ކުރުމަށްވެސް ބަޖެޓު ބޭނުންވާކަން ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް