ކ. މާލެ
|
15 ނޮވެންބަރ 2021 | ހޯމަ 10:02
ސްޕެއިނާއި ސްވިޑެން ބައްދަލުކުރި މެޗުގެ ތެރެއިން
ސްޕެއިނާއި ސްވިޑެން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
ސްޕެއިން، ސާބިއާ އަދި ކްރޮއޭޝިއާ ކޮލިފައިވިއިރު، ޕޯޗުގަލް ޕްލޭއޮފަށް
ކްރޮއޭޝިއާ މޮޅުވީ ރަޝިއާ އަތުން 1-0 ނަތީޖާއަކުން
ސާބިއާ މޮޅުވީ ޕޯޗުގަލް އަތުން 2-1 ނަތީޖާއަކުން
ސްޕެއިން މޮޅުވީ ސްވިޑެން އަތުން 1-0 ނަތީޖާއަކުން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ، އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ސްޕެއިނާއި ކްރޮއޭޝިއާ ކޮލިފައިވިއިރު، ސާބިއާ އަތުން ބަލިވެ ޕޯޗުގަލަށް ޕްލޭއޮފް ބުރުުގައި ކުޅެން ޖެހިއްޖެއެވެ.

ކޮލިފައިންގެ ގްރޫޕް ބީގައި ހިމެނޭ ސްޕެއިނުން ވޯލްޑް ކަޕުގެ ޖާގައެއް ހޯދީ ސްވިޑެން އަތުން 1-0 ނަތީޖާއަކުން މޮޅުވެގެންނެވެ.

ސްޕެއިނުގައި ކުޅުނު މި މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސްޕެއިނުން ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އޭރިއާބޭރުން ޑެނީ އޯލްމޯ ފޮނުވާލި ބާރު ހަމަލާ، ސްވިޑެން ގޯލްކީޕަރު ރޮބިން އޮލްސެން އަތުގައި ޖެހިފައި ނުކުތް ވަގުތުއެވެ.

މި މޮޅާއެކު ގްރޫޕް ބީގެ އެއްވަނަ ސްޕެއިނުން ހޯދިއިރު، އެ ޓީމަށް ވަނީ ކުޅުނު އަށް މެޗުން 19 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ސްވިޑެންއަށް އަށް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ވާދަކުރާނީ ޕްލޭއޮފް ބުރުގައެވެ.

ޕޯޗުގަލާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

ކޮލިފައިންގެ ގްރޫޕް އޭގައި ހިމެނޭ ސާބިއާއިން ވޯލްޑް ކަޕުގެ ޖާގައެއް ހޯދީ ޕޯޗުގަލް އަތުން 2-1 ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗު އެއްވަރުކޮށްލައިގެންވެސް ވޯލްޑް ކަޕުގެ ޖާގައެއް ޕޯޗުގަލަށް ލިބެން އޮތް ނަމަވެސް، މެޗުން ބަލިވުމާއެކު ދެން އެ ޓީމު ޖެހޭނީ ޕްލޭއޮފް ބުރުގައި ވާދަކުރާށެވެ.

އާދީއްތަ ދުވަހުގެރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗު ފަށައިގެން ދެވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ ލީޑު ނަގާފައެވެ. ބެނާޑޯ ސިލްވާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރެނާޓޯ ސަންޗޭޒެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޫސާން ޓަޑިޗް ވަނީ ސާބިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ސާބިއާ މޮޅުވީ މެޗުގެ ފަހު މިނެޓުގައި އަލެކްސަންޑަ މިޓްރޮވިޗް ޖަހައިދިން ލަނޑުންނެވެ.

މި މޮޅާއެކު ސާބިއާއަށް ގްރޫޕް އޭގެ އެއްވަނަ ލިބުނީ އަށް މެޗުން 20 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި ޕޯޗުގަލް އޮތީ އަށް މެޗުން 17 ޕޮއިންޓާއެކުއެވެ.

ކްރޮއޭޝިއާ އާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް އެޗްގައި ހިމެނޭ ކްރޮއޭޝިއާއިން ވޯލްޑް ކަޕުގެ ޖާގައެއް ހޯދީ ރަޝިއާ އަތުން 1-0 ނަތީޖާއަކުން މޮޅުވެގެންނެވެ. ކްރޮއޭޝިއާ އަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގެ ރަނަރަޕް ޓީމެވެ.

އާދީއްތަ ދުވަހުގެރޭ ކްރޮއޭޝިއާގައި ކުޅުނު މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި މެޗުން ރަޝިއާ އަތުން ކްރޮއޭޝިއާ މޮޅުވީ މެޗުގެ ފަހު ވަގުުތު ޖެހި ލަނޑާއެކުއެވެ. މި ލަނޑަކީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ރަޝިއާގެ ފެޑޯ ކުދްރާޝޯފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މޮޅާއެކު ގްރޫޕް އެޗްގެ އެއްވަނަ ކްރޮއޭޝިއާއިން ހޯދިއިރު، އެ ޓީމަށް ވަނީ ކުޅުނު 10 މެޗުން 23 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ރަޝިއާއަށް 10 މެޗުން 22 ޕޮއިންޓް ލިބުނުއިރު، އެ ޓީމުވެސް ވާދަކުރަން ޖެހޭނީ ޕްލޭއޮފް ބުރުގައެވެ.

މި ނަތީޖާތަކާއެކު ސްޕެއިން، ސާބިއާ އަދި ކްރޮއޭޝިއާ ވޯލްޑް ކަޕަށް ކޮލިފައިވިއިރު، މިހާތަނަށް ޖުމްލަ ނުވަ ގައުމެއް ވަނީ މި މުބާރާތަށް ކޮލިފައިވެފައެވެ. އެއީ އެ ތިން ގައުމުގެ އިތުރުން ޔޫރަޕުގެ ހަތަރު ގައުމު ކަމަށްވާ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި، ބެލްޖިއަމާއި، ޖަރުމަނާއި، ޑެންމާކުގެ އިތުރުން ދެކުނު އެމެރިކާ ބައްރުން ބްރެޒިލެވެ. އަދި ވޯލްޑް ކަޕް ބާއްވާ ގައުމުގެ ގޮތުން މީގެ ކުރިން ގަތަރަށް ވަނީ މި މުބާރާތުގެ ޖާގައެއް ލިބިފައެވެ.

- ކޮމެންޓް