ފާއިތުވި 2 މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާމީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ، "ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ތަފާސްހިސާބު"ގައިވާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 18،777 މީހުންނެވެ. އޮކްޓޫބަރު މަހު 30،483 މީހުންނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޯށްފައިވެއެވެ. މިއީ ފާއިތުވި 3 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް އިތުރު އަދަދެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މީގެ ތިން މަސް ކުރިން ފެށިގެން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން މި ރޯގާއިން ރައްކާތެރިވެތިބުމަށް ކުރެވެންހުރި ކަންކަން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ވޭތުވެދިޔަ 3 އަހަރާ އަޅައިބަލާއިރު، މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މަދުކަމަށް މި ތަފާސްހިސާބުން ދައްކާފައިވެއެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ޑެންގީ ހުން ޖެހިފައިވަނީ 8 މީހުންނަށެވެ. އަދި އޮކްޓޯބަރު މަހު ޑެންގީ ޖެހުނީ 10 މީހުންނަށެވެ. މި ދުވަސްވަރު މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް މަދު ނަމަވެސް މިފަދަ ބަލިތަކުން ރައްކާތެރިވެތިބުމަށް ކުރެވެންހުރި ކަންކަން ކުރުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.
ބޭރަށްހިންގުން ޖެހިގެން މިއަހަރުގެ މިހާތަނަށް ރިޕޯޓުކުރި މީހުންގެ އަދަދުވެސް ފާއިތުވި 3 އަހަރާ އަޅައިބަލާއިރު މަދުވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު، އޮކްޓޫބަރު މަހު މި ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު އިތުރުވެފައިވެއެވެ.
ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވަނީ ބޭރަށް ހިންގުމުގެ 1،408 ކޭހެކެވެ. އޮކްޓޫބަރު މަހު މި އަދަދު ވަނީ 1،701އަށް އިތުރުވެފައެވެ. މި ބަލި ޖެހުމުން ރައްކާތެރިވެތިބުމަށް ކުރެވެން ހުރި ކަންކަން ކުރުމަށާއި، ބޭރަށްހިންގުން ޖެހިއްޖެނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ލަފާދީފައިވެއެވެ. އަދި ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ލަފާދީފައިވެއެވެ.
ކޮވިޑް-19އާއެކު މިފަދަ އާންމު ރޯގާތަކުގެ ވާހަކަ ދެކެވޭ މިންވަރު ވަނީ މަދުވެފައެވެ. އެހެންނަމަވެސް މިފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު އޮތުމުން ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ ލަފާދީފައެވެ.