ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ހުޅުމާލޭގައި "މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް 2021" ނަމުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ ވޮލީބޯޅަ ކޭމްޕް ފަށައިފިއެވެ.
މިއީ އެޗްޑީސީ އާއި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އަދި ޕޮލިސް ކުލަބު ގުޅިގެން ހިންގާ ކޭމްޕެކެވެ. ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ކުރިއަށްދާ މި ކޭމްޕް ފެށުމަށް ހޮނިހިރު ދުވަހުގެ ހަވީރު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެޗްޑީސީން މައުލޫމާތުދޭ ގޮތުން މި ކޭމްޕުގެ މަގުސަދަކީ ކުޑަކުދިން ވޮލީބޯޅައަށް ޝައުގުވެރިކުރުމާއި، އެ ކުދިންނަށް ވޮލީބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުމެވެ. އަދި މި ކޭމްޕުގައި ބައިވެރިވަނީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދު އުމުރުފުރާގެ ކުދިން ކަމަށާއި، އެގޮތުން މި ކޭމްޕުގައި ފިރިހެން 33 ކުދިންނާއި އަންހެން 19 ކުދިން ބައިވެރިވާ ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.
މި ކޭމްޕުގެ ތެރެއިން "ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސްގެ ކޯޗު މުޙައްމަދު ނަދީމް ވިދާޅުވީ ހަތް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޭމްޕުގައި އެކި އުމުރުފުރާގެ ކުދިން ހަރަކާތްތެރިވާ ކަމަށާއި، އެހެންކަމުން އެކި ކެޓެގަރީތަކަށް ބަހާލައިގެން އެ ކުދިންނަށް އެންމެ އެކަށީގެންވާ ކަހަލަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީގެ އެސިސްޓަންޓް ސީއެސްއާރް އޮފިސަރު އަޙްމަދު ޝާމިލް ވިދާޅުވީ މި ކޭމްޕް ކުރިއަށްދަނީ އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގެ ސުކޫލުތަކާއި މާލޭގެ ސުކޫލުތަކަށް ހުޅުވާލައިގެން، އެ ކުދިންނަށް ކުޅިވަރު ކުޅުމުގެ އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އަދި މި ކޭމްޕަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި، އަދި ކޭމްޕް ކުރިއަށްގެންދިޔުމުގައި ސްކޫލުތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
އެޗްޑީސީން މައުލޫމާތުދޭ ގޮތުން ކުރިއަށް އޮތްތަނުގައިވެސް މެދު ކެނޑުމެއްނެތި މި ކޭމްޕް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަންނަ އަހަރު ބާއްވާ ކޭމްޕުގައި 200 ކުދިން ބައިވެރިކުރުމަށް ވަނީ އަމާޒުހިފާފައެވެ. އެޗްޑީސީން ބުނީ ކުރިއަށް އޮތްތަނުގައި ވޮލީބޯޅަ ނޫން އެހެން ކުޅިވަރުތަކުގެ ކޭމްޕުތައްވެސް ބޭއްވިގެންދާނެ ކަމަށެވެ.
އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގައި ވޮލީބޯޅަ ކޭމްޕެއް ބާއްވާއިރު، އެޗްޑީސީން އިންތިޒާމުކޮށްގެން މި އަހަރުގެ ކުރީކޮޅު ވަނީ ހުޅުމާލޭގައި ޕާކް ވޮލީ ޗެމްޕިއަންޝިޕް ބާއްވާފައެވެ.