ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ގްރީސް އަތުން ސްޕެއިން މޮޅުވިއިރު، އަޔަލެންޑާއި ޕޯޗުގަލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ކޮލިފައިންގެ ގްރޫޕް ބީގައި ހިމެނޭ ސްޕެއިން މޮޅުވީ ގްރީސް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
ގްރީސްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސްޕެއިނުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 26 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރާބިއާއެވެ. މިއީ އޭރިއާ ތެރެއިން ސްޕެއިނުގެ އިނީގޯ މާޓިނޭޒަށް ގްރީސްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
އޭގެ ފަހުންވެސް މި މެޗުގައި ލީޑު ފުޅާކުރަން ސްޕެއިނަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ. އެގޮތުން ފުރަތަމަ ހާފުގައި އެ ޓީމުގެ އަލްވާރޯ މޮރާޓާއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ގްރީސްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މި މޮޅާއެކު ކޮލިފައިންގެ ގްރޫޕް ބީގެ އެއްވަނައަށް ސްޕެއިން ޖެހިލިއިރު، އެ ގައުމަށް ވަނީ ކުޅުނު ހަތް މެޗުން 16 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތީ ބުރާސްފަތި ދުވަހުގެރޭ ޖޯޖިއާ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވި ސްވިޑެންއެވެ. އެ ގައުމަށް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ކޮލިފައިންގެ ގްރޫޕް އޭގައި ހިމެނޭ އަޔަލެންޑާއި ޕޯޗުގަލް ބައްދަލުކުރި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
އަޔަލެންޑުގައި ކުޅުނު މި މެޗުގައި ލަނޑެއް ޖަހަން ޕޯޗުގަލުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މި މެޗު ޕޯޗުގަލުން ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ތަޖުރިބާކާރު ޑޮފެންޑަރު ޕެޕޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތް ޕޯޗުގަލާއި ދެވަނައިގައި އޮތް ސާބިއާއަށް ވަނީ ހަތް މެޗުން 17 ޕޮއިންޓް ލިބިފައެވެ. ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން އަޒަބައިޖާން އަތުން 3-1 ގެ ނަތީޖާއަކުން ލަގްޒަމްބާގް މޮޅުވިއިރު، އެ ޓީމު ތިންވަނައިގައި އޮތީ ހަތް މެޗުން ނުވަ ޕޮއިންޓާއެކުއެވެ. އަދި ޕޯޗުގަލާ އެއްވަރުކުރި އަޔަލެންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި ހަތް މެޗުން ހަ ޕޮއިންޓާއެކުއެވެ.
މީގެ އިތުރުން ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަނުން ވަނީ ލިކްޓަންސްޓައިން އަތުން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުން ޖަރުމަން މޮޅުވިއިރު، މީގެ ކުރިން އެ ގައުމުން ވަނީ ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.