ގިނަ އާންމު ރައްޔިތުން އިންތިޒާރު ކުރަމުން ދިޔައީ މިނިމަމް ވޭޖް ކަނޑައެޅިގެންދާނެ ދުވަހަކަށެވެ. މިހާރު ސަރުކާރުގެ ފަރާތުން ވަނީ މިނިމަމް ވޭޖް ކަނޑައަޅާފައެވެ. މިނިމަމް ވޭޖް ކަނޑައެޅިގެން ދިޔުމާއެކު ވަރަށް ގިނަ ބަޔެއްގެ ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ. މި ވޭޖާއެކު ދިރިއުޅުމުގެ ހާލަތު ބަދަލުވެގެންދާނެތޯއެވެ.
ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅާފައިވާ ގޮތްތަކަށް ބަލާއިރު ކުދި ވިޔަފާރިތަކަށް، މަހަކު 4500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7000 ރުފިޔާ އަދި ބޮޑެތި ވިޔަފާރިތަކަށް މަހަކު 8000 ރުފިޔާގެ އުޖޫރައެއް މުވައްޒަފުންނަށް ދޭން ޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ދުވާލަކު މަދުވެގެން 6 ގަޑިއިރު މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް މަހަކު 7000 ރުފިޔާ ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.
އެންމެ ކުޑަ އުޖޫރަ އިއުލާން ކުރައްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވީ، ސިވިލް ސަރވިސްގައި މިހާރު ވަޒީފާ އަދާކުރާ ވަގުތުތަކަށް ބަދަލު ގެންނަން ޖެހޭޭ ކަމަށެވެ. ކުރިއަށް އޮތްތަނުގައި މި މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ. ވޭޖް ކަނޑައެޅުމުގައި ކޮވިޑްގެ ހާލަތަށް ރިއާޔަތްކުރެވިފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.
ވޭޖްގެ ފައިދާ 40-50 އިންސައްތަ މީހުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާގެ 13،000 މުވައްޒަފުންނަށް މީގެ ހެޔޮ މަންފާ ކުރާނެ ކަމަށް ވެސް ސަރުކާރުން ލަފާ ކުރެއެވެ.
ސަރުކާރުން ކަނޑައަޅާފައިވާ މިނިމަމްވޭޖާ މެދު ބައެއް އާންމުން ބުނީ މިކަމުން މުވައްޒަފުންނަށް ފައިދާވާނެ ކަމަށާއި މިހާރުގެ ހާލަތުން ރަނގަޅު ހާލަތަކަށް ދިރިއުޅުމުގެ ކަންތައްތައް ގެންދިޔުމުގެ މަގު ފަހިވެގެން ހިނގައްޖެ ކަމަށެވެ. މިނިމަމް ވޭޖަކީ ލިވިންގް ވޭޖެއް ކަން ސިފަކޮށް ސަރުކާރުން ބުނީ ކުރިއަށް އޮތްތާނގައި ބަދަލުތައް ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށެވެ.
މި އަދަދުތަކަށް މިނިމަމް ވޭޖް ކަނޑައެޅީ ކޮވިޑުގެ ހާލަތުގެ ސަބަބުންނެވެ. މިކަމަކީ މީގެ އެތައް އަހަރެއް ކުރިން ކުރަންޖެހޭ ކަމެއްކަން ފާހަގަކޮށް ސަރުކާރުން ބުނީ މިކަންތައްތައް ލަސްކުރިނަމަ ދުވަހަކުވެސް މިނިމަމް ވޭޖް ކަނޑައެޅިގެންދާނެ ދުވަހެއް ނާންނާނެ ކަމަށެވެ.
ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ރައްޔިތުންނަށް ވީ ވައުދުތައް ވެރިކަމުގެ ބާކީ އޮތް ދުވަސްތަކުގައި ފުއްދުމަށެވެ. އަދި މިހާރުން މިހާރަށް ވޭޖް ކަނޑައެޅުން އެކަމުގެ ނަތީޖާ ނުފެނުނަސް ކުރިއަތް އޮތް ދުވަސްތަކުގައި މިކަމުގެ ހެޔޮ ބަދަލު ފެނިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މިނިމަމް ވޭޖްއާއެކު ގިނަ ރައްޔިތުންގެ އުންމީދުތައް އައު ވެފައިވާއިރު އެމީހުންގެ އުންމީދަކީ ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ހިންދެމިލައިގެން އާއިލާއާއެކު ދިރިއުޅެވޭނެ ދުވަހެއް ފެނިގެން ދިޔުމެވެ.