އެސްޓީއޯއިން ވިއްކަމުންދާ "މޯލްޑިވްސް ސިމެންތި"ގެ ވިޔަފާރި އިތުރަށް ފުޅާކޮށް މާކެޓްކުރުމަށްޓަކައި، އެސްޓީއޯގެ ސްޓްރެޓެޖިކް ޕާރޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯ އެނާރޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްމަދު އީމާންއެވެ. އެޕޯލޯ ހޯލްޑިންސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ މުހައްމަދު ވަހީދުއެވެ.
ރާއްޖޭގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކޮށް ސަޕްލައިކުރުމުގައި އެންމެ ކުރީ ސަފުގައި ހިމެނޭ ދެ ކުންފުނި ކަމަށްވާ އެސްޓީއޯ އަދި އެޕޯލޯ ހޯލްޑިންގްސްއިން ސޮއި ކުރި މިއެއްބަސްވުމަކީ ސިމެންތީގެ ވިޔަފާރީގައި ރާއްޖޭގައި މިހާތަނަށް ވެވުނު އެންމެ ބޮޑު އެއް އެއްބަސްވުމެވެ. އަދި މިއީ މި ދެ ކުންފުނީގެ ކޮންސްޓްރަކްޝަން ސަޕްލައި ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމުގައި އެސްޓީއޯއިން ދެކެއެވެ.
މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އަދި އެފޯލޯ ކުންފުނި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޯލްޑިވްސް ސިމެންތި ހެޔޮ އަގުގައި ފޯރު ކޮށްދެވޭނެއެވެ. އަދި ރާއްޖޭގައި ރިއަލް އެސްޓޭޓްގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގުމުގެ އިތުރުން، އަތޮޅުތެރޭގައި ކޮންސްޓްރަކްޝަން ސާމާނު އެންމެ ފުޅާކޮށް ސަޕްލައިކުރާ އެއް ކުންފުންޏަކީ އެޕޯލޯ ހޯލްޑިންގްސް ކަމަށްވާއިރު، އެކުންފުންޏާއެކު މި ހެދި ޕާޓްނާޝިޕް އެއްބަސްވުމުގެ ސަބަބުން "މޯލްޑިވްސް ސިމެންތި"އަށް ކަސްޓަމަރުން ކުރާ އިތުބާރު އިތުރުވެގެން ދާނެކަމަށް ވެސް އެސްޓީއޯއިން ދެކެއެވެ.
ފަންނީ ތަޖުރިބާކާރުންނާއި، މުޅި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިތުބާރު ހޯދާފައިވާ "މޯލްޑިވްސް ސިމެންތި" އަކީ މާކެޓްގައި މިހާރު ލިބެންހުރި އެންމެ ކޮލިޓީ ރަނގަޅު ސިމެންތިއަށްވެފައި، ކަސްޓަމަރުންނަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނުގެ އަގާއި ކޮލިޓީ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަބަދުވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.
"މޯލްޑިވްސް ސިމެންތި"އަކީ އެސްޓީއޯ އަދި އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި، ރޭސޫޓް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑްއިން ތިލަފުށީގައި ގާއިމްކޮށްފައިވާ ފެކްޓްރީއިން އުފައްދަމުން އަންނަ ސިމެންތިއެކެވެ. އަދި އެސްޓީއޯއިން ޖޮއިންޓް ވެންޗާ ހަދާފައިވާ އޮމާންގެ މި ކުންފުންޏަކީ ގަލްފް ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި މި މަސައްކަތް ކުރަމުން އަންނަ ކުންފުނިކަން ވެސް ފާހަގަކޮށްލެވެއެވެ.