ވަޒީފާގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ބިލްކަމުގައިވާ އޮކިޔުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އެކްޓް އެކުލަވާލައި، މިހާރު އެޓާރނީ ޖެނެރަލްގެ ލަފަޔަކަށް އެދި ފޮނުވާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މަސައްކަތްތެރިކަމުގެ ދާއިރާއާ ގުޅުންހުރި ބިލްތައް ހުރި ހިސާބުގެ ތަފްސީލު ދެއްވާފައެވެ. މިއަހަރުގެ މޭޑޭއާ ދިމާކޮށް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ ވަޒީފާގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ބިލެއް މި އަހަރުތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރ. އަލިފުށީގައި ޖޮބް ސެންޓަރުގެ ޚިދުމަތް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެސް މިނިސްޓަރ ވަނީ މިބިލް މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
މިކަން މިހާރު އޮތް ހިސާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފައިނަލް ޑްރާފްޓް އޭޖީ އޮފީހަށް ފޮނުވާފައިވާއިރު އޭޖީގެ ލަފާ ލިބުމުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާނެކަމަށެވެ. އަދި އެއަށްފަހު ރައްޔިތުންގެ މަޖިލީހަށް ބިލް ފޮނުއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން އިންޑަސްޓްރިއަލް ރިލޭޝަން އެކްޓް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެބިލްގެ ޑްރާފްޓް ވެސް އޭޖީ އޮފީހުގެ ލަފަޔަކަށް ފޮނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއަށްފަހު މިއަހަރު ތެރޭގައި މިބިލް ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުރިން ބުނެފައިވާނެ މިއަހަރުގެ ތެރޭގައި ފާސްކުރެވޭނެކަމަށް. ނަމަވެސް އެކަމެއް ނުވި. ނަމަވެސް އަންނަ އަހަރު ކުރީކޮޅު ދެ ބިލްވެސް ފާސްކުރެވޭނެކަމަށް އުންމީދުކުރަން.ފައްޔާޒު އިސްމާއީލް/ އިކޮނޮމިކް މިނިސްޓަރ
މަސައްކަތުގެ މާހައުލުގައި ހިތާމަވެރި ހާދިސާތައް ހިނގަމުންދާ މަންޒަރު ރާއްޖޭގައި އަންނަނީ ފެންނަމުންނެވެ. އެކަންކަން ހައްލުކުރުމަށް އަމަލުކުރާނެ ގާނޫނެއް ނެތްނަމަވެސް ކޮންމެވެސް ވަރެއްގެ ޕްރޮސީޖަރތަކެއް އެކުލަވާލާފައި އެބަހުއްޓެވެ. ނަމަވެސް އެންމެ އެކަށޭނެ ގޮތްތަކެއް އަދި މިހާތަނަށް ކަނޑައެޅިފައެއް ނުވެއެވެ. މިފަދަ ގާނޫނެއް ވުޖޫދުވުމުން މަސައްކަތްކުރާ ތަންތަނުގެ ރައްކާތެރިކަމުގެ މިންގަނޑުތަކެއް އެކުލަވާލެވި ނުރައްކާތެރި ހާދިސާތަކުން މުވައްޒަފުން ސަލާމަތްކޮށްދެވޭނެއެވެ.