ކ. މާލެ
|
8 ނޮވެންބަރ 2021 | ހޯމަ 08:39
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާވަޑައިގަންނަވަނީ
ރައީސް އޮފީސް
ފޯ ނޭޝަންސް ކަޕް
ފޯ ނޭޝަންސް ކަޕް ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ލަންކާއަށް
 
ރައީސް ފުރާވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނު 07:45 ގައި

ސްރީލަންކާގައި ހޯމަ ދުވަހު ފަށާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް) ޝަރަފުވެރިކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ފުރާވަޑައިގެންފިއެވެ.

ރައީސް ފުރާވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނު 07:45 ގައެވެ. ރައީސް ލަންކާއަށް ފުރާވަޑައިގެންނެވީ ފޯ ނޭޝަންސް ކަޕް ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދެއްވި ދަޢުވަތަކަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕުގައި ހަތަރު ގައުމު ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. މި މުބާރާތް ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ ފައިނަލް މެޗު މީގެ ކުރިން މި މަހުގެ 17 ވަނަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް، ފައިނަލް މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވެވަޑައިގަންނަވާތީ، ފައިނަލް މެޗު ވަނީ 19 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕަކީ ރާއްޖޭގެ ގައުމީ ޓީމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެރޭ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހެވެ. މި މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ.

ލަންކާގައި ބާއްވާ މުބާރާތުގައި މި ފަހަރު ރާއްޖެ ވާދަކުރާއިރު، ރާއްޖޭން ވަނީ މީގެ ކުރިން 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެކަމަކު އެ ފަހަރު އެ މުބާރާތް ކުރިއަށްގެންދިޔައީ 23 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގައެވެ.

ފޯ ނޭޝަންސް ކަޕް ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ރައީސް ފުރާވަޑައިގެންފައިވާއިރު މި މުބާރާތުގައި ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުގެ އަގު ވަނީ ހެޔޮކޮށްފައެވެ. ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ފުރަތަމަ އިއުލާންކޮށްފައިވާ ގޮތުން ހޯމަ ދުވަހުގެރޭ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ވަންނަ ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 5،000 ލަންކާ ރުޕީސް (385 ރުފިޔާ) އަށެވެ.

އެއާއެކު ޓިކެޓުގެ އަގު ބޮޑުވުމުގެ ޝަކުވާ ދިވެހި ސަޕޯޓަރުން އުފުލާފައިވަނިކޮށް، އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެދިވަޑައިގެންނެވުމުގެ މަތިން ޓިކެޓުގެ އަގު ކުޑަކުރުމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވަރު އުމަރުއާ މަޝްވަރާކުރެއްވި ކަމަށެވެ. އެއާއެކު ދިވެހިންނަށް ވިއްކާ ޓިކެޓުގެ އަގު 3000 ރުޕީސް (231 ރުފިޔާ) އަށް ކުޑަކޮށްފައިވާ ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

ލަންކާ މުބާރާތުގެ މެޗުތައް ބަލަން ސަޕޯޓަރުން ވައްދާއިރު، މެޗުތަކުގެ ޓިކެޓު ވިއްކާނީ ވެކްސިނުގެ ދެ ޑޯޒު ޖަހާފައިވާ މީހުންނަށެވެ. ކޮވިޑް-19 ގެ ނުރައްކަލުގެ ތެރޭގައި ލަންކާގައި މުބާރާތް ބާއްވާއިރު، ލަންކާ ސަރުކާރުން މީގެ ކުރިން ވަނީ މެޗުތައް ކުޅޭ ދަނޑުގެ ޖާގައިގެ ދެބައިކުޅަ އެއް ބަޔަށް ސަޕޯޓަރުން ވައްދަން މަޝްވަރާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް