ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މިހާރަށްވުރެ އިތުރު ފަހިގޮތްތައް ކުރިޔަށް އޮތްތަނުގައި ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ކާމިޔާބީއެއްކަމަށެވެ.
ރާއްޖޭގެ އަންހެން ޓީމުން ވަނީ މުބާރާތުގައި ވާދަކޮށް، ލޯ މެޑަލް ހޯދާފައެވެ. ރައީސް ވަނީ ލޯ މެޑަލް ހޯދި ޓީޓީ ޓީމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި އަންހެނުން ހޯދަމުން އަންނަ ކާމިޔާބީ ރައީސް ފާހަގަކުރެއްވިއެވެ.
ތިކުދިން ތި ދިނީ އަޅުގަނޑުމެންނަށް ކުޅިވަރުގެ މައިދާނުގައި މިއަށްވުރެ މާބޮޑެތި ކާމިޔާބީތައް ހާސިލްކުރެވޭނެ ކަމުގެ އުންމީދާ ޔަގީންކަން. މިއަދު އަޅުގަނޑުމެންނަށް އައިސް މިތިބެވުނީ މި ސަރަހައްދު ކަޑައްތުކޮށް، މާދުރަށް.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު
ރައީސް ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް ކުޅިވަރުގެ މައިދާނުގައި ކާމިޔާބީތައް ލިބެމުންއައީ ސަރަހައްދީ މުބާރާތްތަކުގައި ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގެ ޓީމުތަކުން، ދުނިޔޭގެ ފެންވަރުގެ ބޮޑެތި ގިނަ ގައުމުތަކުން ބައިވެރިވާ މުބާރާތްތަކުގައި ހޯދަމުން އަންނަ ކާމިޔާބީތައް ރައީސް ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅުންތެރިން ރަނގަޅު ފެންވަރުގައި ވާދަކުރުމަށް އެތަކެއް ބައިވަރު އެހީތައް ބޭނުންވެއެވެ. ރަނގަޅު ފެންވަރުގެ ތަމްރީނުތައް ދިނުމުން ފެށިގެން އެތުލީޓުންނަށް ބޭނުންވާ ގިނަގުނަ ކަންތައްތަކެއް ސަރުކާރުގެ ފަރާތުން ފުރިހަމަކޮށްދޭން ޖެހެއެވެ. ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ރާއްޖޭގެ ހުރިހާ ކުޅިވަރުތައް ކުރިއެރުވުމަށްޓަކައި ބޭނުންވާ އެހީތެރިކަން މިހާރުވެސް ފޯރުކޮށްދެމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މާލެ ސަރަހައްދުގެ އިތުރުން، އަތޮޅުތެރޭގައި ތިބި އެތުލީޓުންނަށް، ކުޅިވަރުތަކުގައި ކުރިއަރައިދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އެތުލީޓުން ބޭރުގެ އެކި ކުޅިވަރު މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމުން ކުޅިވަރުގެ ދާއިރާއަށް އެލިބޭ ކުރިއެރުންތަކާއެކު، އެއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިތުރަށް މަޝްހޫރުވެ ރާއްޖޭގެ މަގުބޫލުކަން އިތުރުވެގެންދިއުން ފަދަ އެތައްފައިދާތަކެއް އެކުލެވޭކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމަށް މަރުހަބާ ވިދާޅުވުމުގެގޮތުން މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.