ރާއްޖެ އަދިވެސް އޮތީ ކޮވިޑް-19 އާ މެދު ސަމާލުވާންޖެހޭ ޙާލަތުގައި ކަމަށާއި، މާސްކް އެޅުން ނިމުމަކަށް ގެނައުމުގެ ވިސްނުމެއް އަދި ނެތްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މައިމޫނާ ވިދާޅުވީ، ވެކްސިން ޖަހައިގެން މެނުވީ ބައެއް ޚިދުމަތްތައް ނުލިބޭގޮތަށް ބަދަލުތައް ގެނައުމުގެ މަސައްކަތް އެޗްޕީއޭއިން ފެށީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދިވެސް އެ ފިޔަވަޅުތައް ދެމިއޮތް ކަމަށާއި، އެ ފިޔަވަޅުތައް ކަމާ ގުޅުންހުރި ފަރާތްތަކުން ތަންފީޒު ކުރުން މުހިއްމުކަމަށް ވެސް މައިމޫނާ ވިދާޅުވިއެވެ. މައިމޫނާ ވަނީ އެކިއެކި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކުން ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ޚިދުމަތްދޭ ފަރާތްތަކުން ވެސް ބާރު އެޅުމަށް އެދިވަޑައިގަންނަވާފައެވެ.
މައިމޫނާ އިތުރަށް ވިދާޅުވީ، މާސްކް އަޅައިގެން އުޅުމަކީ މިވަގުތު ވެސް ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. ވަކިން ޚާއްސަކޮށް އެކި ރޯގާތައް މިވަގުތު ވެސް މުޖުތަަމައުގެ ތެރޭގައި އުޅޭއިރު، މާސްކް އެޅުމަކީ އާންމު ރޯގާތަކުން ވެސް ދުރުކޮށްދޭނެ ކަމެއްކަން މައިމޫނާ ފާހަގަކުރެއްވިއެވެ. އަދި މިވަގުތު އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކުރިކަމުގައިވީނަމަވެސް، މާސްކް އެޅުން މަޖުބޫރު ކުރުމަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނައުމުގެ ވިސްނުންފުޅެއް މިވަގުތު ނެތްކަމަށް މައިމޫނާ ވިދާޅުވިއެވެ.
މައިމޫނާ ވަނީ މާސްކް އެޅުމަކީ ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފަސޭހަ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އެއީ އެހާ އަވަހަށް ދޫކޮށްލުން ރަނގަޅު ފިޔަވަޅެއް ކަމަށް ޤަބޫލު ނުކުރެއްވޭކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
އެހެން ރޯގާތަކުން ވެސް ރައްކާތެރިވުމަށް އޮތް ރައްކާތެރިކަމުގެ ފިޔަވަޅެއް މާސްކް އެޅުމަކީ، ބަލި ފެތުރުން ހުއްޓުވުމުގައި ވެސް ވަރަށް މުހިއްމު ފިޔަވަޅެއް އެއީ، އަދި ނެތް އެކަމަށް އިތުރު ގޮތެއް ކަނޑައަޅާފައެއް،އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވެއްޖެނަމަ ކުރާ ޖޫރިމަނާ ބޮޑުކޮށް، އާއްމު ކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އެޗްޕީއޭއިން ބުނީ އާންމު ފަރުދެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން، ދެވަނަ ފަހަރު 3،500 ރުފިޔާއިން، ތިންވަނަ ފަހަރު 7،500 ރުފިޔާއިން، އަދި ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ގާނޫނީ ޝަޚުސެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، ދެވަނަ ފަހަރު 25،000 ރުފިޔާއިން، ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން، ފަސްވަނަ ފަހަރުން ފެށިގެން ދެން އިތުރުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މައިމޫނާ އިތުރަށް ވިދާޅުވީ، މިވަގުތު ވެސް ރަށްރަށުން ގިނަ ކޭސްތައް ފެންނަމުންދާއިރު، ރަށްރަށަށް ދަތުރުފަތުރު ކުރާ ފަރާތްތަކުން ވެސް ފިޔަވަޅުތަކަަށް އަމަލު ކުރުން ވަރަށް މުހިއްމު ކަމަށެވެ. ވަކިން ޚާއްސަކޮށް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ލުއިތައް ދީފައިވީނަމަވެސް، ބަލީގެ އަލާމަތްތައް ހުރިނަމަ ޓެސްޓުކޮށްގެން ނެގެޓިވް ނަތީޖާއާއެކު ދިއުމަކީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަމެއްކަން މައިމޫނާ ފާހަގަ ކުރެއްވިއެވެ.
މިވަގުތުވެސް ރާއްޖެއިން ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު އުޅެނީ ދެހާހުން މަތީގައެވެ. ދުވަސްތަކަކަށްފަހު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަންނަނީ އަނެއްކާވެސް އިތުރުވަމުންނެވެ. ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.