ކ. މާލެ
|
6 ނޮވެންބަރ 2021 | ހޮނިހިރު 19:54
ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ކާއްޓޭ
ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ކާއްޓޭ
ރާއްޖެއެމްވީ
ކާއްޓޭ ގައުމީ ޓީމާ ހަވާލުވުން
ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗަކަށް ކާއްޓޭ
 
ކާއްޓެ ވަނީ ދެ ފަހަރެއްގެ މަތިން ކޯޗުގެ މަގާމު އަދާކޮށްފައި
 
ޑިސެމްބަރު މަހުގެ ތެރޭގައި ބިދޭސީ ކޯޗު ގައުމީ ޓީމާ ގުޅޭނެ
 
ސެންޓްރަލް ޒޯން މުބާރާތް އޮންނާނީ އަންނަ މަހުގެ 21-29 އަށް

ގައުމީ ސީނިއާ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް މީގެ ކުރިންވެސް އެ މަގާމު އަދާކޮށްފައިވާ ތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ހަމަޖައްސައިފިއެވެ.

މީގެ ކުރިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ކާއްޓެ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހެޑް ކޯޗުގެ މަގާމު އަދާކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ގައުމީ ޓީމާ ހަވާލުވީ އެ ޓީމުގެ ކޯޗުކަމުން ތައިލެންޑްގެ ސުންޓޮން ފޮސީޓާ ވަކިކުރި ފަހުންނެވެ.

އެ ފަހަރު ކުޑަ ދުވަސްކޮޅެއް ވަންދެން ގައުމީ ޓީމުގެ ކޯޗުގެ މަގާމު ކާއްޓޭ އަދާކުރިއިރު، އޭގެ ފަހުން ވަނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ގައުމީ ޓީމުގެ ޒިންމާ އަދާކޮށްފައެވެ. އަދި މި މުއްދަތުގައި ކާއްޓޭގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ވަނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކޮށްފައެވެ.

މި ފަހަރު ގައުމީ ޓީމުގެ ކޯޗަކަށް ކާއްޓޭ ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށެވެ. މީގެ ކުރިން ގައުމީ ޓީމަށް ބިދޭސީ ކޯޗަކު ހަމަޖައްސަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މަސައްކަތްކުރި ނަމަވެސް، ގައުމީ ޓީމުގެ ޒިންމާ ކާއްޓޭއާ ހަވާލުކުރީ ކުއްލި ގޮތަކަށް އަންނަ މަހު މުބާރާތް ބާއްވަން ނިންމުމުންނެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވީ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ކާއްޓޭ ހަމަޖެއްސި ނަމަވެސް، އަންނަ މަހުގެ ކުރީކޮޅު ބިދޭސީ ކޯޗު ގައުމީ ޓީމާ ގުޅޭނެ ކަމަށެވެ. އެކަމަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބިދޭސީ ކޯޗާއެކު މި މުބާރާތާ ކުރިމަތިލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އެހެންކަމުން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ޓީމަށް އިރުޝާދުދޭނީ ކާއްޓޭ ކަމަށްވެސް ވިދާޅުވިއެވެ.

ރަނޭ ވިދާޅުވީ ކޮވިޑް-19 ގެ މެދުކެނޑުމާއެކު މި ފަހަރުގެ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވާނެ ފުރުސަތު ނުލިބޭނެ ކަމަށާއި، އެހެންކަމުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި މުބާރާތަށް ތައްޔާރުވެވޭނީ ދިވެހި ކުޅުންތެރިން އެންމެ ރަނގަޅަށް އެނގޭ އެކަކަށް ކާއްޓޭ ވާތީ ކަމަށެވެ. އަދި މިއީ މި ވަގުތަށް ބަލާއިރު އެންމެ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ކާއްޓޭގެ އިރުޝާދުގެ ދަށުން ހޮނިހިރު ދުވަހުގެ ހެނދުނު ގައުމީ ފިރިހެން ވޮލީ ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު، ވީއޭއެމުން މި ވަގުތަށް ވަނީ 21 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައެވެ. އެކަމަކު މުބާރާތަށް 12 ކުޅުންތެރިންގެ ސްކޮޑެއް ދާއިރު، އޭގެ ތެރޭގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ކާއްޓޭ ބުނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މުބާރާތަށް ތައްޔާރުވުމަކީ ޗެލެންޖެއް ކަމަށެވެ. އަދި މި މުބާރާތަށް ސްކޮޑް ފައިނަލް ކުރާއިރު ވީއޭއެމުން އުސޫލުތަކެއް އެކުލަވާލާފައިވާ ކަމަށާއި، އެގޮތުން ޓީމަށް ކުޅުންތެރިން ނެގުމުގައި ހާޒިރީއަށް ބެލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ޓީމުގެ ޒުވާން ދެ ކުޅުންތެރިއަކު ހިމަނަން ހަމަޖެހިފައިވާތީ، އެއީ ސީނިއާ ކުޅުންތެރިންނަށްވެސް އޮތް ޗެލެންޖެއްކަންވެސް ކާއްޓޭ ވަނީ ފާހަގަކޮށްފައެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ކާއްޓޭ ހަމަޖެއްސިއިރު، ގައުމީ ޓީމުން އެންމެ ފަހުން ވާދަކުރި މުބާރާތަކީ 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްއެވެ. އެ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދުދިނީ ސާބިއާގެ ކޯޗު މިލޮރަޑް ކިޔާޗެވެ. އެކަމަކު މިލޮރަޑް ވަނީ މިދިޔަ އަހަރު ތެރޭގައި އެއްބަސްވުން ހަމަވުމުން ގައުމީ ޓީމާ ވަކިވެފައެވެ.

އަންނަ މަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. މީގެ ކުރިން މި އަހަރުގެ ސެންޓްރަލް ޒޯން ފިރިހެން ވޮލީބޯޅަ މުބާރާތްތައް ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައި އޮތްއިރު، ރާއްޖެ ވާދަކުރަން އޮތީ ދެކުނު އޭޝިއާގެ މުބާރާތުގައެވެ. އެކަމަކު އެ ތިން މުބާރާތުގެ ބަދަލުގައި އެއް މުބާރާތް ބާއްވަން ނިންމުމާއެކު، މި ފަހަރުގެ މުބާރާތުގައި ލަންކާ އާއި އުޒްބެކިސްތާން ފަދަ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް