އަންނަ ހޯމަ ދުވަހު މިނިމަން ވޭޖު ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ އިސްމާއިލް ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅިގެން ދިޔުމުން އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އޭގެ ތެރޭގައި މަސައްކަތްތެރިންނާއި އަދި ވިޔަފާރިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މުޅި އިގްތިސާދުގެ ސްޓްރަކްޗަރ އަށް ވެސް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން މިނިމަމް ވޭޖް ކަނޑައެޅުމަށް ނިންމާފައިވާއިރު މިނިމަމްވޭޖް ކަނޑައެޅުމަށާއި އެއްކަހަލަ މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުންގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓްގައި 500 މިލިއަން ރުފިޔާ ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ މަސައްކަތްތެރިންނަށް ހައްގު އުޖޫރަ ކަށަވަރުކޮށް، ސަރުކާރު މުވައްޒަފުންގެ ތެރެއިން އެއް މަސައްކަތެއް ކުރާ ފަރާތްތަކުގެ މެދުގައި އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމަކީ ސަރުކާރުން އިސްނަގައިގެން ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތްކަމަށެވެ. މިގޮތުން 2022 ވަނަ އަހަރުން ފެށިގެން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައި ތަންފީޒުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން އެއް ފެންވަރެއްގެ، އެއްކަހަލަ މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުންގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލުމުގެ ގޮތުން، އައު ޕޭ ފްރޭމްވާކެއް އެކުލަވާލައި، އަންނަ އަހަރުން ފެށިގެން ޕޭ ހާމަނައިޒޭޝަން މަރުހަލާތަކަކަށް ބަހާލައިގެން ތަންފީޒުކުރަން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭންޖެހޭ އަދަދު ކަނޑައެޅުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާ އަރުވާފައިވަނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
މިގޮތުން މިނިމަމް ވޭޖް ބޯޑުުން މިނިސްޓަރަށް އެރުވި ލަފާގައި ވަނީ ޕްރައިވެޓް ސެކްޓަރގައި، ކުދިފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 5,000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ. ޕްރައިވެޓް ސެކްޓަރގައި، މެދުފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 7،000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ.
ޕްރައިވެޓް ސެކްޓަރގައި، ކުދި އަދި މެދުފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން، 8،900 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމުގެ އިތުރުން ޕަބްލިކް ސެކްޓަރގައި، 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7,000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާ ދިނުމަށް ވަނީ ލަފާދީފައެވެ.
ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން، އިތުރަށް ދިރާސާކުރުމަށް ފަހު ލަފާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައަށް އަމަލުކުރަން ފެށުމަށް ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު، ޖުމްލަ 5 އަހަރު ދުވަހަށް އިތުރުކުރުމަށް ލަފާދީފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް އަރުވާފައިވާ ލަފާ، ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އެ މިނިސްޓްރީން ދިރާސާކުރަމުން ގެންދާ ކަމަށެވެ. މި ދިރާސާއަށްފަހު ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައަޅައި އާންމުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
2021 ވަނަ އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަންވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުން އިކޮނޮމިކް މިނިސްޓަރަށް ލާޒިމް ކުރެއެވެ. މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެއް އިސްލާހަކީ މިނިމަމް ވޭޖް ކަނޑައެޅުމެވެ. ގާނޫނު ބުނާގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ގާނޫނުގައި ބުނާ ގޮތުގެ މަތިން މިނިސްޓަރު ކަނޑައަޅަންޖެހޭނެއެވެ. މިކަމާ ގުޅިގެން މިނިސްޓަރު ކުރާ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި ވަނީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން 9 ސިނާއަތަކަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖް ކަނޑަޅުން ލާޒިމުވާނެ ގޮތަށެވެ.