ކ. މާލެ
|
5 ނޮވެންބަރ 2021 | ހުކުރު 11:05
ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ޓްވިޓަރ
ސީލައިފްގެ ވެރިޔާ އައްމަޓީ
އައްމަޓީ ފިލައިފިނަމަ 42 މީހުންގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގެ ޝަރީއަތަށް ހުރަސް އެޅޭނެ: ދައުލަތް
 
ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ 20 އޮކްޓޯބަރު 2021 ގައި
 
ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ ޙަސަން ސައީދު
 
ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައި

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅިގެން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެގޮތުން މި އަޑުއެހުމުގައި ދައުލަތުން ވަނީ އައްމަޓީއަކީ މީގެ ކުރިން ވެސް ފިލުމުގެ ރިކޯޑް އޮތް މީހެއްކަން ފާހަގަކޮށް، އޭނާއަކީ މީގެ ކުރިން އިންޓަނޭޝަނަލް އެރީނާގެ ތެރޭގައި ފިލައިގެން އުޅެފައިވާ ފަރާތެއްކަމަށް ވެސް ބުނެފައެވެ. އެގޮތުން އޮންލައިން ނޫސް "ސަން" ގައި ރިޕޯޓު ކޮށްފައިވާ ގޮތުން އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓާފައި އަދި ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައި އޮތްކަމުގައި ވީނަމަވެސް، ވަލުދޮރޯށިން ނޫނީ އެހެން ގޮތަކުން ދައުލަތުގެ ނިޒާމަށް ނޭނގި ފިލައިގެން ދިއުމުގެ އިހްތިމާލް އެބައޮތްކަމަށް މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަށްފަހު، ރާއްޖެއިން ބޭރަށް ގޮސް ފިލި މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ކުރިއަށްދަނިކޮށް ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ 20 އޮކްޓޯބަރު 2021 ގައެވެ. އޭނާ ދޫކޮށްލީ އޭނާގެ އަންހެން ކޮއްކޮ އަފީފާ މޫސާ އާއި ދައްތަ މަރިޔަމް ނައީމާ ޖާމިނުކޮށްފައެވެ.

ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމާމެދު ގޮތެއް ނިންމެވުމަށް ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ އައްމަޓީ ކަފާލާތުގެ ދަށުން ދޫކޮށްނުލެއްވުމަށް އެދިފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު އެއްލައްކަ ރުފިޔާއަށްވުރެ އަގު މަތި އަދަދުތައް ހިމެނޭ މައްސަލަތައް އެބަހުރި ކަމަށެވެ. އެގޮތުން މިއީ ޖިނާއީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ، މިއީ އެތައް ބަޔަކަށް އަނިޔާ ލިބިފައިވާ މައްސަލައެއް ކަމަށެވެ. އަދި އައްމަޓީއަކީ މާލީ މުއާމަލާތްތަކާ ގުޅޭ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެއްކަން ވަކީލު ފާހަގަކުރެއްވިއެވެ. 

އޭގެ އިތުރުން، އައްމަޓީ މީގެ ކުރިން ފިލައިގެން އުޅުނުކަން ނޭނގޭކަމަށް އޭނާގެ ދައްތަ ބުނެފައިވާއިރު، ދައުލަތުން ވަނީ އައްމަޓީގެ "ހިސްޓްރީ" ނޭނގޭއިރު، އޭނާއާމެދު ޖާމިނުވެ، އޭނާ ފިލައިގެން ނުދާނެ ކަމުގެ ޔަޤީންކަމެއް ދެވޭނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް ގާޒީ ވަނީ ޖާމިނުވުމުގެ ޝަރުތު އެ ދެމީހުންގެ ކިބައިގައި ހަމަވާކަމަށް ޤަބޫލު ކުރެވޭކަމަށް ވިދާޅުވެ، ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް ނިންމަވާފައެވެ. އަދި އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، "ނިންމެވުމާމެދު ހިތްހަމަ ނުޖެހޭނަމަ، ދައުލަތުން އެހެން މައްސަލަތަކުގައި ވެސް އަމަލުކުރާ ގޮތަށް" ހައިކޯޓަށް ވަޑައިގެންނެވުމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ ޙަސަން ސައީދެވެ. އެގޮތުން އަސްހަދު އަލީ ޖާމިނުކޮށް، ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވެސް ކްރިމިނަލް ކޯޓުން ދޫކޮށްލެއްވީ ގާޒީ ޙަސަން ސައީދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި