ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ސްރީލަންކަން އެއަރލައިންސްއިން އައްޑޫއަށް ކުރާ ފުރަތަމަ ދަތުރު އަންނަ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހަށް ޝެޑިއުލްކޮށްފިއެވެ.
އެ އެއާލައިންގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްއިން މިހާރު ވަނީ ރިޒަވޭޝަނަށް ހުޅުވާލާފައެވެ. ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު އައްޑޫއަށް ދަތުރު ހަމަޖެހިފައިވާއިރު ގަމާއި ކޮލަމްބޯއާ ދެމެދު ދިވެއްސެއްގެ ދެކޮޅު ޓިކެޓްގެ އަގަކީ 271 ޑޮލަރެވެ.
2016ން ފެށިގެން އައްޑޫސިޓީ ގަމާއި ކޮލަމްބޯއާ ދެމެދު ކުރަމުން އައި ދަތުރުތައް މިދިޔަ އަހަރު ހުއްޓާލާފައިވަނީ ހަމައެކަނި އައްޑޫއަށް ދަތުރުކޮށްގެން ގެއްލުންވާތީ ކަމަށް ބުނެއެވެ. އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރިން ވިދާޅުވެފައިވަނީ އައްޑޫއަށް އެކަނި އަމާޒްކޮށްގެން ދަތުރުތައް ނުބޭއްވޭނެ ކަމަށާއި އައްޑޫ އާއި ހުވަދު އަތޮޅާ ދެމެދު ޑޮމެސްޓިކް ފްލައިޓްތަކުން ގުޅުވާލެވިއްޖެ ނަމަ އަލުން ދަތުރު ފެށިދާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އައްޑޫސިޓީ ފޭދޫ ދާއިރާގެ މަޖްލިސް މެންބަރު މުޙައްމަދު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރީލަންކަން އެއަރލައިންސްއިން އައްޑޫއަށް ދަތުރުކުރާ ފަސިންޖަރުން ގޮވައިގެން ހުވަދުއަތޮޅަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓް ދާނެކަމަށެވެ.
މިގޮތަށް ހަމަޖެހިގެން މިދިޔައީ އައްޑޫއާއި ދެކުނުގެ އެހެން ރަށްތައް ގުޅާލުމަށްޓަކައި ޑޮމެސްޓިކް ފްލައިޓް އެޅުމާގުޅޭ ގޮތުން އައްޑޫގެ ވިޔަފާރިވެރިންނާއި ކަމާގުޅޭ ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާކުރަމުން އަންނަތާ ގިނަ ދުވަސްތަކަކަށް ފަހުއެވެ. މިކަން މިގޮތަށް ހަމަޖެހިގެންދިއުމަކީ ދެކުނުގެ ފަތުރުވެރިކަމަށާއި ވިޔަފާރިތަކަށް ހެޔޮ އަސަރެއް ކުރާނެކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.