ކ. މާލެ
|
2 ނޮވެންބަރ 2021 | އަންގާރަ 14:12
މަސް މާކެޓް ބިޑް މައްސަލަ
މަސް މާކެޓް ބިޑް މައްސަލަ
ރާއްޖެއެމްވީ
ރޯމަސް މާރުކޭޓު
އެންމެފަހުން ރޯމަސް މާރުކޭޓުންވެސް ވައްކަން؟
 
ފުރަތަމަ އިއުލާންކުރިއިރު ބިޑް ސެކިއުރިޓީގެ ވާހަކަ ބަޔާންކޮށްފައެއް ނެތް

މާލޭގެ ރޯމަސް މާރުކޭޓް ސަރަހައްދުގައި މަހުގެ ތަފާތު ވިޔަފާރި ހިނގައެވެ. އޭގެ ތެރޭގައި މަސް ވިއްކުމުގެ އިތުރުން މަސް ކަނޑައިދީ ސާފު ކޮށް ދިނުމަކީ ވަކި ވިޔަފާރިއެކެވެ. މަސްކެނޑުމަށްފަހު ބާކީވާ ތަކެތި ސާފުކޮށް ބޭނުން ކުރެވޭނެ ގޮތަށް ތައްޔާރުކޮށްދީ ވިއްކުމަކީ ވަކި ވިޔަފާރިއެކެވެ.

ކަން މިހެން ހުރި މާލެސިޓީ ކައުންސިލުން ދާދިފަހުން ވަނީ އިއުލާން ނަންބަރު (IUL)425-A2/1/2021/164 ގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތަށް ރޯމަސް މާރުކޭޓު ހިންގާ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް 11 އޮގަސްޓް 2021 ގައި އިއުލާން ކޮށްފައެވެ. އޭރު އެ ކައުންސިލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން އިއުލާންކޮށްފައިވަނީ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް މަސް މާރުކޭޓު ބިޑް ލިބޭ ގޮތަށެވެ. އެހެންނަމަވެސް އެއީ ސަރުކާރަށް މާލީ މަންފާ ލިބޭ ތަނަކަށްވާތީ އިއުލާން ކުރަން ޖެހޭނީ އެންމެ ބޮޑު އަގު ހުށަހަޅާ ގޮތަށެވެ. އެގޮތަށް އިއުލާން ކުރުމުން ވަރަށް ގިނަ ބަޔެއްގެ ކަންބޮޑުވުމުންތައް އިތުރުވެގެން ދިޔައެވެ. އަދި ވަރަށް ގިނަ މީހުން ވަނީ އެގޮތަށް އިއުލާން ކޮށްފައި އޮތުމުން އެއީ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ އެކަމުގެ ޝަކުވާތައް ވެސް ކައުންސިލާ ހިއްސާކޮށްފައެވެ.

ސިޓީ ކައުންސިލުން ވަނީ ފުރަތަމަ ކުރި އިއުލާން ބާތިލް ކުރުމަށްފަހު އަނެއްކާވެސް 11 އޮކްޓޯބަރު 2021 ގައި މާލޭ ރޯމަސްމާރުކޭޓް އަދި ފަސްޓް ފްލޯގައިވާ 01 ފިހާރަ ހިމެނޭގޮތަށް 01 އަހަރު ދުވަހުގެ މުއްދަތަށް އެ ކައުންސިލަށް ކުލިދައްކާގޮތަށް މާރުކޭޓު ކުއްޔަށް ހިންގާ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ. ދެވަނަ ފަހަރަށް ކުރި އިއުލާނުގައި ފިހާރައާއެކު އެތަން ހިންގާނެ ބަޔަކު ހޯދުމަށް އިއުލާން ކުރުމުން އެކަމާއި އާންމުން ވަނީ ސުވާލު އުފައްދާފައެވެ. ދެވަނަ ފަހަރަށް އިއުލާންކުރިއިރު އިއުލާންކޮށްފައިވަނީ އަގު އެންމެ ބޮޑުކޮށް ހުށަހަޅާ ފަރާތަކަށް 100 އިންސައްތަ މާކްސް ދޭ ގޮތަށެވެ. އަދި ކައުންސިލުން 100 އިންސައްތަ މާކްސް ދޭން ނިންމީ ދެން ހުރި ޝަރުތަކަށް ނުބަލައެވެ.

އެންމެ ފުރަތަމަ އިއުލާންކުރިއިރު ބިޑް ސެކިއުރިޓީގެ ވާހަކަ ބަޔާންކޮށްފައިނެތް ނަމަވެސް ދެވަނަ ފަހަރަށް އިއުލާން ކުރިއިރު ބުނެފައިވަނީ އަގު ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 3000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ފައިސާ ދައްކަންވާ ގޮތް އެ ކައުންސިލުން ބަޔާންކޮށްފައެއް ނެތެވެ.

އެގޮތަށް ބިޑް ސެކިއުރިޓީ ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތުމުން އަގު ހުށަހެޅި ބައެއް މީހުން ވަނީ ފައިސާ ދައްކަންވާ ގޮތުގެ މައުލޫމާތު ސާފުކުރުމަށް ކައުންސިލުން ދީފައިވާ ނަންބަރަށް ގުޅުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ގުޅޭގޮތް ނުވުމުން، އެމީހުން ވަނީ މާލެސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ގުޅާ އެ މައުލޫމާތު ސާފުކުރުމަށް އެދިފައެވެ. އަދި އެ ކައުންސިލަރު  ވަނީ ޕްރޮކިއުމަންޓް ހެޑަށް ގުޅާ، ފައިސާ ދައްކަންޖެހޭނެ ގޮތް އޮޅުންފިލުވާފައެވެ. ޕްރޮކިއުމަންޓްގެ ހެޑް އޭރު ވިދާޅުވެފައިވަނީ މާލެސިޓީ ކައުންސިލްގެ އޮފީހުން ފައިސާ ބަލައިގަންނާނެ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އިތުބާރު ހުރި ފަރާތަކުން ބުނީ އެގޮތަށް ޕްރޮކިއުމަންޓް ހެޑް ވިދާޅުވުމުން ދެ މީހަކު ފައިސާ ވެސް ދެއްކި ކަމަށާއި އަދި އެކަކު ޗެކުން ވެސް ފައިސާ ދައްކާފައިވާ ކަމަށެވެ.

މާލެސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓުން ބިޑް ކެނޑުމަށްފަހު ފައިސާ ނަގާފައިވާ ކަމަށާއި އޭގެ ދެ ދުވަސް ފަހުން ފައިސާ ދެއްކި މީހުންނަށް ގުޅާ ފައިސާގެ މައުމަލާތް ހިންގާފައިވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް ބުނެ ކައުންސިލުން ވަނީ އެމީހުން ހުށަހެޅި ބިޑްތައް ކެންސަލްކޮށްފައެވެ. ގިނަ ފަހަރަށް މިފަދަ މަސައްކަތްތަކަށް އަގު ހުށަހަޅަނީ މާލިއްޔަތު ގަވާއިދަށް ހޭލުންތެރި ނޫން މީހުންނަށްވާއިރު އެމީހުން އަމަލު ކުރީ ކައުންސިލުން އަނގަބަހުން ދިން އިރުޝާދެއްގެ މައްޗަށެވެ.

މިފަދައިން ފައިސާ ދެއްކި ޕްލެނެޓް ފިޝް ކުންފުނީގެ މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ބިޑް ހަވާލުކޮށްފައިވަނީ އެއްވެސް ވަރަކަށް ނުބަލާ ކަމަށެވެ. އަދި ފައިސާ ބަލައިގަތްއިރު ވެސް ފައިސާ ދައްކާފައިވަނީ މާލިއްތު ގާނޫނާ ޚިލާފަކަށް ކަމަށް މައުލޫމާތު ދީފައިނުވާ ކަމަށް އެމީހާ ބުންޏެވެ.  

އެމީހުން ފައިސާ އަނބުރާ ބަލާ ގޮސްފައިނުވާއިރު މިހާރު ވަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް މައްސަލަ ވެސް ހުށަހަޅާފައެވެ. އަދި އެމީހުން އެދެނީ މާލެސިޓީ ކައުންސިލުގެ ފަރާތުން ރަނގަޅަށް ބިޑް ހުށަހަޅަން އެމީހުންނަށް ފުރުސަތު ދިނުމަށް ނުވަތަ މިހާރު ހުށަހަޅާފައިވާ ބިޑް ކެންސަލް ކުރުމަށެވެ. އަދި ސިޓީ ކައުންސިލުން މިކަން ކޮށްފައިވަނީ ވަކި ބަޔަކަށް ބިޑް ކާމިޔާބު ކޮށްދިނުމުގެ ނިޔަތުގައި ކަމަށް ވެސް އަގު ހުށަހަޅާ ފައިސާ ދެއްކި ފަރާތްތަކުން ތުހުތަމު ކުރެއެވެ.

މިކަމާއި ގުޅިގެން މާލެސިޓީ ކައުންސިލްގެ ބަހެއް ހޯދާލުމަށް ތިން ދުވަހުގެ މަތިން މަސައްކަތް ކުރިއިރު ވެސް އެ ކައުންސިލުން ވަނީ ފަހުން މައުލޫމާތު ހޯދުމަށްފަހު ދޭނެކަމަށް ބުނެފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިރު ކައުންސިލްގެ ފަރާތުން މިކަން ހިނގައި ދިޔަ ގޮތުގެ މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފައެވެ.

މާލެސިޓީ ކައުންސިލްގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވިފައިވާއިރު މާލޭ ހުޅަނގު ދެކުނުގައި ތަރައްގީ ކޮށްފައިވާ 960 އަކަފޫޓުގެ ފުޑް ކޯޓުގެ ސްޓޯލެއް 5 އަހަރު ދުވަހަށް މެނޭޖްކޮށް ބެލެހެއްޓުމަށް ބިޑު ކޮށްގެން އެތަން ކާމިޔާބު ކުރި ފަރާތަށް ނުދީ ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ މާލެސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ބޭނުންވި ފަރާތަކަށް އެތަން ދިނުމަށް ރޭވި ހީލަތްތެރި ރޭވުމެއް ވަނީ ފަޅާއަރާފައެވެ.

ބިޑު ކާމިޔާބު ކުރި "ބޭ ބުލޫ" ކިޔާ ބަޔަކަށް ތަން ނުދީ އުސޫލުގެ ބޭރުން ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒު އެތަން ދިނީ ޕީއެންސީގެ ރައީސް އަބްދުއްރަޙީމު އަބްދުﷲ ގެ އާއިލާއަށް ކަން ހާމަވާ ލިޔުންތައް ރާއްޖެއެމްވީ އަށް ވަނީ ލިބިފައެވެ. އަދި އެކަން ކުރުމުގައި ނުފޫޒުގެ ބޭނުންކޮށް އެތައް ގޯހެއް ހަދާފައިވާކަން ލިއެކިއުންތަކަށް ބަލާލުމުން އެނގިގެންދެއެވެ.

އެކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިނިސްޓްރީން އެ ސްޓޯލް ކުއްޔަށް ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހަޅާ ބިޑު ކާމިޔާބު ކުރީ ބޭ ބްލޫ ކޭޓަރިންގ ކިޔާ ބައެކެވެ. އެގޮތުން ބޭ ބްލޫއަށް ކޮންޓްރެކްޓް އެވާރޑް ކުރުމަށް މިނިސްޓްރީން ނިންމައި، 20 މެއި 2018 ގައި ސޮއިކޮށްފައިވާ ލިއުން ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. އެ ލިއުމުގައި ކުންފުންޏަށް ކޮންޓްރެކްޓް އެވާރޑް ކޮށްފައިވާ ކަމަށާއި، އެގްރީމަންޓުގައި ސޮއި ކުރުމަށް މިނިސްޓްރީން ގުޅާނެކަން ބަޔާން ކޮށްފައިވެއެވެ. އަދި އޭރު ތަނުގެ ކުއްޔަކީ 21،520 ރުފިޔާ ކަމަށްވެސް ލިޔުންތަކުން ހާމަވެއެވެ.

އެހެން ނަމަވެސް، ބޭ ބްލޫ ކޭޓަރިންގ އިން އެތަން ހިންގުމުގެ ފުރުސަތު ދިނުމަށް އޭރުގެ ހައުސިން މިނިސްޓަރ ބޭނުމެއް ނުވިއެވެ. އަދި މަޝްވަރާ ކޮށްގެންވެސް އެކަން ކުރިއަށް ގެންދިއުމަށް މުއިއްޒު ފުރުސަތު ނުދިން ކަމަށް އެކަމުގައި އުޅުނު ހައުސިންގ މިނިސްޓްރީގެ މުއައްޒަފުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފައެވެ.

ކޮންޓްރެކްޓް ބޭ ބްލޫއަށް އެވާރޑް ކުރުމަށް ހައުސިންގ މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމާފައި ވަނިކޮށް އެ ނިންމުން ކެންސަލް ކުރުމަށް ޚުދު މުއިއްޒު އެންގިއެވެ. ނަމަވެސް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމާފައިވަނިކޮށް، އުސޫލުގެ ދަށުން އެކަން އެހެން އެކަން ނުކުރެވޭނެކަމަށް މިނިސްޓްރީގެ އޭރުގެ ވެރިން މުއިއްޒަށް ލަފާ ދިންކަން ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ.

ގިނަ ފަހަރަށް މިފަދަ މުއައްސަސާތަކުން ނިކަމެތި ރައްޔިތު މީހާއާ ދޭތެރޭގައި ކަންތައްތައް ކުރާ ގޮތުން އެމީހުންގެ އިތުބާރު ސަރުކާރަށް ގެއްލިގެން ދެއެވެ. އެތަނެއްގެ ވެރިޔެއްގެ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ނުވަތަ ގާތް މީހެއްގެ ކުންފުންޏަކަށް ބިޑްތައް ދޫކޮށް، އަމިއްލަ މުދާ ގަނޑެއް ފަދައިން ބިޑްތައް ހަވާލުކުރަމުންދާއިރު ވިސްނަންޖެހޭ ކަމެއް އެބައޮތެވެ. އެ ނިކަމެތި ރައްޔިތު މީހާ ވެސް އޭނާގެ ހައްގުގައި އަޑު އުފުލާނެކަމެވެ. ރޯމަސް މާރުކޭޓުން ވެސް ވައްކަން ކުރުމަށް ފުރުސަތު ނުދޭނެކަމެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
61%
4%
0%
17%
4%
13%
ކޮމެންޓް