ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް ކޮޕް-26 ގައި ހޯމަ ދުވަހު ތަޤުރީރު ކުރައްވަނީ 24 ވަނައަށެވެ.
ރައީސް އޮފީހުން ބުނީ މި ސައިމިޓް ފަށާނީ އިނގިރޭސިވިލާތުގެ ގަޑިން 1200 ޖަހާއިރު ކަމަށެވެ. ކޮޕް-26ގެ ބައްދަލުވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންގެ ވާހަކަތައް ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.
ކޮޕް-26ގައި ރަނގަޅު އެއްބަސްވުމަކާ ހިސާބަށް އާދެވޭނެ ކަމަށް ރައީސް ވަނީ ލަފާކުރައްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖެފަދަ ކުދި ޤައުމުތަކުން އަބަދުވެސް ވަކާލާތުކުރަމުން އަންނަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައަށް ކަމަށެވެ. އަދި ޖައްވު ހޫނުވުމުގެ ސަބަބުން އަދި އިންސާނުން ކުރާ ކަންކަމުން ދުނިޔެއަށް އަންނަ ބަދަލުތަކުގެ ސަބަބުން މޫސުމަށް މި އަންނަ ބަދަލުތަކާއެކީގައި, ހޫނުވުމާއި ތަފާތު އެތައްކަމެއް އިހުސާސް ކުރެވެމުންދާ ކަމަށެވެ.
އުއްމީދަކީ ކުރާ މަސައްކަތުގައި ރަނގަޅު އެއްބަސްވުމަކާ ހިސާބަށް ކޮޕް-26ގައި އާދެވުން ކަމަށާއި، އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެކި ގޮތްގޮތަށް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޤްޞަދާ ހަމައަށް ވާސިލްވުމުގެ ފުރުޞަތު މިފަހަރު ވަރަށް ބޮޑު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
2019 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ, ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން, ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު, 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން ބޭރުކުރާ މިންވަރު ނެޓް ޒީރޯއަށް ހެދުމަށް އަމާޒު ހިފާފައިވާކަން އިޢުލާނުކޮށްފައެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ރާއްޖޭގެ އިސްނެގުމާއެކު ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ތަފާތު އެކި ޙަރަކާތްތައް ރާއްޖެއިން ދަނީ ހިންގަމުންނެވެ. ޚާއްޞަކޮށް, ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ރާއްޖެއިން ދަނީ މަސައްކަތްކުރަމުންނެވެ.
ކޮޕް26 ކުރިޔަށްދާނީ އޮކްޓޯބަރ މަހުގެ 31ން ނޮވެމްބަރ 12ށެވެ. މިކޮންފެރެންސްގައި 197 ގައުމަކުން ބައިވެރިވާއިރު 120 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ.