ޖައްވަށް މިހާރު ބޭރުވަމުންދާ ވިހަގޭހުގެ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދު ކުރެވިގެން ނޫނީ ދިވެހިރާއްޖެއަށް ދެމިއޮތުމުގެ ހަގީގީ ފުރުސަތު މިހާރު ނެތް ކަމަށާއި އެކަން ކުރުމަށް ދުނިޔެއަށް ލިބިފައިއޮތީ އެންމެ 98 މަސް ދުވަހުގެ ކުރު މުހުލަތެއް ކަމަށް ރާއްޖޭގެ ސްޕެޝަލް އެންވޯއި ފޯރ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހިމް ނޫރައްދީން ވިދާޅުވެއްޖެއެވެ.
މޫސުމީ ބަދަލުތަކުގެ ނުރައްކަލުން އަރައިގަތުމަށް ކުރަންވީ ކަންކަމުގެ އައު ލަނޑުދަނޑިތައް އެކަށައެޅުމުގެ ދުނިޔޭގެ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ސަބްރާ ވިދާޅުވީ މިއީ ނަތީޖާ ނެރުމުގެ ވަގުތު ކަމަށާއި ހުސް ވާހަކަތަކެއް ދައްކައިގެން ފަރުޖެއްސެން ނެތް ކަމުގައެވެ. ރާއްޖެފަދަ ބިންތިރި ކުދި ޖަޒީރާ ގައުމުތައް ދުނިޔޭގެ ޗާޓުން ފޮހެވިގެން ދިޔަ ނުދިނުމަށް ކުރަންހުރި ކަންކަން ތަންފީޒުކޮށް ނަތީޖާ ނެރުމަށް މިހާރު އޮތް ވަގުތު ވަރަށް ހަނިވެ ކުޑަވެފައިވާ ކަމުގައި ވިދާޅުވިއެވެ.
ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 މަހާސިންތާގައި ސަބްރާ ނޫރައްދީން ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ނުރައްކަލުން ދިވެހިރާއްޖޭގެ ރަށްތައް ސަލާމަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެއީ ޚަރަދުބޮޑު މަސައްކަތެއް ކަމަށެވެ. އެއީ ރާއްޖެފަދަ ގައުމުތަކަށް އަމިއްލައަށް ކުރެވޭނޭ ޚަރަދުތަކެއް ނޫންކަމަށާއި މިކަމުގައި ފުދުންތެރި ފޯރުންތެރި ގައުމުތަކުގެ ދީލަތި އެހީ ބޭނުންވާ ކަމުގައެވެ.
މިހާރުވެސް ފޯރުންތެރި ގައުމުތަކުގެ ފަރާތުން މި މަސައްކަތަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރައްވައި ސަބްރާ ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ. އެހެންނަމަވެސް އެކަމަނާ ވިދާޅުވީ އެހީތެރިކަމުގެ މިންވަރު އަދިވެސް ބޮޑުތަނުން އިތުރުކުރަންޖެހޭ ކަމުގައެވެ.
ދިވެހިރާއްޖޭގެ ރައްކާތެރިކަމާއި ހިމާޔަތް ގުޅިފައި އޮތީ މިރަށްތަކުގެ ވަށައިގެންވާ ފަރުފަރާއި ފަޅުފަޅާއި ގޮނޑުދޮށްތަކާއި ކަމަށާއި މޫސުމަށް އަންނަމުންމިދާ ނުރަނގަޅު ބަދަލުތަކުގެ އަވަސްކަމާއި އެކަމަށް މެދުވެރިވާ ކަންކަމުގެ ހަލުވިމިނަށް ރިއާޔަތްކުރާއިރު ރާއްޖޭގެ ހިމާޔަތުގެ ފަށަލަޔަށް ދެން ހިފަހައްޓައިލުމުގެ މާބޮޑު ފުރުސަތެއް ނެތްކަމުގައި ސަބްރާ ވިދާޅުވިއެވެ. އެހެންކަމުން މިއީ ވަގުތު ނަގާލެވެން އޮތް ދަނޑިވަޅެއް ނޫންކަމަށާއި މިއީ އަމަލީގޮތުން ނަތީޖާ ހާސިލްކުރުމުގެ މަސައްކަތް ހަލުވިކުރަންވީ ވަގުތުކަމަށް ސަބްރާ ވިދާޅުވިއެވެ.