ގެރެންޓީ ހިމަނައިގެން މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ އެހެން ވިދާޅުވީ އާދިއްތަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2022 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، 2020 ވަނަ އަހަރު ދައުލަތުގެ އާމްދަނީ އެ އަހަރަށް އަންދާޒާކުރި މިންވަރާ އަޅައިބަލާއިރު، ދެބައިކުޅަ އެއްބައިން ދަށަށް ދިއުމާއެކު، ދައުލަތުގެ ޚަރަދުތައް ފޫބައްދަން ޖެހުނީ ދަރަނިން ކަމަށެވެ. އެގޮތުން އާމްދަނީ އަދިވެސް އާންމު ހާލަތަކަށް ނުވަތަ 2019ގެ އާމްދަނީއާ އެއްހަމައަކަށް ނާންނަކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، 2020 ވަނަ އަހަރު ދައުލަތަށް ލިބިފައިވަނީ 15.2 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިއީ 2019 ވަނަ އަހަރުގެ އާމްދަނީއަށްވުރެ 34.5 އިންސައްތަ ދަށް އަދަދެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، 2021 ވަނަ އަހަރު ލިބޭނެކަމަށް މިހާރު ލަފާކުރެވެނީ 19.1 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ 2019 ވަނަ އަހަރުގެ އާމްދަނީއާ އަޅައިބަލާއިރު، 15.3 އިންސައްތަ ދަށް އާމްދަނީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، ދައުލަތުގެ އާމްދަނީ ދަށަށް ދިއުމާއެކު، ޚަރަދު ކުޑަކުރުމަށް ގިނަގުނަ ފިޔަވަޅުތައް އެޅުނުކަން ފާހަގަކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ފިޔަވަޅުތަކުގެ ސަބަބުން 2020 ވަނަ އަހަރުގެ ބަޖެޓު ފާސްކުރި މިންވަރަށްވުރެ 8.8 ބިލިއަން ރުފިޔާ ކުޑަވި ކަމަށެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ކުރި ޚަރަދާއި އިޤްތިޞާދީ ރެސްޕޮންސަށް ކުރި ޚަރަދު ހިމަނައިގެން ކުޑަވި މިންވަރެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
2020 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ޚަރަދުވެފައިވަނީ 30.2 ބިލިއަން ރުފިޔާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އެ އަހަރުގެ ބަޖެޓް ޑެފިސިޓް ވެފައިވަނީ 13.5 ބިލިއަން ރުފިޔާއިން ކަމަށެވެ. އަދި މި ހިނގާ 2021 ވަނަ އަހަރުގެ ބަޖެޓު ތަންފީޒު ކުރުމުގައިވެސް ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ 2021 ވަނަ އަހަރު ބަޖެޓު ހުންނާނެކަމަށް ބެލެވެނީ 37.2 ބިލިއަން ރުފިޔާގައި ކަމަށެވެ. އެގޮތުން ބަޖެޓު ބޮޑުވެފައިވަނީ 2017 ވަނަ އަހަރު ދައުލަތުން ވިއްކާފައިވާ "ސަނީސައިޑް" ބޮންޑުގެ ބޮޑުބައެއް މި އަހަރުގެ ތެރޭގައި އަދާކުރުމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިއީ މި އަހަރު އަދާނުކުރިނަމަ، 2022 ވަނަ އަހަރު ދައްކަން ޖެހޭނެ ފައިސާއެއް. މި ފައިސާ 2021 ވަނަ އަހަރު ދެއްކީ ލައިބިލިޓީ މެނޭޖްކުރުމުގެ ހަރަކާތެއްގެ ތެރެއިން. މި ގޮތަށް އަމަލުކުރުމުގެ ސަބަބުން، ސަނީސައިޑް ބޮންޑް ސެކަންޑަރީ މާކެޓުގައި އޭރު މުއާމަލާތްކުރަމުން ދިޔަ އަގު ވެއްޓިފައި އޮތުން ރަނގަޅުކޮށް، އެ ބޮންޑްގެ ކޫޕަން ރޭޓް ކަމަށްވާ 7 އިންސައްތައާ ގާތަށް ޔީލްޑް ގެންދެވުނު. މިއީ ދުނިޔޭގެ ބައެއް ބޮޑެތި ބެންކުތަކުންނާއި ރޭޓިންގ އެޖެންސީތަކުން ތައުރީފުކޮށްފައިވާ ހަރަކާތެއް. އަދި ސަރުކާރުން ހޯދާފައިވާ މުހިއްމު ކާމިޔާބީއެއް. 2022 ވަނަ އަހަރުގެ ބަޖެޓާއެކު، 2021 ވަނަ އަހަރުގެ ބަޖެޓުގައި މި ލައިބިލިޓީ މެނޭޖްމަންޓު ހަރަކާތުގައި ސަނީސައިޑް ބޮންޑަށް އިންވެސްޓަރުންނަށް އަނބުރާ ދެއްކި 2.9 ބިލިއަން ރުފިޔާ ހިމެނުމަށް ހުށަހަޅާފައިވާނެ. 2021 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓްވާނެ ކަމަށް މިހާރު ލަފާކުރެވެނީ 12.8 ބިލިއަން ރުފިޔާއިން.ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
މިނިސްޓަރ އިތުރަށް ވިދާޅުވީ، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނީގެ ޖުމުލަ އަދަދު ހުންނާނެކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 122 އިންސައްތަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވަނީ މެދުރާސްތާގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ފިސްކަލް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅައި، ޖީ.ޑީ.ޕީގެ ނިސްބަތުން ދަރަނި ކުޑަކުރުމަށް ހުށަހަޅުއްވާ 3 ކަމެއް ހިއްސާ ކުރައްވާފައެވެ.
- 2023 ނިމެންވާއިރަށް ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 105 އިންސައްތައަށް ތިރިކުރުން.
- 2023 ގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށް ތިރިކުރުން.
- ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބަކަށް ގެނައުން.
މި އަމާޒުތައް ހާސިލުކުރުމަކީ މެދުރާސްތާގައި ބަޖެޓު ދެމެހެއްޓިނިވި މިންގަނޑަކަށް ގެނައުމަށް މުހިއްމުކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މި ސްޓްރެޓެޖީއާއެކު، ދައުލަތުގެ ސީދާ ދަރަނި 2022 ވަނަ އަހަރު ނިމޭއިރު، 104 އިންސައްތައަށް ތިރިކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި 2023 ވަނަ އަހަރު ނިމޭ އިރު 101 އިންސައްތައަށް ތިރިކުރެވޭނެކަމަށްވެސް މިނިސްޓަރ ވަނީ އަންދާޒާ ކުރައްވާފައެވެ.
ރާއްޖެއަށް ދިމާވި އިޤްތިސާދީ ތަދުމަޑުކަމުގެ ނިސްބަތަކީ ރާއްޖޭގެ ތާރީޚުގައިވެސް ފެންނަން ނެތް މިންވަރެއްގެ އަޑިގަނޑެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވަނީ ދަރަނި އިތުރުވެފައިވާ މިންވަރަކީ ރާއްޖެއަށް މީގެ ކުރިން ދިމާވެފައިވާ ކާރިސާއަކާއި ނުވަތަ ތަދުމަޑުކަމަކާ އަޅައިކިޔޭނެ މިންވަރެއް ނޫންކަން ފާހަގަކުރައްވާފައެވެ.