އެއްފަހަރާ ގިނަ ރަށްތަކަކަށް ސަރުކާރުން އެމްބިއުލާންސް ފޮނުވައިފިއެވެ.
ސަރުކާރުން ވަނީ މިއަދު ރާއްޖޭގެ 20 ރަށަކަށް އެމްބިއުލާންސް ފޮނުވާފައެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވީ; މިފަހަރު އެމްބިއުލާންސް ފޮނުވާފައި ވަނީ މިހާރު އެމްބިއެލާންސްގެ ޚިދުމަތް އެންމެ ބޮޑަށް ބޭނުންވެފައިވާ ރަށްރަށަށް ކަމަށެވެ.
އެމްބިއުލާންސް މައްސަލަ ޖެހިގެން 39 ރަށެއްގައި އެޚިދުމަތް މެދުކެނޑިފައިވާކަން ފާހަގަ ކުރައްވަމުން އާދިލް ވިދާޅުވީ; އެރަށްތަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ފޮނުވުނީ އޯޑަރުކޮށްފައިވާ 96 އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް ކަމަށެވެ. އަދި ނޮވެމްބަރ މަސް ނިމެން ވާއިރަށް އިތުރު 20 އެމްބިއުލާންސް, އަދި ޑިސެމްބަރ މަސް ނިމެންވާއިރަށް އިތުރު 40 އެމްބިއުލާންސް ގެނެވޭނެކަމަށް އާދިލް ވިދާޅުވިއެވެ.
މިފަހަރު މިގެންނަ އެމްބިއުލާންސްތައް ބޮޑުވުމުގެ އިތުރުން ގިނަ އެކިއުޕްމަންޓަތްކެއް ހުންނާނެ. މިހުރިހާ އެމްބިއުލާންސެއް ގެނެވުމާއެކު ރަށްތަކަށް ދިމާވެފައިވާ އެމްބިއުލާންސްގެ މައްސަލަ މުޅިން ހައްލުވެގެންދާނެ.ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް
މިހާރު ގިނަ ރަށްރަށުގައި ބޭނުން ކުރަމުން އަންނަނީ 2005 އަދި 2010 ވަނަ އަހަރު ރާއްޖެ ގެނައި އެމްބިއުލާންސްތަކެކެވެ. އެހެންކަމުން އެތަކެތި ބާވެ ގިނަ މައްސަލަތަކެއް ޖެހެމުން އަންނާތީ އެކަމުގެ އުނދަގުލާ ރައްޔިތުން ވަނީ ކުރިމަތިލާން ޖެހިފައެވެ. މިހާރު މި ގެންނަ އެމްބިއުލާންސްތަކާއެކު މި މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެކަމަށް އާދިލް ވިދާޅުވިއެވެ.
ސަރުކާރުން އެމްބިއުލާންސް ފޮނުވި ރަށްތައް
އއ.ތޮއްޑޫ، ފ.ބިލެއްދޫ، ތ. ގާދިއްފުށި، ތ.މަޑިފުށި، ގއ. ގެމަނަފުށި، ކ.މާމެންދޫ، އދ.ދަނގެތި، ކ.ހުރާ، ބ.ކުޑަރިކިލު، ބ.ތުޅާދޫ، ޅ.ކުރެންދޫ، ރ.އިނގުރައިދޫ، ނ.މިލަދޫ، ނ.ހެނބަދޫ، ށ.މަރޮށި، ށ.ފޯކައިދޫ، ހދ.ނޮޅިވަރަން، ހދ.މަކުނުދޫ، ހއ.އުލިގަމު އަދި ހއ.ފިއްލަދޫ