ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން ތަމްރީނު ލިބިފައިވާ މީހުން ރާއްޖޭގައި އެކަށީގެންވާ މިންވަރަށް ނެތްކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތް މިނިސްޓްރީގެ މެންޓަލް ހެލްތު ޕްރޮގްރާމުގެ ޑިރެކްޓަރ އައިމިނަތު ޝަހުޒާ ވިދާޅުވީ ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ ވަރަށް ގިނަ ބަޔަކު މިވަގުތު ވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ. އެހެންނަމަވެސް މި މީހުންނަށް ބޭނުންވާ ފަރުވާ އެންމެ ފުރިހަމައަށް ދެވޭނެ ވަރަށް ކެޕޭސިޓީ ރާއްޖޭގައި ނެތް ކަމަށެވެ. ވަކިން ޚާއްސަކޮށް މި ދާއިރާއަށް ނިކުންނަ މީހުން މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަހުޒާ ވިދާޅުވީ މި ދާއިރާގައި ހަރަކާތްތެރިވާ މީހުން މަދީ މިކަމަށް ކަނޑައެޅިގެން ރަނގަޅު އޮނިގަނޑެއް ނެތުމުން ކަމަށެވެ. މިގޮތުން އެންމެ ބޮޑު މައްސަލައަކީ ކުރާ މަސައްކަތާ އެއްވަރުގެ އުޖޫރައެއް ނުލިބުން ކަމަށް ޝަހުޒާ ވިދާޅުވިއެވެ. އެހެންކަމުން މިކަންކަން އިސްލާހުކުރުމަށް ރަނގަޅު އޮނިގަނޑެއް އެކުލަވާލަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި މިވަގުތު ތިބި ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ މީހުން ދެނެގަތުމަށް އެންމެ ފަހުން ސަރވޭއެއް ހަދާފައިވަނީ 2003 ގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އަންނަ އަހަރުގެ ތެރޭގައި މިކަމުގެ ސަރވޭއެއް ހެދިގެންދާނެ ކަމަށް ވިދާޅުވިއެވެ. ޝަހުޒާ ވަނީ އޭރާ އަޅާ ބަލާއިރު، މިހާރުގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ. އެއީ ކޮވިޑާ ގުޅިގެން ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަންޖެހުނު މީހުން ގިނަވެފައިވާތީ ކަމަށް ވިދާޅުވިއެވެ. އަދި މި ހާލަތު ސީރިއަސް ވާނެ ކަމަށް ވިދާޅުވިއެވެ.
ޝަހުޒާ އިތުރަށް ވިދާޅުވީ މެންޓަލް ހެލްތު ސެންޓަރެއް ގާއިމްކޮށް މިކަމާ ގުޅޭ ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ. މި ވައުދާ އެއްގޮތަށް މި ޕްރޮގްރާމުގެ މަސައްކަތްތައް 2019 ވަނަ އަހަރުތެރޭގައި ކުރިއަށްގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތާ ގުޅިގެން މި މަސައްކަތް ވެސް ހުއްޓުނީ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދަނީ ކިހާ ބައެއްކަން އެނގެން ނެތް ނަމަވެސް ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 161 ނަފްސާނީ ބަލި މީހުން މިހާރު ވެސް ބަލަހައްޓަމުންދެއެވެ. މުޅި ދުނިޔޭގައި ނަފްސާނީ ބަލީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 10 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނަށް ވަނީ ނަފްސާނީ ބަލީގެ ކޮންމެވެސް އެއް ކަމެއް ތަހައްމަލު ކުރަންޖެހިފައެވެ. އަދި ދުނިޔޭގައި ރިކޯޑުކުރެވޭ ކޮންމެ 100 އަކުން 1 މަރަކީ ސޫސައިޑް ނުވަތަ އަމިއްލައަށް މަރުވުމެވެ.