އިނގިރޭސި ލީގު ކަޕުގެ ހަތަރުވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކެޓިއިރު، ޕްރެސްޓަން ނޯތު އެންޑް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ.
އެންމެ ފަހުގެ ހަތަރު އަހަރުވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީ ކެޓީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.
ވެސްޓް ހޭމުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީ ޝޫޓްއައުޓުގައި ވެސްޓް ހޭމުން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖަހައިދިނީ ކެޕްޓަން މާކް ނޯބަލް އާއި، ޖެރޮޑް ބޮވެން އާއި، ކްރެއިގް ޑޯސަން އާއި، އާރޮން ކްރެސްވެލް އަދި ސައީދު ބެންރަހްމާއެވެ.
މި ޕެނަލްޓީ ޝޫޓްއައުޓުގައި ސިޓީން ފުރަތަމަ ފޮނުވާލި ޕެނަލްޓީ ކާމިޔާބުވެފައެއް ނުވެއެވެ. އެގޮތުން އެ ޓީމުގެ ފިލް ފޯޑެން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އެކަމަކު ސިޓީން ދެން ފޮނުވާލި ތިން ޕެނަލްޓީ ކާމިޔާބުކުރިއިރު، މި ޕެނަލްޓީތައް ޖަހައިދިނީ ޖޮއާއޯ ކަންސޭލޯ އާއޮ، ގަބްރިއެލް ޖީސޫސް އަދި ޖެކް ގްރީލިޝްއެވެ.
މި މެޗުން ބަލިވެ ސިޓީ ކެޓިއިރު، މި މުބާރާތުގެ ކުއާޓާއަށް ލިވަޕޫލް ދަތުރުކުރީ ބުދަ ދުވަހުގެރޭ ޕްރެސްޓަން ނޯތު އެންޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ޕްރެސްޓަން ނޯތު އެންޑުގެ ދަނޑުގައި ކުޅުނު މި މެޗަށް ލިވަޕޫލް ނުކުތީ ގިނަ ބަދަލުތަކަކާއެކުއެވެ. މި މެޗުގައި ލިވަޕޫލުން ދެ ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ޓަކޫމީ މިނަމީނޯއެވެ. އަދި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ޑިވޮކް އޮރީގީ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފައެވެ.
މި މޮޅާއެކު ލީގު ކަޕުގެ ކުއާޓާއަށް ލިވަޕޫލް ދަތުރުކުރިއިރު، ބުދަ ދުވަހުގެރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާވެސް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މުބާރާތުގެ ކުއާޓާގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.