މުޅި ދުނިޔެއިން ކޮވިޑްގެ ވަބާއާ ކުރިމަތިލިތާ މިހާރު ދެ އަހަރު ވަނީ ވެފައެވެ. ރާއްޖެއަށް މި ވަބާގެ އަސަރު ކުރީ ތަންކޮޅެއް ލަހުން ކަމުގައިވިޔަސް ރާއްޖެވެސް މިކަމުގެތެރޭގައި އުޅޭތާ މިވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައެވެ. މިހާތަނަށް އައިއިރު މި ވަބާގެ ތެރެއިން އެކި ކަންކަމާ ވަނީ ކުރިމަތިލާންޖެހިފައެވެ. މި ހުރިހާ ކަމަކާވެސް ދިވެހިން ކުރިމަތިލީ ކެތްތެރިކަމާއި، އެއްބައިވަންތަކަމާ އެކުގައެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނުނީ 2020 ވަނަ އަހަރުގެ މާޗް މަހުގެތެރޭގައެވެ. އޭރުން ފެށިގެން މިހާތަނަށް އައިއިރު ކޮވިޑްގެ ވާހަކަ އަޑުނީވޭ ދުވަހެއް ނުދެއެވެ. ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅަން ނުޖެހޭ ދުވަހެއްވެސް ނާދެއެވެ. އަދި މުޅިރާއްޖެއިން އެތައް ބަޔަކު މި ބައްޔަށް ޕޮޒިޓިވްނުވާ ދުވަހެއްވެސް ނާދެއެވެ.
މިދޭތެރެއަކުން މުޅި ރާއްޖެއިން ފެނުނު ކޮވިޑް ކޭސްތައް ވަރަށް މަދެވެ. މިގޮތަށް އޮވެފައި ހޮނިހިރު ދުވަހު އަދަދުތައް ވަނީ ކުއްލިއަކަށް މަތިވެފައެވެ. ހޮނިހިރު ދުވަހު މުޅި ރާއްޖެއިން 225 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 39 މީހުންނެވެ. އަތޮޅުތެރެއިން 153 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 33 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މި އަދަދުތައް އާންމުވުމާއެކު ވިސްނާލެވުނީ ރާއްޖޭގައި ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާމެދުއެވެ. ކުރިން އެޅި ހަރުކަށި އެތައް ފިޔަވަޅަކަށް މިހާރު ވަނީ ލުއިދީފައެވެ. ގިނަ ބަޔަކު އެއްވެގެން އެކި ހަރަކާތްތައް ބޭއްވުމުގެ ހުއްދަ މިހާރު އޮވެއެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިތިބޭ މީހުންނަށް އެއްވެސް ހުރަހެއްނެތި އަތޮޅުތެރެއަށް ދަތުރުކުރުމާއި، ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ހުއްދަވެސް އޮވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ބައެއް ގައުމުތަކުން ދޫކޮށްލާފައިވާއިރު، ގިނަ ގައުމުތަކުން ފިޔަވަޅުތައް ދޫކޮށްލީ ކޮވިޑް-19ގެ އެއްވެސް ކޭހެއް ނުފެނި އެތައް ހަފުތާއެއް ވީފަހުންނެވެ. އެހެންނަމަވެސް ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ގައުމަކަށްވުމާއެކު މަދު ފިޔަވަޅުތަކަކާއެކު ނަމަވެސް ރާއްޖެ ހުޅުވާލައި، ގައުމުގެ އިގްތިސާދީ ހަރަކާތްތައް ފަށައިގަންނަން މަޖުބޫރުވީއެވެ.
މިގޮތުން ދިން ލުއިތަކުގެ ތެރޭގައި ވެކްސިން ފުރިހަމަކޮށްފައިތިބި މީހުންނަށް ޕީސީއާރު ޓެސްޓު ނުހަދައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ގޮތް މިހާރު ވަނީ ފަހިވެފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަތޮޅުތެރެއިން ފެނުނު ކޭސްތައް ކުއްލިއަކަށް އެހާ މައްޗަށް އަރައިގެންދިޔައީ އެހެންވުމުގެ ސަބަބުންނެވެ. އަދި މިދޭތެރެއަކުން ކުރިއަށްދިޔަ ގްރެޖުއޭޝަންތަކުގައި ބައިވެރިވުމަށް އަތޮޅުތެރެއިން ގިނަ ބަޔަކު މާލެ އައިސް، އެތައް ބަޔަކާ ބައްދަލުވެ ކޮވިޑަށް ޓެސްޓުނުކޮށް އެނބުރި ރަށަށް ދާން ޖެހުމަކީވެސް މީގެ ސަބަބަކަށް ވެދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންގެންދިޔައެވެ.
އެހެންނަމަވެސް މިހާރު މުޅި ދުނިޔެއިން ގަބޫލުކުރާ ގޮތުގައި ކޮވިޑް ވައިރަހަކީ މިއީ އާންމު ވައިރަހެކެވެ. ދެން ޖެހޭނީ މި ވައިރަހާ އެއްކޮށް އުޅެން ދަސްކުރަން ކަމަށް ގައުމުތަކުން ބުނަމުންދެއެވެ. ގިނަ ގައުމުތަކަކުން ވަނީ ފިޔަވަޅުތައް ދޫކޮށްލުމަށް ނިންމާފައެވެ.
އެހެންނަމަވެސް ރާއްޖެއިން އަދިވެސް މިގޮތަށް ނިންމާފައެއް ނުވެއެވެ. ރާއްޖޭގައި އަދިވެސް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިއުލާން ކުރަމުން ދެއެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި އިތުރަށް ބަލި ފެތުރިދާނެ ކަމަށް ބަލައި ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭނެކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވެއެވެ. ބަލި ކޮންޓްރޯލްކުރަން ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އަޅާފާނެތޯ ރައްޔިތުން ސުވާލު އުފައްދައެވެ. ނުވަތަ ދެން ރާއްޖެއިންވެސް މިއީ އާންމު ބައްޔެއްގެ ގޮތުގައި ކަނޑައަޅާނީތޯ ސުވާލު އުފައްދައެވެ.