Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2021 | އާދީއްތަ 08:18
ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް ހަފްލާގައި ނާއިބުރައީސް ވާހަކަފުޅުދައްކަވަނީ
ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް ހަފްލާގައި ނާއިބުރައީސް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް ހަފްލާ
ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމުތަކަށް ގިނަ ބަޔަކު ތަމްރީނުކުރަންޖެހޭ: ނާއިބުރައީސް
ރާއްޖެއަށް އެންމެ ބޮޑު ނަފާއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިން
ފަތުރުވެރިކަމުގެ ދާއިރާގައި މަތީ މަގާމުތަކުގައި ތިބި ދިވެހިން މަދު
މި ސަރުކާރުން ތައުލީމީ ދާއިރާއަށް ޚާއްސަ ސަމާލުކަމެއްދޭ

ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމުތަކަށް މީހުން ތަމްރީނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ނާއިބުރައީސް މިފަދައިން ގޮވާލައްވާފައިވަނީ ހޮނިހިރު ދުވަހުގެރޭ ކުރިއަށްދިޔަ ވިލާ ކޮލެޖުގެ "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް" ހަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނާއިބުރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް އެންމެ ބޮޑު ނަފާއެއްލިބޭ އެއްދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަމަށެވެ. އެހެންނަމަވެސް މި ދާއިރާގައި މަތީ ފަންތީގައި ތިބި ދިވެހިން މަދުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގެ މަގާމުތަކަށް މީހުން ތަމްރީނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ އިދާރާތަކަށް ގޮވާލައްވާފައެވެ.

އެމަނިކުފާނު ވަނީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ދޭ އަހައްމިއްޔަތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތައުލީމީ، ހުނަރުވެރި، ފަންނީ ދަރިން އުފެއްދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިކަން މިގޮތަށް ކުރަނީ ގައުމެއް ބިނާވެ ކުރިއަރައިދަނީ ތައުލީމީ ގާބިލު އުފެއްދުންތެރި ޖީލެއް އުފެދިގެންކަން ކަމަށް ވާތީ ކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ރާއްޖޭގައި މިވަގުތު ތަރައްގީގެ މަޝްރޫއެއް ނުހިނގާ ރަށެއް ނެތްކަން ފާހަގަކުރައްވައި ނާއިބުރައީސް ވަނީ މި މަޝްރޫއުތައް ހިންގުމަށާއި، ރާއްޖޭގައި ތަރައްގީކުރާ އިދާރާތަކުގައި މަސައްކަތްކުރުމަށް ޓެކްނިކަލް ދާއިރާތަކުން ޒުވާނުން މަތީ ތައުލީމު ހާސިލުކުރުމަށް ބާރުއަޅުއްވާފައެވެ. މިކަމުން މުޅި ރާއްޖެއަށް ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މީހުން ބަލައިގަންނަ ފަދަ ކާމިޔާބެއް ހާސިލުވާނީ ނުހަނު ބުރަ މަސައްކަތުންކަމަށާއި އަދި އެތައް ފަރާތެއްގެ މަދަދާއި އެހީތެރިކަމުންކަމުގައި ނާއިބުރައީސް ވިދާޅުވިއެވެ. އަދި މީހުންގެ ނުރަނގަޅު ވާހަކަ ދެއްކުން ހުއްޓާލައި މީހުން ހޯދާ ކާމިޔާބީތަކުގެ ވާހަކަ ދެއްކުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ. އަދި އެކަކު އަނެކަކަށް އިހުތިރާމުކޮށް އެކަކު އަނެކަކުގެ މަސައްކަތް ބަލައިގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނާއިބުރައީސް ނަސޭހަތްތެރިވިއެވެ.

ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ "ގާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސެލެންސް" ހާސިލުކުރި ބައެއް ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

މި ހަފުލާގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، އައިޝަތު މުހައްމަދުދީދީ އާއި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްތަފާ ލުތުފީގެ އިތުރުން ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް