އަތޮޅުތެރޭގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި އެމްބިއުލާންސްގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ގެނެސްފައިވާ އެމްބިއުލާންސްތައް އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގަނެވިފައިވާ 20 އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމަންޓް، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަސްތެރޭގައި އެމްބިއުލަންސްތައް ފޮނުވަން ފަށާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާއެކު، މިނިސްޓްރީ އޮފް ހެލްތުން ވަނީ މި އަހަރުގެ ޖޫން މަހުގެ ދިހަ ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިހާތަނަށް އައިއިރު މީގެތެރެއިން 40 އެމްބިއުލާންސް ވަނީ ރާއްޖެ ގެނެސްފައެވެ. މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާއެކު ހެދި އެއްބަސްވުމުގައި ވާގޮތުން އެސްޓީއޯއިން އެމްބިއުލާންސްތައް ގެނެސް 180 ދުވަހުގެ ތެރޭގައި މިނިސްޓްރީއާ ހަވާލުކުރަންޖެހޭނެއެވެ.