ކ. މާލެ
|
20 އޮކްޓޯބަރ 2021 | ބުދަ 13:05
އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު،
އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު،
ފޮރިން މިނިސްޓްރީ
ސާފު ބޯފެނުގެ މައްސަލަ
ފެނުގެ މައްސަލައަށް ހައްލު ނުލިބި ތިމާވެއްޓަށް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭނެ: ޝާހިދު
 
މިކަމަށް ހޭދަވާ ވަގުތުގެ ސަބަބުން އަންހެން ކުދިން ތައުލީމުން މަހުރޫމުވޭ
 
ފެނުގެ ދަތިކަން ހުރި ގޭބިސީތަކުގެ 80 އިންސައްތަ ގޭބިސީގައި ފެން ނެގުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި އަންހެން ކުދިން
 
1.42 ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބި

ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމުގެ ހައްގު ޒަމާނުއްސުރެ ނިގުޅައިގަނެފައިވާ މުޖުތަމައުތަކަށް ވަސީލަތްތަކާއި ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ހަތަރު ވަނަ ގްލޯބަލް ވޯޓަރ އޮޕަރޭޓަރސް ޕާޓްނަރޝިޕް ކޮންގްރެސްގައި ތަގުރީރުދެއްވަމުން ޝާހިދު ވިދާޅުވީ ފެނަކީ ދިރުން ކަމަށާއި، އެކަށީގެންވާ ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމަކީ އިންސާނީ އަސާސީ ހައްގެއް ކަމަށެވެ. ޔުނިސެފްއާ ހަވާލާދެއްވައި ޝާހިދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.42 ބިލިއަނަށް ވުރެ ގިނަ މީހުން، (އެއީ 450 މިލިއަން ކުޑަކުދިން ހިމެނޭގޮތަށް) ދިރިއުޅެމުންދަނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބި ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކަށް އެކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފެނާ ގުޅުން ހުރި ނުރައްކާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރަން ޖެހިފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ފެނުގެ ދަތިކަން ހުރި ގޭބިސީތަކުގެ 80 އިންސައްތަ ގޭބިސީގައި ފެން ނެގުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަމަށެވެ. މީގެ ސަބަބުން ގިނަ ފަހަރަށް ދިގު ދަތުރުތައް ކުރުމާއި ބަރުކޮށް އެއްޗެހި އުފުލުމާއި އަދި ބައެއް ހާލަތްތަކުގައި އަނިޔާގެ ނުރައްކާ އެމީހުންނަށް ކުރިމަތިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިކަމަށް ހޭދަވާ ވަގުތުގެ ސަބަބުން އަންހެން ކުދިން ތައުލީމުން މަހުރޫމުވެ، އާމްދަނީ ހޯދުމުގެ ފުރުސަތުތައް އަންހެނުންނަށް މަދުވެގެންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެން ކުދިން ކޮންމެ ދުވަހަކު 200 މިލިއަން ގަޑިއިރު ފެން ނެގުމުގައި ހޭދަކުރާ ކަމަށް ރިޕޯޓުކުރާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މިކަންކަމުން އަރައިގަންނަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ސިޓީތަކުން ފެށިގެން ކުދި ޓައުންތަކާ ހަމައަށް، ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަދާކުރަނީ ވަރަށް ނާޒުކު އަދި ނުހަނު ބޭނުންތެރި ދައުރެއް ކަމަށެވެ. އާ ޓެކްނޮލޮޖީތަކަށް އެކްސެސް ވުމުގައި ނުވަތަ ހުނަރު އިތުރުކުރުމުގައި މި ގްރޫޕަށް އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ފެނާއި ނަރުދަމާއާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ އަދި ޚިދުމަތްތައް ބަލަހައްޓައި ތަރައްގީ ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުރިހާ ފަންތިއެއްގައި މަލްޓި-ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން ބޭނުންވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ފެނަކީ ހުރިހާ އެންމެންގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމާ ގުޅިފައިވާ ކަމެއް ކަމަށެވެ. ފެނުގެ މައްސަލަތަކަށް ހައްލުތަކެއް ނުގެނެސް ތައުލީމަށާއި ވަޒީފާއަށާއި ސިއްހީ ޚިދުމަތަށް، އަދި ތިމާވެއްޓަށް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމުގެ ހައްގު ޒަމާނުއްސުރެ ނިގުޅައިގަނެފައިވާ މުޖުތަމައުތަކަށް ވަސީލަތްތަކާއި ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ޝާހިދު ގޮވާލެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް