ބައިނަލްއަގުވާމީ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރާކަން ފާހަގަ ކުރެވޭކަމަށް އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްޒް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި އެލެއިނާ ވަނީ މި ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރަށް ތައުރީފުކުރައްވާފައެވެ.
އެލެއިނާ ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގައި މޫސުމީ ބަދަލުތައް ކުޑަކުރުމަށް ރާއްޖެއިން މަސައްކަތްކުރާ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ހިންގޭ ކަންކަމަށް ޚަރަދުކުރުމަށް ގޮވާލައި ރާއްޖެއިން ކުރާ މަސައްކަތް ފާހަގަކުރައްވާކަމަށެވެ.
އެލެއިނާ ވަނީ ރާއްޖެއާއެކު ޚިޔާލު އެއްގޮތް ކަންކަމުގައި މަސައްކަތްކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ތިމާވެށި ރައްކާތެރިކުރުމަށާއި، ކާރިސާއެއް ކުރިމަތިވާހިނދު އެކަމުން އަރައިގަތުމަށް ކުރެވެންހުރި ކަންތައްތަކާއި އަދި ކައުންޓަރ ޓެރެރިޒަމްގެ ދާއިރާއިން މަސައްކަތްކުރަން ބޭނުންފުޅުވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމެރިކާގެ ރައީސް ބައިޑަންގެ ސަރުކާރުން ޕެރިސް އެގްރީމަންޓްގައި ބައިވެރިވުމަށް ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސްގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެމެރިކާއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް ރާއްޖެއިން ދެކޭކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ރާއްޖެއާއި އެމެރިކާ ސަރުކާރުގެ ގުޅުން ބަދަހިކުރުމަށް އެލެއިނާ ޓެޕްލިޓްޒްގެ ސަފީރުކަމުގެ ދުވަސްވަރު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި އެކަމަނާއަށް ކާމިޔާބު މުސްތަގުބަލަކަށް އެދިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެލެއިނާ ވެސް ވަނީ އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ ބެހެއްޓެވި ގާތްކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ދާއިރާތަކުން ގުޅުން ގާއިމްވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށާއި، އެމެރިކާގެ ސަރުކާރުން ރާއްޖެއާއެކު ގުޅުން ގާއިމުކުރުމަށް އެހީތެރިކަމާއި، އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.